ހަމަލާތައް ބަދަލުކުރަން ފެށުމާ އެކު ފަވާދާއި ވާނީގެ ފޮޓޯތައް 'ގެއްލިއްޖެ'

ޕާކިސްތާނު އެކްޓަރު ފަވާދު ޚާންގެ ބޮލީވުޑް ފިލްމު "އަބީރު ގުލާލް"ގެ ބަތަލާ ވާނީ ކަޕޫރާގެ ސޯޝަލް މީޑިއާގައި ދެ މީހުން އެކީގައި ނަގާފައި ހުރި ފޮޓޯތަކެއް ގެއްލިއްޖެއެވެ.

ވާނީއާއި ފަވާދު ވަނީ އިންޑިއާއިން ބޭރުގައި ކުރިއަށްދިޔަ ފިލްމު "އަބީރު ގުލާލް"ގެ ބައެއް ޕްރޮމޯޝަން އިވެންޓުތަކުގައި އެކީގައި ބައިވެރިވެފައެވެ. މި މަހުގެ ނުވަވަނަ ދުވަހު ރިލީޒްކުރަން ތާވަލުކުރެވިފައި އޮތް "އަބީރު ގުލާލް"ގެ ޕްރޮމޯޝަނަލް ވީޑިއޯތަކާ އެކު ފިލްމުގެ ލަވަތައް ވެސް ވާނީ ދިޔައީ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.

ނަމަވެސް، މީގެ ދެ ދުވަސް ކުރިން ވާނީގެ ސޯޝަލް މީޑިއާގައި ހުރި މި ވީޑިއޯތަކާ އެކު ފަވާދާ އެކީ ނަގާފައި ހުރި އެއްވެސް ފޮޓޯއެއް ފެންނާކަށް ނެތެވެ.

ފިލްމު "އަބީރު ގުލާލް"ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ބަތަލާ ވާނީ އަދި ފަވާދު ޚާން--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މީޑިއާ ރިޕޯޓުތަކުން ލަފާކުރާ ގޮތުގައި ވާނީ މި ފޮޓޯތަކާއި ވީޑިއޯތައް އަމިއްލަ ސޯޝަލް މީޑިއާ އެކައުންޓުން ނަގާފައިވަނީ ދާދިފަހުން ކަޝްމީރުގައި ދިން ހަމަލާއާ ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ގޯސްވުމާ ގުޅިގެން މަސްލަހަތަށް ވިސްނާފައެވެ.

ނަމަވެސް، މިހާރު އަނެއްކާ ވެސް ވާނީ ވަނީ ފިލްމު "އަބީރު ގުލާލް"ގެ ބައެއް ޕްރޮމޯޝަނަލް ވީޑިއޯތައް އިންސްޓަގްރާމްގައި ޕޯސްޓުކުރަން ފަށާފައެވެ.

ކަޝްމީރުގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއާގެ ފަތުރުވެރިންނަށް އަމާޒުކޮށްދިން ބަޑީގެ ހަމަލާގައި 26 މީހަކު މަރުވެފައިވާއިރު މި ހަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނު ކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ބުނެފައެވެ. މި ހަމަލާއާ ގުޅިގެން ދެ ޤައުމުގެ މަސްރަޙު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު އެކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބޭ އެއްބަޔަކީ ޕާކިސްތާނުގެ ފިލްމީ ތަރިންނެވެ.

ފިލްމު "އަބީރު ގުލާލް"އަކީ ޕާކިސްތާނު އެކްޓަރުންނަށް އިންޑިއާގައި ފިލްމީ މަސައްކަތް ކުރުމުގެ ހުއްދަ އަހަރުތަކެއް ވަންދެން ނުލިބި އޮވެ އިންޑިއާގެ ހައިކޯޓުން އެ ހުއްދަ ބާތިލް ކުރުމާ އެކު ފަވާދު ބޮލީވުޑަށް އެނބުރިއައުން ފާހަގަކުރާ ފިލްމެވެ.

ނަމަވެސް، މި ވަގުތުގެ ހާލަތަށް ބަލާއިރު މި ފިލްމު އިންޑިއާގައި ރިލީޒްކުރެވިދާނެ ކަމާމެދު ސުވާލު އުފެދެއެވެ. ސަބަބަކީ ކަޝްމީރުގެ ހަމަލާގެ މާ ކުރިން ވެސް މި ފިލްމާ ދެކޮޅަށް އިންޑިއާގެ ސިޔާސީ ދެ ޕާޓީއަކުން އަޑު އުފުލާފައިވާތީއެވެ.

comment ކޮމެންޓް