ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ސިއްރުކޮށްގެން ބާއްވާ ބައްދަލުވުންތަކުގެ މައުލޫމާތު ތަޅުމުގައި ހާމަނުކުރަން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله އެދިވަޑައިގެންފިއެވެ.
މިއަދުގެ ޖަލްސާގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ގަވަރުނަރު އަހްމަދު މުނައްވަރާ ހަވާލާދީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، އެ އިސްލާހުގެ ބޭނުމަކީ މިހާރު ބޭނުންކުރަމުންދާ ފަވަރަ ހަރުދަނާކޮށް، ކޯޕޮރަޓައިޒްކޮށް އެހެން ބޭންކުތަކަށް ބައިވެރިކުރުވުމުގެ ދައުވަތު ދިނުން ކަމަށެވެ.
މި އިސްލާހަށް ބަހުސްކުރައްވަމުން ހަމަ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވީ، ގައުމާ މެދު އެމްއެމްއޭއިން ދެކޭ ގޮތް ބަނަ ކަމަށް އެމްއެމްއޭގެ ފަރާތުން ބުނި ކަމަށެވެ. އެމްއެމްއޭގެ ބައެއް ތަފާސްހިސާބުތަކާ ހަވާލާދީ އޭނާ ވިދާޅުވީ މިދިޔަ އަހަރު ޖީޑީޕީ ރެކޯޑު އަދަދަކަށް ވެއްޓިފައިވާ ކަމަށާއި، އެގޮތުން ޖީޑީޕީ 5.5 ޕަސެންޓުން ކުރިއަރައިގެން ދާނެ ކަމަށް އެމްއެމްއޭއިން އަންދާޒާކުރި ނަމަވެސް، މުރާޖައާކުރިއިރު އެ އަދަދު އޮތީ 3.3 ޕަސެންޓުގައި ކަމަށެވެ.
މީގެ އިތުރުން މި އަހަރު އިންފްލޭޝަން ވެސް 8.5 ޕަސެންޓު ފަހަނައަޅާ ހިނގައްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްހީދު ވިދާޅުވިގޮތުގައި، އަންނަ އަހަރު ލޯނު ދެއްކޭ ފަދަ ހާލަތެއްގައި އޮތްތޯ މުނައްވަރާ ސުވާލުކުރުމުން، އެފަދަ ހާލަތެއް އޮތް ކަމަކަށް އޭނާ ވިދާޅެއް ނުވެއެވެ.
"އެހެންވީމާ މި ހާލަތު އަޅުގަނޑުމެން ރައްޔިތުންނަށް އެނގެން އެބަޖެހޭ، އަޅުގަނޑުމެން އިއްޔެވެސް އެމްއެމްއޭގެ ގަވަރުނަރު ކައިރީގަ އެދުނީ ސިއްރުނުކޮށް ތި ހުރިހާ މައުލޫމާތުތައް ރައްޔިތުންނަށް ކިޔައިދޭށޭ، ގައުމުގެ ހާލަތު ކިޔައިދޭށޭ،" ޝަމްހީދު ވިދާޅުވިއެވެ.
ޝަމްހީދު ބަހުސްކޮށް ނިންމަވާލެއްވުމުން އަބްދުއްރަހީމް ވިދާޅުވީ، ކޮމިޓީތަކުން ސިއްރުކޮށްގެން ބާއްވާ ބައްދަލުވުންތައް ތަޅުމުގައި އާންމުކޮށް ހިނގަމުންދާ ޖަލްސާއެއްގައި ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރެއްވޭ ކަމަށެވެ.
"ކުރިއަށް އޮތް ތާނގަ ވެސް ސިއްރު ކޮމިޓީއެއްގަ ދެކެވޭ ވާހަކަތައް އެގޮތަށް ހާމަކުރަމުން ނުގެންދިއުމަށް، އެއީ އަޅުގަނޑުމެން އަޅުގަނޑުމެންގެ މަޖިލީހުގެ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ވެސް ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ޝަމްހީދުގެ ނަން ވެސް ހާމަކުރައްވައި އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެންވެ، އިސްލާހަށް ބަހުސްކުރަން ރިޔާސަތުން އެރުވި ދެވަނަ ފުރުސަތުގައި ވާހަކަ ދައްކަވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ، ސިއްރުކޮށްގެން ބާއްވާ ކޮމިޓީ ބައްދަލުވުންތަކުގައި ދެކެވޭ ވާހަކަ އެއްވެސް މެންބަރަކަށް ތަޅުމުގައި ދެކެވިގެން ނުވާނެ ކަމަށެވެ. އޭނާ އެހެން ވިދާޅުވީ، ނާޒިމް ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވައި، ނާޒިމް ކޮމިޓީގައި ދެކެވުނު ބައެއް ވާހަކަ ހިއްސާކުރެއްވުމުން އަބްދުއްރަހީމް އެކަން ދޫކޮށްލެއްވުމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ، ޝަމްހީދުގެ ނަން ނެންގެވީ މެންބަރުންނަށް ހަނދުމަކޮށްދިނުމުގެ ގޮތުން ކަމަށާއި، ކޮމިޓީތަކުން ސިއްރުކޮށްގެން ބާއްވާ ބައްދަލުވުންތައް ތަޅުމުގައި އާންމުކޮށް ހިނގަމުންދާ ޖަލްސާއެއްގައި ނުދެއްކުމަށް އެދިވަޑައިގަތީ ހުރިހާ މެންބަރުންނަށް ނިސްބަތްކުރައްވައި ކަމަށެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވުމާ އެކު، އިއްޔެގެ ކޮމިޓީ ބައްދަލުވުން ސިއްރުނުކޮށް އާންމުކޮށް ކުރިއަށް ގެންދިއުމަށް ހުށަހެޅުއްވިކަން އަބްދުލްޣަފޫރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި މަޖިލީހުގެ ކޮމިޓީއެއް ސިއްރުކުރެވޭނީ ގައުމީ ސަލާމަތަށް ނުރައްކާވެ އާންމު މަސްލަހަތު ގެއްލޭ ކަންކަމުގަ އެކަންޏެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެންނަށް ލިބިފަ އޮތް ބާރުގެ ބޭނުންކޮށްގެން ރައްޔިތުންނަށް ކަންކަން ސިއްރުކުރުން އެއީ ގޯހެއް އިއްޒަތްތެރި ރައީސް، ވަރަށް ބޮޑު ގޯހެއް، ހަމަ މި ތަނަށް ވަޑައިގަތުމުގެ ކުރިން ސިޓީ ފޮނުވާފަ އެ ބުނަނީ ކޮމިޓީ ސިއްރުކޮށްދޭށޭ، ކޮން ކަމަކާތޯ އަޅުގަނޑުމެން ކަންކަން ސިއްރުކުރަންވީ ރައީސް؟ ރައްޔިތުންގެ ފައިސާއޭ، ރައްޔިތުން މި ލާރި ދައްކަނީ،" އަބްދުލްޣަފޫރު ވިދާޅުވިއެވެ.
އިއްޔެގެ ބައްދަލުވުން ސިއްރުކުރުމުގެ ކުރިން ކޮމިޓީ ސިއްރުކުރުމާ ދެކޮޅަށް ވާހަކަދައްކަވަމުން އަބްދުލްޣަފޫރު ވިދާޅުވީ، މުޅި ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންދަން ނުފެންނަ ކަމަށާއި ސަބަބަކީ ޑޮލަރުގެ ދަތިކަމުގެ މައްސަލައިގައި އާންމުންގެ އެތައް ކަންބޮޑުވުމެއް ހުރުމުން ކަމަށެވެ.
އެހެންވިޔަސް ޕީއެންސީގެ މެޖޯރިޓީ އޮންނަ މާލިއްޔަތު ކޮމިޓީން ނިންމީ ބައްދަލުވުން ސިއްރުކުރުމަށެވެ. ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ޔޫނުސްއެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަހްމަދު އައިފާނެވެ.
ޑޮލަރު ރޭޓު ދަށްނުވެ، ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 20 ރުފިޔާއަށް ވަނީ އަރައިފައެވެ. މި ދަނޑިވަޅުގައި ގަވަރުނަރު ހަނު ހުންނެވުމުން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔައިފައެވެ.
އެ މައްސަލައިގައި އެމްޑީޕީން ވެސް ވަނީ ތަކުރާރުކޮށް އެމްއެމްއޭއަށް ގޮސް، ގަވަރުނަރާ ބައްދަލުކުރަން މަސައްކަތްކޮށްފައެވެ. އެކަމަކު، ގަވަރުނަރާ ބައްދަލުނުވާތީ، ގަވަރުނަރު އާންމުންނަށް ފިއްލަވަނީ ކަމަށް ބުނެ އެމްޑީޕީން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ޑޮލަރެއްގެ އަގު ބޮޑުވުމުން އާންމުންގެ ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަރުކުރެއެވެ. ރާއްޖޭގެ އުފެއްދުންތެރިކަށް ދަށްވުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އެންމެ ޒަރޫރީ ތަކެތި ވެސް އެތެރެކުރަނީ ބޭރު ގައުމުތަކުންނެވެ. އެ ތަކެތި ގަންނަން ވިޔަފާރިތަކުން ވެސް ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހުމުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލެއެވެ.
މުސާރައާއި އާމްދަނީ އިތުރު ނުވަނީސް ތަކެތީގެ އަގުތައް އުފުލުމުގެ ސަބަބުން މީހުން ޚަރަދު ކުރާ ވަރު ދަށްވެ, ވިޔަފާރިތަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރެއެވެ.