މުޅި ޣައްޒާ ހަލާކުކޮށްލާނަން: އިސްރާއީލު ވަޒީރު

އިސްރާއީލުގެ ޕާލަމެންޓް ކަމަށްވާ ކްނެސެޓްގައި އިސްރާއީލުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް ވާހަކަ ދައްކަވަނީ. އޭނާ ވަނީ މުޅި ޣައްޒާ ހަލާލުކޮށްލާނެ ކަމަށް ވިދާޅުވެފައި:، ފޮޓޯ/އޭޕީ

ޣައްޒާ އެއްކޮށް ނައްތާލާނެ ކަމަށް އިސްރާއީލުގެ ހަރުކަށި ފިކުރުގެ މާލީ ވަޒީރު ބެޒާލެލް ސްމޮޓްރިޗް ވިދާޅުވެއްޖެއެވެ.

ހުޅަނގު އައްސޭރީގައި ގާނޫނާ ހިލާފަށް ވަޒަންވެރިކޮށްފައިވާ ޔަހޫދީންގެ އަވަށެއްގައި އުޅޭ ސްމޮޓްރިޗް އިތުރަށް ވިދާޅުވީ އަންނަ އަހަރުގެ ނިޔަލަށް މި ސަރުކާރުގެ ދައުރު ހަމަވުމުގެ ކުރިން ހުޅަނގު އައްސޭރި ވެސް ފަލަސްތީނުން ވަނިކޮށް އިސްރާއީލިގެ ބައެއްގެ ގޮތުގައި ކަނޑައަޅައި ވަކިކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

"ޣައްޒާ މުޅިން ހަލާކުވެގެންދާނެ. އާންމުން ބޭރުކުރާނަން. ޣައްޒާގެ ދެކުނު ވެގެންދާނީ ހަމާސް އަދި ޓެރަރިޒަމް ނެތް ސަރަހައްދަކަށް. އަދި އެތަނުން އެހެން ގައުމުތަކަށް އާންމުން ދާނެ." ހިފާފައިވާ ހުޅަނގު އައްސޭރީގެ އޮފްރާގައި ބޭއްވި ކޮންފަރެންސެއްގައި ސްމޮޓްރިޗް ވިދާޅުވިއެވެ.

އަދި އެކަން ވެގެންދާނީ އިސްރާއީލަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ފާއިތުވި ދުވަސްތަކުގައި ސްމޮޓްރިޗް ހިމެނޭ ގޮތަށް އިސްރާއީލުގެ އާންމު ފަރާތްތަކުން ވަނީ ފަލަސްތީނުގެ ސަރަހައްދުގެ މުސްތަގުބަލާ މެދު ދުނިޔޭގެ ކަންބޮޑުވުންތަކަށް ގޮންޖަހައި ހުޅަނގު އައްސޭރި ހިފުމަށް ގޮވާލާފައެވެ.

އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސް ފިޔަވައި ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ތިން މިލިއަން މީހުން ދިރިއުޅޭއިރު، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޔަހޫދީ އާބާދީތަކުގައި އިސްރާއީލުގެ 490،000 މީހުން ދިރިއުޅެއެވެ.

ގައްޒާ އެއްކޮށް ހަލާކުކޮށްލާނެ ކަމަށް ސްމްޓްރިޗް ވިދާޅުވިއިރު، ޣައްޒާއަށް ދޭ ހަމަލާތައް ފުޅާކޮށް، މުޅި ޣައްޒާ ފަތަހަ ކުރަން ހަމަލާތައް ދިނުމަށް އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ވަނީ ފާސްކޮށްފައެވެ.

comment ކޮމެންޓް