ޣައްޒާގެ ރައްޔިތުން ކޮންމެ 3 ދުވަހަކުން ކަނީ އެންމެ ކެއުމެއް: އދ

ޣައްޒާގެ ދެކުނުގެ ޚާން ޔޫނިސްގެ އަލް މަވާސީ ސަރަހައްދުގައި އެހީދޭ މީހުން ބަހާ ކާނާ ހޯދުމަށް ކުޑަ ކުދިންތަނެއް ދަނީ. ފޮޓޯ/އަނަލޮދު އޭޖެންސީ

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއަޅާފައިވާއިރު، އެ ސަރަހައްދުގެ ލައްކައެއްހާ މީހުން ކޮންމެ ތިން ދުވަހަކުން ކަނީ އެންމެ ކެއުމެއް ކަމަށް އދ ން ބުނެފިއެވެ.

ފަލަސްތީން ރެފިއުޖީންނާބެހޭ އދ ގެ އިދާރާ (ޔޫއެންއާރްޑަބްލިޔު)ގެ ތަރުޖަމާނު އަބޫ ހަސްނާ އަލްޣަދު ދިން އިންޓަވިއުއެއްގައި ބުނީ ޣައްޒާގެ 66،000 އަށް ވުރެ ގިނަ ކުދިންނަށް ކާނާ ލިބުން ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.

އިންސާނީ ހައްގުތަކާބެހޭ ޖަމިއްޔާތަކުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި މާޗް މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ފޯރުކޮށްދޭ އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިސްރާއީލުން ވަނީ ހުރަސް އަޅާފައެވެ. ކާބޯތަކެއްޗާއި ފެނާއި ބޭސްފަރުވާއާއި އިންސާނީ އެހީތައް އެތެރެކުރުން މަނާކޮށް، އެ ސަރަހައްދުގައި ކުރިންވެސް އޮތް ބަނޑުހައިހޫނުކަން އިތުރުކުރިއެވެ.

ޣައްޒާގައި ތިބި ފަލަސްތީނުގެ ގާތްގަނޑަކަށް 2.3 މިލިއަން މީހުން ދިރިއުޅެނީ މުޅިން އިންސާނީ އެހީއަށް ބަރޯސާވެގެން ކަމަށް ވޯލްޑް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ހުކުރު ދުވަހުގެ ރޭ އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ އެމެރިކާގެ އަމިއްލަ ސެކިއުރިޓީ ކޮންޓްރެކްޓަރުން މެދުވެރިކޮށް ޣައްޒާ ސަރަހައްދަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ޕްލޭނެއް ފާސްކޮށްފައެވެ.

ނަމަވެސް އެ ޕްލޭނަކީ އިންސާނީ އުސޫލުތަކާ ޚިލާފު، އަދި ފަލަސްތީނުގެ އާންމުންނާއި މުވައްޒަފުންނަށް ގެއްލުން ލިބިދާނެ ޕްލޭނެއް ކަމަށް ބުނެ އދ އާއި އިންސާނީ އެހީ ފޯރުކޮށްދޭ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ އެ ޕްލޭނާ ދެކޮޅު ހަދާފައެވެ.

ޣައްޒާގައި އެހީ ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އިސްރާއީލުގެ އާ ޕްލޭންގެ ބައެއްގެ ގޮތުގައި ޔޫއެންއާރުޑަބްލިއުއޭ ނުހިމެނޭނެ ކަމަށާއި އެ ޕްލޭނަކީ އދ.ގެ މިންގަނޑުތަކާ ފުށުއަރާ ޕްލޭނެއްކަމަށް އަބޫ ހަސްނާ ވިދާޅުވިއެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 52،500 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

comment ކޮމެންޓް