ޣައްޒާއަށް ދޭ ހަމަލާތައް ފުޅާކޮށް، ފަތަހަކުރަން އިސްރާއީލުގެ ކެބިނެޓުން ފާސްކޮށްފި

ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސެއިރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ ޗެރިޓީ ބަދިގެއެއް ކައިރީގައި ކާބޯތަކެތި ހޯދުމަށް ގޮސް ތިބި ފަލަސްތީނުގެ ކުޑަކުދިންތަކެއް. ފޮޓޯ/އޭއެފްޕީ

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތައް ފުޅާކޮށް މުޅި ޣައްޒާ ފަތަހަކުރަން ހަމަލާތައް ދިނުމަށް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ފާސްކޮށްފިއެވެ.

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގެންގުޅޭނެ އާ އޮނިގަނޑެއް ވެސް ކެބިނެޓުން ވަނީ ފާސްކޮށްފައެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ހިމެނޭ ކެބިނެޓުން ވަނީ ފަލަސްތީނުގެ ސަރަހައްދުގައި ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ 2.3 މިލިއަން މީހުންނަށް ފޯރުކޮށްދޭ އިންސާނީ އެހީގެ ކޮންޓްރޯލު އިސްރާއީލުގެ އަސްކަރިއްޔާއިން ނަގާގޮތަށް ފާސްކޮށްފައެވެ.

އަދި، ފަލަސްތީނުގެ ރައްޔިތުން އެ ސަރަހައްދުން ބޭލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރާވާފައިވާ ޕްލޭން ނަތަންޔާހޫ ޕްރޮމޯޓް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން މީހަކާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ދެ މަސް ދުވަހުގެ މުއްދަތަށް ހަނގުރާމަ މެދުކަނޑާލާފައި އޮތުމަށް ފަހު މާޗު މަހު އަލުން ހަމަލާތައް ދޭން ފެށުމުގެ ކުރިން ވެސް ޣައްޒާއަށް އެހީފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސް އަޅާފައިވާ ކަމަށާއި ޣައްޒާގެ އެތައް ބަޔަކު ބަނޑުހައިހޫނުކަންމަތީގައި ތިބި ކަމަށް އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ބުނާ ބުނުން އިސްރާއީލު ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

އިސްރާއީލުން ބުނާ ގޮތުގައި ޣައްޒާގައި ފުދޭ ވަރަށް ކާބޯތަކެތި އެބަހުއްޓެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއީލުން ރާވައިފައިވަނީ އެމެރިކާގެ ސެކިއުރިޓީ ކޮންޓްރެކްޓަރުން ބޭނުންކޮށްގެން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ކޮންޓްރޯލް ކުރުމަށެވެ. އަދި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އާ ސަރަހައްދެއް ޣައްޒާގެ ދެކުނުގައި ގާއިމުކުރުމަށް ވެސް އިސްރާއީލުން ވަނީ ރާވާފައެވެ.

އިސްރާއީލުން ހަމަލާތައް ފުޅާކުރުމަށް ފާސްކުރި ނަމަވެސް އެކަމާ ގުޅިގެން ކެބިނެޓްގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް ހުރި ކަމަށް އިސްރާއީލުގެ ނޫސްތަކާ ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން، ސިފައިންގެ ވެރިޔާ އީޔަލް ޒަމީރު ވަނީ އިސްރާއީލުން ފުރިހަމަ އަސްކަރީ ހަމަލާއެއް ކުރިއަށް ގެންގޮސްފިނަމަ ޣައްޒާގައި ތިބި އަސީރުން ގެއްލޭނެ ކަމަށް އިންޒާރު ދީފައެވެ.

ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ކަން ކުރި ފަދައިން، ޣައްޒާއަށް ފޯރުކޮށްދޭން ގެންނަ ކާނާއާއި ފެނާއި ބޭހާއި ތެލާއި އެހެނިހެން އެހީތައް ހުއްޓުވަންޖެހޭ ކަމަށް ކަނާތު ގައުމީ ސަލާމަތާބެހޭ ވަޒީރު އިތްމާ ބިން ގްވީރް ވަނީ ބުނެފައެވެ.

އަދި، ކާބޯތަކެތި ބަހައްޓާފައި ހުރި ގުދަންތަކާއި ޖަނަރޭޓަރުތަކަށް ބޮންއެޅުމަށް ވެސް ގްވީރު ގޮވާލާފައިވެއެވެ.

އިސްރާއީލު ސިފައިންގެ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައި އިދިކޮޅު ލީޑަރު ޔާއިރް ލަޕިޑް ވަނީ ނަތަންޔާހޫގެ ނިންމުމާ މެދު ސުވާލު އުފައްދަވައި، އަސްކަރީ އޮޕަރޭޝަން ހިންގަން ނަތަންޔާހޫ އުޅުއްވަނީ އެއްވެސް އަމާޒެއްނެތި ކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަތަކުން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް 52،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.

comment ކޮމެންޓް