ސުޕްރީމް ކޯޓުގައި މައްސަލަތައް ނުހިންގި ހުއްޓުވާފައި އޮންނަންޏާ ހައިކޯޓާއި ދަށު ކޯޓުތައް ބަންދުކުރަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
އަމިއްލަފުޅު ގެކޮޅު ހ. ދޫވެހީގައި ޔާމީން ގެންދަވަނީ އަމިއްލަފުޅު ޕާޓީ، ހައްދައިވައިގެން ސިލްސިލާ ޖަލްސާތަކެއް ބާއްވަމުންނެވެ. އެ ޖަލްސާތަކުގައި އެ މަނިކުފާނު ގެންދަވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށާއި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ ކޯޓުތަކުގެ ވާހަކައަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މި ސަރުކާރު އައި ފަހުން ޖުޑިޝަރީއާ ދޭތެރޭ އެއްވެސް މީހެއްގެ އިތުބާރެއް ނެތް ކަމަށް ޔާމީން ވިދާޅުވިއެވެ.

ހައިކޯޓު: ޔާމީން ވިދާޅުވީ، ސުޕްރީމް ކޯޓު ނުހިނގާނަމަ ހައިކޯޓު ބަންދު ކުރަން ޖެހޭ ކަމަށް --- ސަން ފައިލް ފޮޓޯ/ އިޙްތިޝާމް މުޙައްމަދު
މި ފަހުން ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް އެ ކޯޓުގައި ނުހިނގާ ކަމަށް ބުނެ ބޭރުކޮށްލާފައިވާ ކަމަށް ޔާމީން ވިދާޅުވިއެވެ. މައްސަލަތައް ނުބަލައި ބޭރުކުރަނީ ކީއްވެގެންތޯ އެ މަނިކުފާނު ސުވާލު އުފެއްދެވިއެވެ. އެގޮތުން، މިހާރު ވެސް އެ ކޯޓުގައި ތިން ފަނޑިޔާރުން ތިއްބެވިކަން ޔާމީން ފާހަގަކުރެއްވިއެވެ.
ސުޕްރީމް ކޯޓު ފަންކްޝަނަލް ނުވާކަމަށް ވަންޏާ އަދި ދައުލަތުގެ އެންމެ މަތީ ސްކޮޑް އެހެން ވިދާޅުވާ ކަމަށްވަންޏާ އަޅުގަނޑުގެ ސަޖެޝަންއަކީ ދަށު ކޯޓާއި ހައިކޯޓު ބަންދުކުރުން. އަމިއްލަފުޅަށް އެ ވިދާޅުވީ، ސުޕްރީމް ކޯޓެއް ނުހިންގޭނެޔޭ. އެހެންވީމާ ކީއްކުރަންތޯ ދަށު ކޯޓަށް ގެންގޮސް މީހުންނަށް އަދަބު ދޭންވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
މީގެ އިތުރުން، ދެން ޖެހޭނީ ހުކުމް ޖަހަޖަހާފައި މީހުން ޖަލަށް ލާންކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ޖަލަށް ލީމާ ނުކުމެވޭނެ ގޮތެއް ނެތް ކަމަށެވެ. އެ މަނިކުފާނު ވަނީ އެންމެ މަތީ ކޯޓު ހުއްޓުވާފައި އޮންނާތީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެ ޖަލްސާގައި ޔާމީން ވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރަށް ކޮމިޓީގައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދިނުމުން އެ ކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޔާމީން އެ ކަންބޮޑުވުން ފާޅުކުރެއްވިއިރު ޖުޑިޝަރީ ކޮމިޓީން ވަނީ ޖަވާބުދާރީވާން ފުރުސަތު ނުދީ، ދެ ފަނޑިޔާރުން ވަކިކުރަން ނިންމައިފައެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ ފެބްރުވަރީ 26 ގައެވެ.

ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ/ މޫސާ ނަދީމް
ކުއްލި ގޮތަކަށް ޖޭއެސްސީން އެ ފަނޑިޔާރުން ސަސްޕެންޑުކުރީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުން އަންނަނިކޮށެވެ. ޚާއްސަކޮށް، އެ ދުވަހު އެ މައްސަލައިގައި ހިމެނޭ ވަގުތީ އަމުރުތަކާ މެދު ގޮތެއް ނިންމަން ތާވަލުކޮށް، ޝަރީއަތް ފަށަން 15 މިނެޓަށްވެފައި އޮއްވައި ސަސްޕެންޑުކުރުމުން ފާޑުކިޔުން އަމާޒުވިއެވެ.
ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އެކަމަކު، އަނެއް ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު މަގާމުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައިފައެވެ. އެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުމުން އެ މައްސަލަ ކުރިއަށް ގެންދިޔައީ ކޮމިޓީ ސިއްރުކޮށްގެންނެވެ.
'ސަން'އަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި އިއްޔެ ސިއްރުކޮށްގެން ބޭއްވި ކޮމިޓީން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމީ ރަނގަޅަށް ކަމަށް ފާސްކޮށްފައެވެ.
އެ މައްސަލަ އަދި މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ ވޯޓުން ފާސްކުރަން ޖެހޭނެއެވެ.
ފަނޑިޔާރުން ވަކިކުރަނީ ސުޕްރީމް ކޯޓުގައި އޮތް ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް ވަރަށް ބޮޑަށް ތުހުމަތުކުރެވިފައި އޮއްވައެވެ.
އެ ފަނޑިޔާރުންނާ ދެކޮޅަށް ޖޭއެސްސީގައި ބަޔާންދިން ހައިކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ޙުސައިން މުޙައްމަދު ޙަނީފަށް މި ފަހުން ވަނީ ސަރުކާރު ކުންފުނި ފެނަކައިގެ އިސް މަގާމެއް ދީފައެވެ.
މަހާޒާއި އަޒްމިރަލްދާއާ ގުޅޭ ގޮތުން ޖޭއެސްސީން ބެލި ސުލޫކީ މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފު ހައްޔަރުކުރުމުން އޭނާ ދޫކޮށްލަން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައެކެވެ. އެކަމަކު، އެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް ޒިހުނީ ޖޭއެސްސީއަށް ދިން ބަޔާނުން ވެސް މަހާޒް ގުޅުއްވީ އިސްމާއިލް ލަތީފް ދޫކޮށްލި ފަހުންކަން އެނގެއެވެ.