ސޮނީ ޓެލެވިޒަންގެ "ޖެސީ ޖެސީ ކޮއި ނެހީ"އިން ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި ބަތަލާ މޯނާ ސިންގް ރެސްޓޯރެންޓް ވިޔަފާރިއާ ގުޅިއްޖެއެވެ.
އިންޑިއާގެ މުމްބާއީގައި މޯނާ ހުޅުވި ރެސްޓޯރެންޓްގެ ނަމަކީ "ކޯނާ ކޯނާ"އެވެ.
އަމިއްލަ ރެސްޓޯރެންޓެއް ހުޅުވާ އެ ވިޔަފާރީގެ ދާއިރާއާ ގުޅުނުކަން އިއުލާނުކުރަމުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި މޯނާ ބުނީ، އޭނާގެ "ކޯނާ ކޯނާ" ރެސްޓޯރެންޓަކީ މާ ފެންސީ-ލަގްޒަރީ ފެންވަރުގެ ރެސްޓޯރެއް ނޫން ކަމަށާއި ނަމަވެސް އެއީ ވަރަށް ސާދާ, އެކުވެރި މާހައުލެއް ގާއިމުކޮށްދޭނެ ތަނެއް ކަމަށެވެ.

ބަތަލާ މޯނާ ސިންގް ފިލްމު "ލާލް ސިންގް ޗައްދާ"ގެ މަންޒަރެއްގައި، އަދި އެ ފިލްމުގެ އެކްޓަރު އާމިރު ޚާން--ފޮޓޯ/ފިލްމުފެއަ
އެ ރެސްޓޯރެންޓަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް "ކޯނާ ކޯނާ"އިން ޚާއްސަ އިސްކަމެއް ދޭނެ ކަމަށާއި އެއްވެސް ކަސްޓަމަރަކަށް ފޯރުކޮށްދޭ ޚިދުމަތުގައި ތަފާތު ނުކުރާނެ ކަމަށް މޯނާ ވަނީ ބުނެފައެވެ.
އެތަނުގެ މެނޫ އަކީ ތަޖުރިބާކާރު ޝެފުން ކަމަށްވާ ޖަސްލީން މަރުވާ އާއި ނީތޫ ސޮލާންކީ އެތައް ދުވަހެއް ވަންދެން ޓެސްޓުކޮށްފައިވާ މެނޫއެއް ކަމަށާއި މޯނާގެ ރެސްޓޯރެންޓުގެ ކޮންމެ ކެއުމަކުން ވެސް ދުނިޔޭގެ ކޮންމެވެސް އެއް ޤައުމެއްގެ ހަނދާންތައް އައުވާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ޓީވީ ސިލްސިލާތަކުން ލިބުނު ކާމިޔާބީއާ އެކު މޯނާ އަކީ އިންޑިއާގެ ބޮލީވުޑްގައި ވެސް މިހާރު ފާހަގަކޮށްލެވޭ ބަތަލާއެކެވެ. ހަމައެއާއެކު މޯނާ އަކީ ވެބް ސީރީސްތަކުގައި ވެސް މަސައްކަތް ކުރަމުން އަންނަ ފިލްމީ ތަރިއެކެވެ.
މޯނާ މިހާތަނަށް ޚާއްސަ ރޯލަކުން ފެނިފައިވާ މަގުބޫލު ފިލްމުތަކުގެތެރޭގައި "3 އިޑިއަޓްސް"، "ލާލް ސިންގް ޗައްދާ" އަދި "މުންޖުޔާ" ހިމެނެއެވެ. ރިޕޯޓުތައް ބުނާގޮތުން މޯނާ އަންނަނީ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ފިލްމު އިންޑަސްޓްރީއަށް ޑައިރެކްޓަރެއްގެ ގޮތުގައި ތައާރަފުވާ ވެބް ސީރީސްގައި ވެސް މަސައްކަތް ކުރަމުންނެވެ.
މޯނާ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވާ ވެބް ސީރީސްތަކުގެތެރޭ 2023 ވަނަ އަހަރުގެ "މޭޑް އިން ހެވެން" އާއި "ކާލާ ޕާނީ" ހިމެނެއެވެ.