ޣައްޒާއަށް އެހީ ފޯރުކޮށްދޭން ދިޔަ ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފި

ފްރީޑަމް ފްލޮޓިލާ ކޯލިޝަންގެ ބޯޓެއް.ފޮޓޯ/ރޮެއިޓާސް

ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރަމުންދިޔަ ބޯޓަކަށް ޑްރޯން ހަމަލާއެއް ދީފިއެވެ.

އެ ހަމަލާ ދީފައި ވަނީ ހުކުރު ދުވަހުގެ ވަގުތެއްގައި މޯލްޓާގެ ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ކަމަށް އެ ދަތުރު އިންތިޒާމްކުރި ފްރީޑަމް ފްލިޓިލާ ކޯލިޝަން (އެފްއެފްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ ހަމަލާދިނީ އިސްރާއީލުން ކަމަށް އެފްއެފްސީ އިން ސީދާ ބުނެފައި ނުވި ނަމަވެސް އިސްރާއިލުގެ ސަފީރުން ހާޒިރުކޮށް ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފަށް އަޅަމުންދާ ހުރަސްތަކާއި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި އުޅަނދުތަކަށް ބޮން އެޅުން ފަދަ ކަންކަމާ ގުޅިގެން ޖަވާބުދާރީވާން ޖެހޭނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެފްއެފްސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މޯލްޓާއާ 14 ނޯޓިކަލް މޭލު ދުރުގައި އޮތް އެ އުޅަނދު ޣައްޒާއަށް ދަތުރުކުރަމުން ދަނިކޮށް ޑްރޯން ދެ ހަމަލާއެއް ދީފައިވާ ކަމަށެވެ.

އެ ހަމަލާގެ ސަބަބުން އުޅަނދުގައި ރޯވެ، ހަލްއަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އުޅަނދުގައި ލޯވަޅެއް އެޅި، އިންޖީނަށް ގެއްލުންވި ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

މޯލްޓާ ސަރުކާރުން ބުނީ ބޯޓާއި އޭގައިތިބި ފަޅުވެރިން ސަލާމަތްކޮށްފައިވާ ކަމަށާއި، ބޯޓުން އަލިފާން ނިއްވުމުގެ މަސައްކަތުގައި އެހީތެރިވެދިނީ ކައިރީގައި އޮތް ޓަގު ބޯޓަކުން ކަމަށެވެ.

ޤަޠަރާއި މިސްރު އަދި އެމެރިކާ މެދުވެރިގެން ކުރި މަޝްވަރާތަކަށްފަހު މިދިޔަ ޖެނުއަރީ މަހު ހަނގުރާ ހުއްޓާލުމަށް އެއްބަސްވި ފަހުން އިސްރާއީލުން ވަނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓުވާފައެވެ.

އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް (އައިސީއާރުސީ) އިން ހުކުރު ދުވަހު ނެރުނު ރިޕޯޓެއްގައި ބުނީ ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން މުޅިން ހުއްޓިފައިވާ ކަމަށެވެ.

comment ކޮމެންޓް