ހުޅުމާލޭގެ ކްލިނިކެއްގައި ކުޑަކުއްޖަކަށް އަނިޔާވެދާނެފަދަ ގޮތަކަށް އަމަލުކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ދެ މީހަކު ވެގެން ގަދަ ކަމުން ކުޑަކުއްޖަކު ހިފަހައްޓަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައިވަނީ އާންމުވެފައެވެ. އެ ވީޑިއޯއިން ފެންނަނީ އަންހެން މީހަކު އިތުރު މީހަކާއެކު އައިސް ކުޑަކުއްޖަކު ހިފަހައްޓަން އުޅޭ މަންޒަރެވެ.
އެ ވަގުތު ހަމަ އެ ތަނުގައި ހުރި ކުޑަ މޭޒެއް ދޮށުގައި ފޮތެއް ހިފައިގެން އެހެން ކުޑަކުއްޖަކު އިންނަ މަންޒަރު ވެސް ފެނެއެވެ.
އެ ވީޑިއޯގައިވަނީ އެ ކުއްޖާ ހިފެހެއްޓުމުގެ ތެރޭގައި އޭނާގެ އަތަށް ލިބުނު ކަމަށް ބެލެވޭ އަނިޔާގެ މަންޒަރު ވެސް ދައްކައިފައެވެ. އެއިން ފެންނަ ގޮތުގައި ކޮނޑަށްވުރެ ތިރިން، ދެ ތަނަކުން އެ ކުއްޖާއަށް އަނިޔާވެފައިވެއެވެ.
މި ކަމާ ގުޅިގެން ފުލުހުން ބުނީ، މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ހުންނަ ކްލިނިކަކަށް ތެރަޕީ ނަގަން ދިޔަ ކުޑަކުއްޖަކަށް ޖިސްމާނީ ގޮތުން އަނިޔާ ވެދާނެ ގޮތަކަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.
އިއްޔެ ފާހަގަކުރި ކުޑަކުދީންގެ ދުވަހާ ގުޅުވައި، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިންވަނީ ކުޑަކުދިންނާ ގުޅޭ ތަފާސްހިސާބެއް ހިއްސާކޮށްފައެވެ.
އެއިން ދައްކާ ގޮތުގައި ކުޑަކުދިންނަށް އެންމެ ގިނައިން ލިބިފައިވަނީ ޖިންސީ އަނިޔާއެވެ. އެ ފަދަ 236 މައްސަލައެއް ފާހަގަކޮށްފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެން ކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެވެ.