ބޮލީވުޑްގެ ފިލްމީ ތަރިން ބާބިލްއަށް ހިތްވަރު ދިނުމަށް ނުކުމެއްޖެ

ބާބިލް ޚާން މަންމަ ސުތާޕާ އަދި ބައްޕަ އިރުފާން ޚާންއާ އެކު--ފޮޓޯ/ޕިންކްވިލާ

ދާދިފަހުން ގިނަ ބަޔަކަށް ސިހުން ލިބުނީ އިންޑިއާގެ ބޮލީވުޑް ފިލްމު އިންޑަސްޓްރީއާ ގުޅޭގޮތުން ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ޚާން ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމާ ގުޅިގެންނެވެ.

ބާބިލް އޭނާގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯގައި ފެންނަނީ އޭނާ ގިސްލަ ގިސްލާފައި ރޯ މަންޒަރެވެ. މި ވީޑިއޯގައި ގިސްލަމުން ވާހަކަ ދައްކަމުން ދިޔައިރު ބާބިލް ބުނީ ބޮލީވުޑަކީ މިހާތަނަށް އޭނާއަށް މަސައްކަތް ކުރެވުނު އެންމެ 'ފޭކް' އިންޑަސްޓްރީ ކަމަށެވެ.

އެ ވީޑިއޯގައި އޭނާ ވަނީ ދާދިފަހުން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ޒުވާނުން ކަމަށްވާ އަނަނިޔާ ޕާންޑޭ، ޝަނާޔާ ކަޕޫރު، އަރުޖުން ކަޕޫރު، ސިދާންތު ޗަތުރުވެދީ، ރާގަވް ޖުޔާލް، އާދާޝް ގޯރަވް އަދި އަރިޖިތު ސިންގް ފަދަ މީހުން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ގޮތާ ބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ.

ބާބިލް ޚާން އަދި އެކްޓަރު ހަރްޝްވަރުދަން--ފޮޓޯ/ޕިންކްވިލާ

ބާބިލްގެ މި ވީޑިއޯ ސޯޝަލް މީޑިއާގައި ޕޯސްޓުކުރިތާ މާގިނައިރުތަކެއް ނުވެ އެ ވީޑީއޯ ޑިލީޓްކޮށްލުމަށްފަހު ބާބިލްގެ ރަސްމީ އިންސްޓަގްރާމް ވެސް ޑީއެކްޓިވޭޓްކުރިއެވެ. އޭގެފަހުން އަނެއްކާވެސް ބާބިލްގެ އެކައުންޓު އެކްޓިވޭޓްކޮށް ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯ ގުޅޭގޮތުން ބާބިލްގެ ޓީމުން ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

މި ބަޔާނުގައި ބުނެފައި ވަނީ ޒުވާން އެކްޓަރު ބާބިލް މި ދުވަސްކޮޅު ނަފުސާނީ ބަލިކަށިކަމުގެ ޝިކާރައަކަށްވެފައިވާ ކަމަށާއި އެ ވީޑިއޯ މީޑިއާއިން ބޭނުންކޮށްފައި ވަނީ ބެލުންތެރިންނަށް އޮޅޭގޮތަށް ކަމަށެވެ.

ބާބިލް ބުނިގޮތުގައި އޭނާގެ ވީޑިއޯގައި ބޮލީވުޑް އިންޑަސްޓްރީއަށް ފާޑުކީ ނަމަވެސް ކުރިން ފާހަގަކުރި ޒުވާން ތަރިންނަށް ބާބިލް ވަނީ ތައުރީފުކޮށް އެއީ އިންޑަސްޓްރީގައި ނަމޫނާ ދައްކަމުން އަންނަ ބައެއް ކަމަށް ބުނެފައެވެ.

ބާބިލްގެ މި ވީޑިއޯއާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ އެކްޓަރުން ކަމަށްވާ ހަރްޝްވަރުދަން، ޝާހިދު ކަޕޫރު، އަނަނިޔާ ޕާންޑޭ، އަރުޖުން ކަޕޫރު، ސިދާތު ޗަތުރުވެދީ އަދި ރާގަވް ޖުޔަލް ވަނީ އެކްޓަރަށް ހިތްވަރު ދިނުމުގެ ގޮތުން މެސެޖުތަކެއް ސޯޝަލް މީޑިއާގައި ރައްދުކޮށްފައެވެ.

ހަރްޝްވަރުދަން ބާބިލްއަށް ފޮނުވި މެސެޖުގައި ނަސޭހަތްތެރިވަމުން ބުނެފައި ވަނީ ބާބިލްއަކީ އިންޑަސްޓްރީއަށް ވަރަށް މުހިއްމު ބޭނުންތެރި ޒުވާނެއް ކަމަށާއި ބާބިލްއާ މެދު ގޯސްކޮށް ކަންތައް ކުރުމުގެ ފުރުސަތު އެހެން މީހުންނަށް ނުދިނުމަށެވެ.

ބާބިލްއަކީ ކުރީގެ ކުޅަދާނަ އެކްޓަރު އިރުފާނު ޚާންގެ ލެގަސީ ކުރިއަށް ގެންދިއުމުގެ ޒިންމާ ކޮނޑުގައި އެޅިފައިވާ މީހެއް ކަމަށާއި ފިލްމީ މަސައްކަތްތައް ނިންމާލުމަށްފަހު އަމިއްލަ ނަފުސުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ސަމާލުކަން ދިނުމަށް ހަރްޝްވަރުދަން ވަނީ ބުނެފައެވެ. އެކަން ކުރެވޭނީ ބޮލީވުޑްގެ ކޮންމެހެން ދާން ނުޖެހޭ އިވެންޓުތަކާއި ޕާޓީ ހަފްލާތަކުން އަމިއްލަ ނަފުސު ދުރުހެލިކޮށްގެން ކަމަށާއި މަސްތުވާތަކެތިން ދުރުހެލިވުމަށް ހަރްޝް ވަނީ ބާބިލް ގާތު ބުނެފައެވެ.

ބާބިލްއަކީ ކުރީގެ އެކްޓަރު އިރުފާނު ޚާން އާއި އަންހެނުން ސުތާޕާ ސިކްދަރުގެ ދެ ފިރިހެން ކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ. ފިލްމު "ޤާލާ"އިން 2022 ވަނަ އަހަރު އިންޑަސްޓްރީއަށް ތައާރަފްވި ބާބިލްގެ އެންމެ ފަހުން ރިލީޒްވި ފިލްމަކީ މިދިޔަ މަހުގެ 18ގައި ޒީ5ގައި ޕްރީމިއަކުރި ފިލްމު "ލޮގްއައުޓް"އެވެ.

comment ކޮމެންޓް