ކަންބޮޑުވުންތަކަށް ޖޭއެސްސީން ޖަވާބުދާރީވަންދެން، ފަނޑިޔާރުން ވަކިކުރުން މަޑުޖައްސަން ލޯ އޭޝިއާއިން ގޮވައިލައިފި

ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި. ބާކީ ދެ ފަނޑިޔާރުން ވަކިކުރަން ވަނީ ނިންމައިފައި -- ފޮޓޯ/ ރައީސް އޮފީސް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމި މައްސަލައިގައި، ރާއްޖޭގެ ބާ ކައުންސިލުން ފާޅުކުރި ކަންބޮޑުވުންތަކަށް އެ ކޮމިޝަނުން ޖަވާބުދާރީ ވަންދެން، ފަނޑިޔާރުން ވަކިކުރުން މަޑުޖައްސައިލަން ދަ ލޯ އެސޯސިއޭޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް (ލޯ އޭޝިއާ) އިން މިއަދު ގޮވާލައިފިއެވެ.

ބައިނަލްއަގްވާމީ އެސޯސިއޭޝަނެއްކަމަށްވާ ލޯ އޭޝިއާއިން ނެރުނު ބަޔާނުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމުމުން އެ ކަމާ ވަރަށް ކަންބޮޑުވާ ކަމަށެވެ.

މި ދެ ފަނޑިޔާރުންގެ އިތުރުން، އިސްތިއުފާދެއްވި ފަނޑިޔާރު ހުސްނުއްސުއޫދު ސަސްޕެންޑުކުރުމަކީ ރާއްޖޭގައި، ގާނޫނީ ވެރިކަމުގެ ހަމަތަކަށް ތަބާވުމާއި، އަދުލު އިންސާފުގެ ބާރުގެ މިނިވަންކަމާމެދު މެދު ސުވާލު އުފެދުނު ކަމެއް ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އެެހެންކަމުން މީގެ ކުރިން ކޮމަންވެލްތު ލޯ އެސޯސިއޭޝަނުން ފާޅުކުރި ކަންބޮޑުވުންތައް، ލޯ އޭޝިއާގެ ފަރާތުން ވެސް ފާޅުކުރާ ކަމަށް ވަނީ ބުނެފައެެވެ.

ލޯ އޭޝިއާއިން ބުނީ ފަނޑިޔާރުން ވަކިކުރުމަށް ޖޭއެސްސީގެ ނިންމުން އައީ، ދެ ފަނޑިިޔާރުންގެ ވަކީލުންނަށް ސުލޫކީ މައްސަަލައިގެ އަޑުއެހުންތަކުގައި ދިފާއުގައި ވަކާލާތުކުރުމުގެ ފުރުސަތު ވެސް އެކަށީގެންވާ ގޮތެއްގައި ނުދީ ކަމަށެވެ.

އަދި ޖޭއެސްސީން ގޮތެއް ނިންމުމުގެ ކުރިން، އަޒްމިރަލްދާ، އޭނާގެ ދިފާއުގައި ވާހަކަދައްކަން ފުރުސަތަކަށް އެދުމުން އެ ފުރުސަތު ވެސް ޖޭއެސްސީން ނުދިން ކަމަށް އެ އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެެ.

އެ އެސޯސިއޭޝަނުން ބުނީ، ޖޭއެސްސީން އަމަލުކުރި ހާމަކަން ކުޑަ ގޮތުގެ ސަބަބުން މި މައްސަަލައިގައި އިންސާފުވެރިކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ. އަދި މި ކަންބޮޑުވުންތަކަކީ ހަގީގަތް އެކުލެވޭ ކަންތައްތަކެއް ނަމަ، ރާއްޖޭގައި ގާނޫނީ ވެރިކަމެއް ކުރުމުގެ އަސާސްތަކާއި، އަދަލު އިންސާފުގެ ބާރުގެ މިނިވަންކަމާމެދު ސުވާލު އުފެދޭކަމަށް ވިދާޅުވިއެވެ.

އެއާއެކު ލޯ އޭޝިއާއިން ސަރުކާރަށް ގޮވައިލި ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭގެ ބާ ކައުންސިލުން ފާޅުކުރި ކަންބޮޑުުވުންތަކަށް ޖަވާބުދާރީވަންދެން ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޑުޖައްސައިލުން
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް އަޅަން ހުށަހަޅާ ފިޔަވަޅުތައް އެޅުމުގައި ހާމަކަން ބޮޑު ދެފުށް ފެންނަ ނިޒާމެއް އިސްކުރުން
  • ފަނޑިޔާރުން ވަކިކުރުމުގައި އަމަލުކުރާ އުސޫލަކީ، ރަނގަޅު އުސޫލެއްކަން ކަށަވަރުކުރުމާއި، ހަމަހަމަކަމުގެ އެންމެ އަސާސީ ސިފަތައްކަމަށްވާ، ފުރިހަމަ އަޑުއެހުންތަކެއް ބޭއްވުން

ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމީ މި މަހުގެ ހަތަރުވަނަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ މި މަހުގެ ފަސްވަނަ ދުވަހެވެ.

ކޮމިޓީގައި ޖަވާބުދާރީވުމަށް ފަނޑިޔާރުންގެ ފަރާތުން އެދުމުން، އެ ފުރުސަތު ނުދޭން ނިންމުމަށް ފަހު، އިއްޔެ ބޭއްވި ކޮމިޓީ ވަނީ ސިއްރުކޮށްފައެވެ. އަދި ކޮމިޓީން ނިންމީ ފަނޑިޔާރުން ވަކި ކުރުމަށެވެ.

ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައި ސަސްޕެންޑުކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާގެ އިތުރުން، ހުއްނުއްސުއޫދެވެ.

ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ކުރަނީ ސަރުކާރުން ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވައެވެ.

comment ކޮމެންޓް