ނެޕޮޓިޒަމާ ގުޅުވައި ދައްކާ ވާހަކަތަކަށް ކަރަން އަނެއްކާވެސް ރައްދު ދީފި

ބޮލީވުޑްގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަރަން ޖޯހަރު--ފޮޓޯ/ފިލްމުފެއަ

ފިލްމު އިންޑަސްޓްރީއަށް ފިލްމީ އާއިލާތަކާ އެއްވެސް ގުޅުމެއް ނެތް ޒުވާނުން ވެސް ލޯންޗުކޮށްދީފައި އެބަހުރި ކަމަށާއި ނަމަވެސް އެ ވާހަކަ އެއްވެސް ބަޔަކު ނުދައްކާ ކަމަށް ފިލްމު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ކަރަން ޖޯހަރު ބުނެފިއެވެ.

މަޝްހޫރު ޕޮޑްކާސްޓަ ރާޖް ޝަމާނީގެ ޕޮޑްކާސްޓް ޝޯގައި ދާދިފަހުން ބައިވެރިވެ ދިން އިންޓަވިއުއެއްގައި ކަރަން ވަނީ އޭނާއަށް އާންމުންގެ ފަރާތުން ލިބެމުން އަންނަ ފާޑުކިޔުންތަކަށް ރައްދުދީފައެވެ. ޚާއްސަކޮށް އޭނާއަކީ ނެޕޮޓިޒަމް ނުވަތަ އާއިލީ ގުޅުމަށް ބަލައިގެން ވަޒީފާ ދޭ މީހެއް ކަމަށް ބުނާ ވާހަކައަށް އޭނާ ވަނީ ރައްދުދީފައެވެ.

ކަރަން ބުނީ ފިލްމީ ދާއިރާއަށް އޭނާ ގިނަ ތަރިންތަކެއް ތައާރަފުކޮށްދިނުމަށް މަސައްކަތްކޮށްފައިވީ ނަމަވެސް ބައެއް މީހުން އޭނާ ލޭބަލް ކުރަނީ އެ މީހުންގެ ކެރިއަރު ހަލާކުކުރުމަށް މަސައްކަތްކުރި މީހެއްގެ ގޮތުގައި ކަމަށެވެ.

އެފަދަ މީހުންނާ އެކު އާންމުންގެ ބައެއް މީހުންގެ ފަރާތުން ލިބެމުން އަންނަ ނަފުރަތުގެ ބަސްތައް އިވި އެކަމަށް އާދަވެފައިވާ ކަމަށް ކަރަން ވަނީ ބުނެފައެވެ.

ކަރަން ފިލްމީ ތަރިން ކަމަށްވާ ރާގަވް އަދި ލަކްޝްއާ އެކު--ފޮޓޯ/ފިލްމުފެއަ

ކަރަންއާ މެދު ގޯސްކޮށް ކަންތައް ކުރާ މީހުންނަށް ވެސް އަދި ނަފުރަތު ކުރާ މީހުންނާ މެދު ވެސް އޭނާގެ ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނެތް ކަމަށާއި އެއްވެސް މީހަކު ދެކެ ނަފުރަތުވުމަކީ އެއް އިރެއްގައި ވެސް އޭނާގެ އާދައެއް ނޫން ކަމަށް މަޝްހޫރު ދަރުމާ ޕްރޮޑަކްޝަން ކުންފުނީގެ ވެރިޔާ ވަނީ ބުނެފައެވެ.

ކަރަން ދެކެ ލޯބިވިޔަސް އަދި އޭނާއަށް ނަފުރަތު ކުރިޔަސް ކަރަންގެ ވާހަކަ އެބައެއްގެ މެދުގައި ދެކެވޭނަމަ އޭގެއިން އަންގައިދެނީ އޭނާގެ މުހިއްމުކަން ކަމަށާއި އެކަމާ މާބޮޑަށް ހާސްނުވާ ކަމަށް ކާމިޔާބު ފިލްމު ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ކަރަން މިހާތަނަށް ފިލްމީ ތަރިންގެ އިތުރުން ފިލްމު އިންޑަސްޓްރީގެ ޓެކްނިކަލް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ކެރިއާ ބިނާކުރުމުގައި ވެސް އެހީތެރިވެދީފައި ވާނެ ކަމަށް ވަނީ ބުނެފައެވެ.

ކަރަން، އިބްރާހީމް އަލީ ޚާން އާއި ޚުޝީ ކަޕޫރާ އެކު--ފޮޓޯ/ޕިންކްވިލާ

ކަރަން އަކީ ފިލްމު އިންޑަސްޓްރީގައި ނެޕޮޓިޒަމަށް ހިތްވަރުދޭ މީހެއްގެ ގޮތުގައި ލޭބަލްވެފައި ވާއިރު ހަގީގަތުގައި ފިލްމީ އާއިލާތަކުން އިންޑަސްޓްރީއަށް ތައާރަފުވެފައިވާ ފިލްމީ ތަރިންނަށް ޕަބްލިސިޓީ ދިނުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ކަރަންގެ ބޮލުގައި އެ ތުހުމަތު އަޅުވާ މީހުން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އެ ތަރިންނަށް ޕަބްލިސިޓީ ދިނުމުގެ ބަދަލުގައި އަމިއްލަ މަސައްކަތުން ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްފައިވާ ތަރިންގެ ވާހަކަތައް، އެފަދަ ވާހަކަތައް ފަތުރާ މީހުން ނުދައްކަނީ ކީއްވެތޯ ކަރަން ވަނީ ސުވާލުއުފައްދާފައެވެ.

ދާދިފަހުން ދަރުމާއިން ތައާރަފުކުރި ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާންގެ ފިލްމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއިރު މުޅިންވެސް ހުރީ ކަރަންގެ ގާތް މީހެއްގެ ދަރިއަކަށް އިބްރާހީމްވީތީ އާއްމުންގެ ފަރާތުން ލިބުނު ފާޑުކިޔުންތައް ކަމަށް ކަރަން ވަނީ ބުނެފައެވެ.

ނަމަވެސް 2023 ވަނަ އަހަރު ފިލްމު "ކިލް"އިން ފިލްމު އިންޑަސްޓްރީއަށް ތައާރަފުވި ލަކްޝްޔަ ލަލްވާނީ ފިލްމީ ދާއިރާއަށް ތައާރަފުކުރީ ވެސް ކަރަން ކަމަށާއި އޭގެ ކްރެޑިޓް ކަރަންއަށް ނުދިނުމުން އާންމުންގެ ތެރެއިން ބައެއް މީހުންގެ ދެފުށްކެހެރިކަން ވަރަށް ރަނގަޅަށް ދޭހަވި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ބޮލީވުޑްގެ އެންމެ ކާމިޔާބު ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރު އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2023 ވަނަ އަހަރު ރިލީޒްކުރި "ރޮކީ އޯރު ރާނީ ކީ ޕްރޭމް ކަހާނީ"އެވެ.

comment ކޮމެންޓް