ސަރުކާރަށް ނުބެލެހެއްޓޭ ނަމަ ބްރިޖު ކައުންސިލާ ހަވާލުކުރަން ގޮވާލައިފި

މާލޭ، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު: އޭނާ ވަނީ ސިނަމާޅެ ބްރިޖު މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ގޮވައިލައިފަ -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ހައުސިން ޑިވެލޮޕްމެންޓަ ކޯޕަރޭޝަން (އެޗްޑީސީ)އަށް ސިނަމާލެ ބްރިޖުގެ ޢާންމު ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭނަމަ ބެލެހެއްޓުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރަން އެ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ސައިފް ފާތިޙް މިއަދު ގޮވާލައްވައިފިއެވެ.

ސައިފް ވަނީ ސިނަމާލެ ބްރިޖުގައި ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން ދިމާވާ އެކްސިޑެންޓުތައް އަނެއްކާ ވެސް ގިނަވަމުން އަންނަކަން ފާހަގަކޮށްފައެވެ.

ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމަށް އެޑްރެސްކޮށް ސައިފް ފޮނުއްވާފައިވާ ސިޓީގައި ވަނީ ސްޕީޑް ލިމިޓު ފަހަނައަޅައި ގޮސް 80، 90، ނުވަތަ 100 ކިލޯމީޓަރު ބާރުމިނުގައި މީހަކު ދުއްވާފައިނުދާ ފަހަރަކު އޭނާއަށް އަދި ބްރިޖަށް ނޭރޭ ކަމަށް ވިދާޅުވެފައެވެ.

ބްރިޖާ ގުޅޭ މަގުތަކުގައި ވެސް އެކަށީގެންވާ ގޮތެއްގައި އިންޒާރާއި ނަސޭހަތުގެ ބޯޑުތަކާއި ސްޕީޑު ލިމިޓު ހަރުކޮށްފައި ނެތުމުން އެކަމުގެ ކަންބޮޑުވުން ވެސް ސައިފް ވަނީ ހިއްސާކޮށްފައެވެ.

އެހެންކަމުން، އެ ކަންބޮޑުވުންތައް ފާޅުކޮށް ކަމާބެހޭ ފަރާތްތަކަށް އެ މައްސަލަ ހުށަހެޅުމަށް، ކައުންސިލްގެ ފަރާތުން ލަފަޔާއި އިރުޝާދު އަރުވަންވީ ގޮތުގެ މައްޗަށް މަޝްވަރާކުރުމަށް މި ހަފުތާގެ ރަސްމީ ޖަލްސާއަށް މި މައްސަލަ އެޖެންޑާކޮށްދިނުމަށް ވެސް ސައިފް ވަނީ އެދިފައެވެ.

އޭނާ ވަނީ ބްރިޖަށް އެރުމަށް ފަހު 100 ކިލޯމީޓަރުގައި ދުއްވާފައި ގޮސް، އަނެއް ފަރާތުން ފައިބައިގެންދާއިރު ލައިސަންސާއި ވެހިކަލް ހިފަހައްޓާނެކަމުގެ ޔަޤީންކަން އޮންނަންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި، ކެމެރާ ސިސްޓަމްގެ ބޭނުމަކީ ކަމެއް ވުމުން ވީގޮތް ބެލުން ނޫން ކަމަށާއި އެ ސިސްޓަމަކީ ބާރަށް ދުއްވާ މީހުން ދެނެގަނެ ސްޕީޑުކުރުން ހުއްޓުވުމުގެ ވަސީލަތަކަށް ވާންޖެހޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބްރިޖުން މާލޭން އަރާ މީހާ ގޮސް ހުޅޫމާލެއާ ބައްދަލުވާއިރު ފެންނާނީ ކުލަވެއްޓިފައި އިން ދެ ބޯޑު. 50 ޖަހާފައި އިންނާނީ ކުލަވެއްޓިފައި އިންނާނީ. ރަނގަޅަށް އެއެއް ފެންނާކަށް ވެސް ނެތް. އިންޒާރުގެ އެއްވެސް ބޯޑެއް ނުހުންނާނެ. އެހެންވީމާ، މި ހުންނަނީ ކުރެވޭނެ ކަންތައްތައް. މީހުންނަށް ރިމައިންޑް ކޮށްދިނުން، ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ސައިފް ފާތިޙް

އަދި، ހުޅުމާލޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލާ ޙަވާލުކުރުމަށް ސަރުކާރުން ނޫޅޭ ކަމަށާއި އެޗްޑީސީއާއި ސަރުކާރަށް ބްރިޖްގެ ޢާންމު ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭނަމަ ނުވަތަ ބަލަހައްޓަން ނޭނގޭނަމަ އެކަން ކުރުމަށް މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ސައިފް ވަނީ ގޮވާލައްވައިފައެވެ.

"އަޅުގަނޑު ސަރުކާރުގަ ދަންނަވަން، އަދި އެޗްޑީސީއަށް ވެސް ދަންނަވަން މި ކަންތަކުގައި ތަންކޮޅެއް ރަނގަޅަށް، ވަޅޯ ތާފަނާ ތަރުހީބޭ ކިޔާ އެއްޗެއް އަޅުގަނޑުމެން ސްކޫލުގައި ކިޔެވިން. އެއީ ދެން ފަށައިގަންނާނެ ވަރަށް ބާރުމިނުގައި އެކަމަކު އެ ދެން ދަމުންދަމުން ހަމަ ބޮޑު ނަގުލަށޭ މި ކިޔަނީ ދެއްތޯ ހަމަ ހިލިވެގެން ދާގޮތަށް. އެގޮތަށް މިކަން ނުކުރައްވާ ކޮންސިސްޓެންޓުކޮށް މިކަން ކުރައްވަން ޖެހޭ،" ސައިފް ވިދާޅުވިއެވެ.

ސިނަމާލޭ ބްރިޖު މަތީގައި ނިމިދިޔަ މަހު އެކަނި ވެސް ވަނީ ނުރައްކާތެރި ތިން އެކްސިޑެންޓެއް ހިނގާފައެވެ. ސައިފް ވަނީ މާލެ ސިޓީ ކައުންސިލަރަކު ވެސް ބްރިޖުގައި ދުއްވާފައި ދަނިކޮށް އެކްސިޑެންޓުވެ، ބޮޑެތި އަނިޔާތަކެއް ނިމިދިޔަ ހަފުތާގައި ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް