ކުރީގެ އެއާޕޯޓުތައް ވަނީ "ބަޔަކު ލޮލުން ކަރުނަ އަޅާ ވަރަށް" ވީރާނާވެފައި: އައްބާސް

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް: ވިދާޅުވީ ކުރީގެ އެއާޕޯޓުތައް ވަނީ "ބަޔަކު ލޮލުން ކަރުނަ އަޅާ ވަރަށް" ވީރާނާވެފައި ކަމަށް -- ފޮޓޯ/ މަޖިލިސް

މީގެ ކުރިން އަޅާފައި ހުރި ޑޮމެސްޓިކް އެއާޕޯޓުތައް މިއަދު ވަނީ "ބަޔަކު ލޮލުން ކަރުނަ އަޅާ ވަރަށް" ވީރާނާވެ، މަރާމާތަށް ބޭނުންވެފައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބިލަށް ބަހުސްކުރައްވަމުން މެންބަރު އައްބާސް ވިދާޅުވީ މިހާރު ފެންނަ މަންޒަރަކީ ވަރަށް ކުރީއްސުރެ ހަދާފައި ހުރި އެއާޕޯޓުތައް އެއް ދުވަހުން އަނެއް ދުވަހަށް ތަރައްގީވުމުގެ ބަދަލުގައި އެއާޕޯޓުތަކުގެ ޚިދުމަތްތައް ނެތެމުންދާ މަންޒަރު ކަމަށެވެ.

"ހިތާމަޔާއެކު ދަންނަވާލަން ބޭނުންވަނީ ރާއްޖޭގައި މިދިޔަ ދުވަސްތަކުގައި ހެދިފައި ހުރި ޑޮމެސްޓިކް އެއާޕޯޓުތައް ވަނީ ބަޔަކު ލޮލުން ކަރުނަ އަޅާ ވަރަށް ވީރާނާވެ، މަރާމާތަށް ބޭނުންވެފައި އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން އައްބާސް ވިދާޅުވީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ރ. އިފުރު އެއާޕޯޓުގެ ހާލަތުގެ ވާހަކައެވެ. ކުޑަމިނުން އެ އެއާޕޯޓުގައި އިށީންނަން ހުންނަ ގޮނޑިތަކުގެ ހާލަތު ވެސް ދަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނ. މާފަރު އެއާޕޯޓުގެ ހާލަތު ވެސް އެހާ ދަށް ކަމަށް ވިދާޅުވެ އައްބާސް ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ.

"ތަށިމުށިގަނޑު ނެތި ތަޅުންގަނޑަށް ވެފަ އެ އެއާޕޯޓު މިހާރު އެއޮތީ. އަދި އެ އެއާޕޯޓަށް އަރައިފައިބާ މީހުން ޓާމިނަލުން ނުކުމެ އިށީނދެލާނެ ރަނގަޅު އިންތިޒާމެއް ވެސް ހަމަޖެހިފައެއް ނެތް އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުމުން ބިލުގެ މައިގަނޑު ބޭނުމަކަށްވާން ޖެހޭނީ އޭވިއޭޝަން ދާއިރާގަ ހުރި މިފަދަ ކަންކަމަށް ހައްލެއް ހޯދުން ކަމަށެވެ.

"އިއްޒަތްތެރި ރައީސް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ހދ. ގައާއި، ހއ. ގައާއި، ށ. އަތޮޅުގައާއި ރ. އަތޮޅުގައާއި ތިން ހަތަރު ފަސް އެއާޕޯޓު އަޅަމުންދާ މަންޒަރު. ކައިރީގަ އޮތް ށ. ފުނަދޫން 15 މިނެޓުން ދެވޭ ށ. މިލަންދޫގައި ވެސް އެއާޕޯޓު އަޅާ މަންޒަރު،" އައްބާސް ވިދާޅުވިއެވެ.

އައްބާސް ވިދާޅުވީ އެއާޕޯޓު އެޅުމާ އޭނާ ދެކޮޅު ހައްދަވަނީ ނޫން ކަމަށާއި، ނަމަވެސް އެއާޕޯޓެއް އަޅާނަމަ އެކަމާ ގުޅޭ ދިރާސާތަކެއް ވެސް ކޮށް، އެއާޕޯޓު އެޅުމުގެ ޚަރަދުވެސް ލިބޭނެ ގޮތަކަށް ބަލަންޖެހޭ ކަމަށެވެ.

ވަކިން ޚާއްސަކޮށް ރައްޔިތުންނަށް އެންމެ ބޭނުންވާ ސަރަޙައްދުތަކުގައި އެއާޕޯޓު އެޅުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް އައްބާސް ވިދާޅުވިއެވެ.

އެގޮތުން ވެލިދޫ، ހޮޅުދޫ، ފޮއްދޫ ރައްޔިތުންގެ އެދުންތަކާ އެއްގޮތްވާ ގޮތަށް ނ. ވިހަފަރު އެއާޕޯޓު އަޅުއްވާދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ކުރީގެ އެމްޑީޕީ ސަރުކާރުން ވެސް ކުރަން ވައުދުވެ، ނުކުރި ކަމެއް ކަމަށާއި، މި ސަރުކާރުން އެ އިހުމާލު ނުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އައްބާސް ވިދާޅުވިއެވެ.

މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބިލެއް ހުށަހަޅާފައި ވަނީ ޒަމާނާ އެކަށީގެންވާ ތަންފީޒީ ނިޒާމެއް މެދުވެރިކޮށް މަދަނީ ވައިގެ ދަތުރުފަތުރުގެ އެންމެހާ ކަންކަން ހިިންގައި ތަންފީޒު ކުރުމަށްޓަކައި ތައާރަފުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ތައާރަފު ކުރުމުގެ މަގުސަދުގައެވެ.

comment ކޮމެންޓް