އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި 'އިންޑިއަން އައިޑޮލް'ގެ 12 ވަނަ ސީޒަން ކާމިޔާބުކުރި ޕަވަންދީޕް ރަޖަންއަށް ނިއު ދިއްލީގެ ހޮސްޕިޓަލެއްގައި އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
ޕަވަންދީޕްގެ ޓީމުން އެކަން ކަށަވަރުކޮށްދެމުން ބުނެފައި ވަނީ މިއަދުގެ ވަގުތެއްގައި ކުރެވުނު ސާޖަރީއަކަށްފަހު އައިސީޔޫގައި ލަވަކިޔުންތެރިޔާއަށް ފަރުވާދެމުން އަންނަ ކަމަށެވެ. ޕަވަންދީޕަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނީ އިއްޔެގެ ވަގުތެއްގައި އޭނާ ދަތުރު ކުރަމުންދިޔަ ކާރު އެކްސިޑެންޓުވެ ލަވަކިޔުންތެރިޔާއަށް ސީރިއަސް އަނިޔާތަކެއް ލިބުމާ ގުޅިގެންނެވެ.
ޕަވަންދީޕުގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އިއްޔެ ފަތިހުގެ ވަގުތެއްގައި ޕަވަންދީޕުގެ ކާރު އެކްސިޑެންޓުވީ އިންޑިއާގެ އަހްމަދުއާބާދުގައި އޮތް އިވެންޓަކަށް ދިއުމަށް ނިއު ދިއްލީއަށް ދިއުމަށް ދަތުރު ކުރަމުން ދަނިކޮށް ކަމަށެވެ.
އިންޑިއާގެ މޮރާދުއާބާދު ކައިރީ ހިނގި މި ކާރު އެކްސިޑެންޓާ ގުޅިގެން ޕަވަންދީޕަށް އެންމެ ފުރަތަމަ ފަރުވާ ދެވުނީ މޮރާދުއާބާދު ކައިރީގައި ހުރި ސިއްހީ ފަރުވާދޭ ޚާއްސަ ފެސިލިޓީއެއްގައި ކަމަށް އޭނާގެ ޓީމުން ވަނީ ބުނެފައެވެ.

'އިންޑިއަން އައިޑޮލް ސީޒަން 12' ކާމިޔާބުކުރި ޕަވަންދީޕުގެ ކާރު އެކްސިޑެންޓުވެފައި -- ފޮޓޯ/ ހިންދުސްތާންޓައިމްސް
އެކްސިޑެންޓާ ގުޅިގެން ލިބުނު އަނިޔާތަކާއެކު އޭނާގެ ގައިގެ ކަށިތަކަށް އެކިވަރުގެ އަނިޔާ ލިބިފައިވުމާއެކު އިތުރު ފަރުވާ ދިނުމަށް ނިއު ދިއްލީގެ ހޮސްޕިޓަލަކަށް ބަދަލުކުރެވުނު ކަމަށާއި ހަ ގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު ޕަވަންދީޕްގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް ލަވަކިޔުންތެރިޔާގެ ޓީމުން ވަނީ ބުނެފައެވެ.
ކުރިއަށްއޮތް ދެތިން ދުވަހަކީ ޕަވަންދީޕަށް އާންމުންގެ ހެޔޮ ދުއާ އިންތިހާއަށް ބޭނުންވާނެ ދުވަސްތަކެއް ކަމަށާއި ސަބަބަކީ ލަވަކިޔުންތެރިޔާގެ ހަށިގަނޑުގެ ކަށިތަކުގައި ރެނދުލާފައި ހުރުމުގެ ސަބަބުން އިތުރު ސާޖަރީއަކަށް ދާންޖެހޭތީކަމަށް ޕަވަންދީޕްގެ ޓީމުން ވަނީ ބުނެފައެވެ.
މި ހާދިސާގައި ޕަވަންދީޕާއެކު އޭނާގެ ޑްރައިވަރުގެ އިތުރުން އިތުރު އެހެން މީހަކަށް ވެސް ވަނީ އަނިޔާ ލިބި ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައެވެ.
ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ބުނެފައި ވަނީ ޕަވަންދީޕްގެ ކާރު އެކްސިޑެންޓުވާން ދިމާވީ ދަތުރު ކުރަމުންދިޔަ މަގުގައި ބާއްވާފައި އޮތް ޑެލިވަރީ ޓްރަކެއްގައި ޖެހިގެން ކަމަށެވެ.