ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ބަލައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ސަރުކާރު ހިންގާ ޕީއެންސީން ގެނައި ބަދަލު، ކުރިން އޮތް ގޮތަށް މިއަދު އަނެއްކާ ވެސް ބަދަލުކޮށްފިއެވެ.
މަޖިލީހުގެ ރިޔާސަތުން އިއްޔެ ވަނީ ކޮމިޓީއަށް ބަދަލު ގެނައިކަން އިއުލާނުކޮށްފައެވެ.
އެ ގޮތުން، ކޮމިޓީގައި ހިމެނިވަޑައިގަންނެވި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުގެ ބަދަލުގައި އެ ކޮމިޓީއަށް ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހިމް ދީދީ އައްޔަންކުރި ކަމަށް ރިޔާސަތުން އިއުލާނުކުރިއެވެ.
އެކަމަކު، އެ ކޮމިޓީގެ މިއަދުގެ ޖަލްސާ ބޭއްވިއިރު ކޮމިޓީއަށް ހާޒިރުވެވަޑައިގަތީ މެންބަރު ނިޒާރެވެ.
އެ ކަމާ ގުޅިގެން ކޮމިޓީ ފައްޓަވަމުން ޖުޑިޝަރީ ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރަކް ވިދާޅުވީ، ކޮމިޓީއަށް ބަދަލު ގެނައި އަންގާރަ ދުވަހު ކަމަށެވެ. އެއީ، މަޖިލީސް ތަމުސީލުކުރައްވަން ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށް މެންބަރު އިސްމާއިލް ނިޒާރު ރަސްމީ ދަތުރުފުޅެއްގައި ހުންނެވުމުން ގެނައި ވަގުތީ ބަދަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، މެންބަރު އެނބުރި މާލެ ވަޑައިގަތުމުން ކުރިން އޮތް ގޮތަށް އަލުން ކޮމިޓީ ބަދަލުކުރީ ކަމަށް ހުސްނީ މުބާރަކް އިއުލާނުކުރެއްވިއެވެ.

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: އެ ކޮމިޓީއަށް ގެނައި ވަގުތީ ބަދަލެއް ކަމަށް މުގައްރިރު ވިދާޅުވި -- ފޮޓޯ/ މަޖިލީސް
"އަޅުގަނޑު މިހެން މި ފާހަގަކުރީ މީޑިއާގައި ވަކި ގޮތަކަށް، ވަކި މަސައްކަތެއް ކުރުމަށްޓަކައި ގެނެވުނު ބަދަލެއްގެ ގޮތުގައި ތަސައްވުރު ކުރެވޭ ފަދަ ގޮތަކަށް އެ ޚަބަރު އޮތީމާ،" އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީން ޖުޑިޝަރީ ކޮމިޓީއަށް ވަގުތީ ބަދަލު ގެނައި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައި، އެ މައްސަލަ އެ ކޮމިޓީއަށް ހުށަހަޅާފައި އޮއްވައެވެ.
ޕާޓީން ވަކިވުމުންނާއި ވަކިކުރުމަށް ފަހު ވެސް މަޖިލީސް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބައްލަވަމުންދިޔަ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރެއްގެ މައްސަލަތަކެއް ބަލަން ފަށައި، އެ ފަނޑިޔާރުން ސަސްޕެންޑުކުރީ ކުއްލިއަކަށެވެ. އެއީ، އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައެވެ.
ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފައެވެ. ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައިފައެވެ.
އެއީ، ސިޔާސީ ގޮތުން ޝަރުއީ ދާއިރާއަށް ޚާއްސަކޮށް ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލައަށް ނުފޫޒު ފޯރުވަން ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއީ އިއްތިފާގެއް ކަމަށް ވިދާޅުވެ، ނުފޫޒު ފޯރުވާކަމަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވައިފައެވެ.
އެކަމަކު، ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ އެޖެންޑާގައި ފަނޑިޔާރުން ވަކިކުރާ މައްސަލައެއް ނެތެވެ. މިއަދުގެ އެޖެންޑާގައި އޮތީ ބަންޑާރަނައިބުގެ އޮފީހުގެ ބިލު ދިރާސާކުރުމާއި ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ދިރާސާކުރުމެވެ.