ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ހުށަހަޅާފައި އޮތް މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝިއަރީ ކޮމިޓީގައި އޮއްވައި، މިއަދު އެ ކޮމިޓީއަށް ބަދަލެއް ގެނެސްފިއެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި އަޒްމިރަލްދާ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ނިންމައިފައެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން، ދިރާސާކޮށް ގޮތެއް ނިންމަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވީ ހޯމަ ދުވަހުއެވެ. އެ މައްސަލައިގައި އިއްޔެ ބާއްވަން ނިންމި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުން ދެ ފަހަރަށް ތާވަލުކުރުމަށް ފަހު، އެންމެ ފަހުން ކެންސަލް ވެސް ކުރިއެވެ.
މަޖިލީހުގެ އިދާރާއިން އެ ކަމާ ގުޅޭ އިތުރު މައުލޫމާތެއް ހިއްސާނުކުރި ނަމަވެސް އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު 'ސަން'އަށް ވިދާޅުވި ގޮތުގައި ކޮމިޓީ ބައްދަލުވުން ކެންސަލްކުރަން ނިންމީ ޖޭއެސްސީން މައްސަލައާ ގުޅޭ ބައެއް ލިޔެކިޔުންތައް ނުލިބިގެންނެވެ.
އެއަށް ފަހު މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ ކޮމިޓީއަށް ގެނައި ބަދަލެއް އިއުލާނުކޮށްފައެވެ. އެ ބަދަލަކީ ޖުޑިޝަރީ ކޮމިޓީގައި ކުރިން ހިމެނިވަޑައިގެންނެވި ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއިލް ނިޒާރު އެ ކޮމިޓީން ވަކިކޮށް، އޭގެ ބަދަލުގައި އެ ކޮމިޓީއަށް ކޮލަމާފުށީ ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް ދީދީ އައްޔަނުކުރެއްވުމެވެ.
އެ ކޮމިޓީގައި 11 މެންބަރުން ހިމެނޭއިރު، އޭގެ ތެރެއިން ނުވަ މެންބަރުންނަކީ ސަރުކާރުގެ މެންބަރުންނެވެ. އެއީ:
- މަނަދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ޙުސްނީ މުބާރިކް - ކޮމިޓީގެ މުގައްރިރު
- ހުރާ ދާއިރާގެ ޕީއެންސީގެ މެންބަރު ޑރ. އަނާރާ ނަޢީމް - ކޮމިޓީގެ ނައިބު މުގައްރިރު
- ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު ޢަބްދުއްސައްތާރު މުޙައްމަދު
- ކުރެންދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބު
- ތިމަރަފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އަޙްމަދު ރިޔާޟް
- ހުޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު ޝާހިދު
- ފަރެސްމާތޮޑާ ދާއިރާގެ ޕީއެންސީގެ މެންބަރު އަޝްރަފް ރަޝީދު
- މަޑުއްވަރި ދާއިރާގެ ޕީއެންސީގެ މެންބަރު އަޙްމަދު ޒާހިރު
- ކޮލަމާފުށި ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހީމްދީދީ
- ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މަޢުރޫފް ޛާކިރު
- ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ނާޒިލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު -- ފޮޓޯ: ރައީސް އޮފީސް
ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ވަނީ ނިންމައިފައެވެ.
ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ފެށީ މަޖިލީހުގެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން އެދި ހުށަހަޅާފައި އޮތް މައްސަލަ ބަލަމުން އަންނަނިކޮށެވެ. ފަނޑިޔާރުން ސަސްޕެންޑުކުރީ އެ މައްސަލައިގެ އަޑުއެހުމެއް ފައްޓަން ކުޑަތަންވެފައި އޮއްވައެވެ.
އޭރު ސަސްޕެންޑުކުރި ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ އަމިއްލަފުޅަށް އިސްތިއުފާދެއްވައިފައެވެ. އޭނާގެ ބަދަލުގައި ހައިކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ހުސައިން ޝަހީދު ވަނީ މިހާރު ސުޕްރީމް ކޯޓަށް އައްޔަންކޮށްފައެވެ.
ސަސްޕެންޝަންގައި ތިއްބެވި ފަނޑިޔާރު މަހާޒާއި އަޒްމިރަލްދާ ވެސް ތުހުމަތުތަކަށް އިންކާރުކުރައްވައެވެ.
ފަނޑިޔާރުން ވަކިކުރާ މައްސަލައިގައި ގިނަ ބަޔަކު އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަން ކުރަނީ ސަރުކާރުން ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ކަމަށް އެ ބޭފުޅުން ތުހުމަތުކުރައްވައެވެ.
ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ އެއީ ދުސްތޫރީ މައްސަލައަށް ނުފޫޒު ފޯރުވަން ހިންގާ 'ޖަރީމާ'އެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެއީ އިއްތިފާގެއް ކަމަށް ވިދާޅުވެފައެވެ.
ޝަރުއީ ދާއިރާ ނުފޫޒުން މިނިވަންކުރުމާއި ނުފޫޒު ނުފޯރުވުމަކީ ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ރިޔާސީ ވައުދުފުޅެވެ. އެ މަނިކުފާނު ގެންދަވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ ކަމަށާއި ދުވަހަކު ވެސް ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.