ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުވަރީ 26 ގައެވެ.
ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އެކަމަކު، އަނެއް ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައިފައެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދިޔައީ ކޮމިޓީ ސިއްރުކޮށްގެންނެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މިއަދު ސިއްރުކޮށްގެން ބޭއްވި ކޮމިޓީން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ފާސްކޮށްފައެވެ.
އެ މައްސަލަ އަދި މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްކުރަން ޖެހޭނެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޖުޑީޝަރީ ކޮމިޓިގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވަނީ ކޮމިޓީ ސިއްރުކުރަން ނިންމެވުމުން އެ ކަމާ ނުރުހުން ފާޅުކުރައްވައި ނުކުމެވަޑައިގެންފައެވެ.
ކުއްލި ގޮތަކަށް ޖޭއެސްސީން ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށެވެ. ޚާއްސަކޮށް، އެ ދުވަހު އެ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ތާވަލުކޮށް، ޝަރީއަތް ފަށަން 15 މިނެޓަށްވެފައި އޮއްވައި ސަސްޕެންޑުކުރުމުން ފާޑުކިޔުން އަމާޒުވިއެވެ.
މި މައްސަލަ ޖޭއެސްސީން ނިންމިއިރު އެކަށިގެންވާ ގޮތެއްގައި ޖަވާބުދާރީވުމުގެ ފުރުސަތު ފަނޑިޔާރުންނަށް ނުލިބޭކަމުގެ ކަންބޮޑުވުން އެ ފަނޑިޔާރުންގެ ވަކީލުންގެ ފަރާތުން ފާހަގަކުރިއެވެ. އަދި، ޖުޑީޝަރީ ކޮމިޓީގައި އެ މައްސަލަ ކުރިއަށްދާއިރު ޖަވާބުދާރީވުމުގެ ފުރުސަތު ދޭން އަޒްމިރަލްދާގެ ފަރާތުން ވެސް ކޮމިޓީގައި އެދިވަޑައިގަތެވެ.
އެކަމަކު، ކޮމިޓީން ނިންމީ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މައްސަލަ ނިންމާށެވެ.
ފަނޑިޔާރުން ވަކިކުރަނީ ސުޕްރީމް ކޯޓުގައި އޮތް ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވިފައި އޮއްވައި އެ ފަނޑިޔާރުންނާ ދެކޮޅަށް ޖޭއެސްސީގައި ބަޔާންދިން ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ޙުސައިން މުޙައްމަދު ޙަނީފަށް މި ފަހުން ވަނީ ސަރުކާރު ކުންފުނި ފެނަކައިގެ އިސް މަގާމެއް ދީފައެވެ.
މަހާޒާއި އަޒްމިރަލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި ސުލޫކީ މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ. އެކަމަކު، އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ޖޭއެސްސީއަށް ދިން ބަޔާނުން ވެސް މަހާޒް ގުޅުއްވީ އިސްމާއިލް ލަތީފް ދޫކޮށްލި ފަހުންކަން އެނގެއެވެ.
ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޚާއްސަކޮށް ސަރުކާރުން ޖުޑީޝަރީއަށް ނުފޫޒު ފޯރުވައި ކަމަށް އިސްތިއުފާދެއްވި ހުސްނުއްސުއޫދުގެ އިސްތިއުފާގެ ސިޓީގައި ވެސް ވިދާޅުވެފައިވެއެވެ. އެ ކަމާ ގުޅިގެން އދ. އާއި ކޮމަންވެލްތުގެ ގާނޫނީ ވަކީލުންގެ ފަރާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޖުޑީޝަރީއަށް ނުފޫޒު ފޯރުވައިކަމުގެ ތުހުމަތު ކުރެވުނު ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަންކަން އެގޮތަށް ހިނގުމަކީ އިއްތިފާގެއް ކަމަށާއި ނުފޫޒު ނުފޯރުވައި ކަމަށެވެ.