ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިރާގާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހާ ގުޅިގެން ކުރިއަށް ގެންދިޔަ "ޔަންގް އޮންޓްރޮޕްރެނިއާ ފެއާ"އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަން އޮފީހުން އިންތިޒާމްކޮށް ދިރާގުގެ ޕާޓްނާޝިޕާއެކު އާޓިފިޝަލް ބީޗުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގެ މަގުސަދަކީ ކުދިންގެ ތަފާތު ހުނަރުތަކާއި އުފެއްދުންތެރިކަން ދައްކުވައިދީ، ވިޔަފާރީގެ ދާއިރާ ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. މި ގޮތުން، 24 ސްޓޯލަކުން 51 ކުދިން ބައިވެރިވެ އެ ކުދިންގެ ވިޔަފާރީގެ ހުނަރުތައް ވަނީ ދައްކައިލައިފައެވެ.
މި ހަރަކާތުގައި ބައިވެރިވި ކުދިންގެ ވިޔަފާރި ސްޓޯލްތަކުގައި އެކި ބާވަތްތަކުގެ ތަފާތު ކާބޯތަކެއްޗާއި، އާޓް، ކްރޯޝޭކޮށް ތައްޔާރުކޮށްފައިވާ ތަކެއްޗާއި، މެންޓަލް ހެލްތާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން އަދި ކުދިން އަމިއްލައަށް ލިޔެ ޝާއިއުކޮށްފައިވާ ފޮތްތައް ހިމެނެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް ވިދާޅުވީ، އެ ފަދަ ފުރުސަތުތައް ކުދިންނަށް ފަހިކޮށްދިނުމަކީ، ކުދިންގެ ހުނަރުތައް ތަރައްގީވެ އެކުދިން އަމިއްލަ ނަފުސަށް ކުރާ އިތުބާރު އާލާވުމަށް ދެވޭ ހިތްވަރެއް ކަމަށެވެ.
"އަދި ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދެވުނު މި އިވެންޓަކީ އެކުދިންގެ އުފެއްދުންތެރިކަން ފާހަގަކުރުމަށް ދެވުނު ފުރުސަތެއް ކަމުގައިވާތީ އެތަނުގައި އެ ކުދިން ދައްކުވައިދިން ހުނަރުވެރިކަމާމެދު ވަރަށް ފަޚުރުވެރިވަން،"ވިދާޅުވިއެވެ.
"ޔަންގް އޮންޓްރޮޕްރެނިއާ ފެއާ"އަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން ފެއާގެ ސްޓޯލްތަކުގެ ހުރިހާ ބައިވެރިންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ސެޝަންގައި ސްމޯލް އަދި ހޯމް ބިޒްނަޒް ހިންގާ ތިން ފަރާތަކުން، އެ ފަރާތްތަކުގެ ތަޖުރިބާއާގުޅޭގޮތުން ކުދިން ޝައުގުވެރިކޮށް ހިތްޖެއްސުމުގެ ގޮތުން ވާހަކަދައްކާފައިވެއެވެ.
މީގެ އިތުރުން، ފައިނޭންޝަލް ލިޓްރެސީއާ ގުޅޭ މައުލޫމާތާއެކު، "ދިރާގު ޕޭ"އާ ގުޅޭ މައުލޫމާތު މި ސެޝަންގައި ވަނީ ހިއްސާކޮށްފައިވެއެވެ. އަދި، މި ހަރަކާތުގައި ބައިވެރިވި ކުދިންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ބެހޭގޮތުން "ދިރާގު ނެޓްޕްރޮޓެކްޓް"ގެ ޚާއްސަ ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދިރާގުގެ ސީނިއާ މެނޭޖަރު ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވީ ކުޑަ ކުދިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން، ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހާ ގުޅިގެން ބޭއްވި އެ މުހިންމު ހަރަކާތަށް އެއްބާރުލުން ދިނުމަކީ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އޮންޓްރޮޕްރެނިއާޝިޕް، ޑިޖިޓަލް ލިޓަރަސީ، އަދި އޮންލައިން ސޭފްޓީގެ ހޭލުންތެރިކަން އިތުރުކޮށް، އަންނަން އޮތް ޖީލު އުޖާލާ އަދި ރައްކާތެރި މުސްތަޤްބަލަކަށް ވާސިލުވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމަށް މަސައްކަތް ކުރުމަކީ ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ މުހިންމު އަމާޒެއް،" އޭނާ ވިދާޅުވިއެވެ.
ދިރާގުން ދަނީ، ރާއްޖޭގެ އަންނަން އޮތް ޖީލު ބިނާކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ، މާދަމާގެ ޒުވާނުން ތަރައްގީކުރުމަށް ހިންގާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވަމުން ކަމަށް އެ ކުންފުނިން ބުންޏެވެ.