އިންޑިއާ-ޕާކިސްތާނު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކަށް ސަރުކާރުން ވިސްނަންޖެހޭ: ތޯރިގު

މަހިބަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ވިދާޅުވީ އިންޑިއާ-ޕާކިސްތާނު ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކަށް ސަރުކާރުން ވިސްނަންޖެހޭ ކަމަށް -- ފޮޓޯ/ މަޖިލިސް

އަވައްޓެރި އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބޮޑު ހަނގުރާމައެއް ފެށިދާނެތީ، އެފަދަ ހާލަތެއްގައި ރާއްޖެއަށް ކޮށްފާނެ އަސަރަކާ ދޭތެރޭ ދިވެހި ސަރުކާރުން ވިސްނައި މިހާރު ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) މިއަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި މިދިޔަ މަހު ދިން ހަމަލާގައި 26 މީހުން މަރުވި މައްސަލައާ ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ވަނީ ގޯސްވެފައެވެ. އެ ހަމަލާގެ ފަހަތުގައި ޕާކިސްތާން އޮތްކަމުގެ ހެއްކެއް އިންޑިއާއިން ދައްކާފައެއް ނުވެއެވެ. އެ ހަމަލާ ދިން ބަޔަކު އިންޑިއާއަށް ހޯދިފައެއް ވެސް ނުވެއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ ބިލަށް ބަހުސްކުރައްވަމުން މެންބަރު ތޯރިގު ވިދާޅުވީ، ރާއްޖެއަކީ ނިސްބަތުން ވަރަށް ކުޑަކުޑަ ގައުމެއް ކަމަށެވެ.

ނަމަވެސް، މި ކުޑަކުޑަ ގައުމަށް ކިރިޔާ ވެސް ކަމެއް ކުރެވޭ ކަމަށްވާނަމަ، ޕާކިސްތާނާއި އިންޑިއާއާ ދޭތެރޭ މިހާރު ފެށިގެން އުޅޭ މައްސަލަ ހައްލުކުރުމަށްޓަކައި މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށް ތޯރިގު ވިދާޅުވިއެވެ.

"އެ ދެ ގައުމު ދޭތެރޭ ބޮޑު ހަމަނުޖެހުމަކާ ހިސާބަށް، ފުލް ފްލެޖުގައި ހަނގުރާމައެއް ފެށިއްޖެނަމަ މި ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ މައްސަލަތަކާއި، އަދި ދިވެހިރާއްޖެއަށް ދިމާވެދާނެ ހުރިހާ ކަމަކާ ދޭތެރޭ ވެސް ސަރުކާރުން ފުންކޮށް ވިސްނައި ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އައިސް ޖެހިފައި މިއޮތީ،" ތޯރިގު ވިދާޅުވިއެވެ.

ރާއްޖެއަށް އެތެރެކުރާ މައިގަނޑު ކާބޯތަކެއްޗަކީ އިންޑިއާއިން ގެންނަ ތަކެތިކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ، ސަރުކާރުން އަޅަންޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ. އަދި، އެންމެ ގިނަ މުދާ ރާއްޖެއަށް އެތެރެކުރަނީ އެ ދެ ގައުމުން ކަމަށް ވެސް ތޯރިގު ވިދާޅުވިއެވެ.

https://sun.mv/205705

ހަނގުރާމައެއް ފެށިއްޖެނަމަ އެ ދެ ގައުމުން ވެސް ކާބޯތަކެތި ބޭރުކުރުން ހުއްޓައިލުމުގެ ފުރުސަތު ބޮޑުކަމަށާއި، އެފަދަ ހާލަތެއްގައި އެހެން ގައުމަކުން ރާއްޖެއަށް މުދާ ގެނެވޭނެ ގޮތެއް ހޯދަން މަސައްކަތްކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޕާކިސްތާނާއި އިންޑިއާއާ ދެ ގައުމުގެ ގުޅުން ގޯސްވެ، ރޭ މެންދަމު އިންޑިއާއިން ވަނީ ޕާކިސްތާނަށް މިސައިލް ހަމަލާތަކެއް ދީފައެވެ. ރައްދުގައި ޕާކިސްތާނުން ވެސް ވަނީ އިންޑިއާއަށް ހަމަލާދީފައެވެ.

އެންމެ ފަހުން ވެސް އިންޑިއާ ބުނެފައިވަނީ ހަމަލާދިން ކަމަށް ބެލެވޭ މީހުން ހޯދައި ހައްޔަރުކުރުމުގެ އޮޕަރޭޝަން ކުރިއަށްގެންދާ ކަމުގައެވެ. މިކަމުގެ ޒިންމާ ޕާކިސްތާނުގެ ބޮލުގައި އެޅުވުމަށް ފަހު އިންޑިއާވަނީ ޕާކިސްތާނާ ދެކޮޅަށް ގިނަ ފިޔަޅުތަކެއް އަޅާފައެވެ. ރައްދުގައި ޕާކިސްތާން ވެސް ވަނީ އިންޑިއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައެވެ.

ޕާކިސްތާނުގެ 12 މީހުން މަރުވި ހަމަލާތަކަކީ "އޮޕަރޭޝަން ސިންދޫރު" ގެ ނަމުގައި ޕާކިސްތާނާ ދެކޮޅަށް އިންޑިއާ ސިފައިން ފަށައިގެން އުޅޭ އަސްކަރީ އޮޕަރޭޝަނެއްގައި ދިން ހަމަލާތަކެއް ކަމަށް ޕާކިސްތާން ބުނެއެވެ.

comment ކޮމެންޓް