'ސިތާރޭ ޒަމީން ޕަރު'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ކުރިއަށް އޮތް ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ޕޯސްޓަރު--ފޮޓޯ/މަސާލާ.ކޮމް

ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ފިލްމު "ސިތާރޭ ޒަމީން ޕަރު"ގެ ފުރަތަމަ ޕޯސްޓަރާ އެކު ފިލްމު ރިލީޒްކުރާ ތާރީޚު ވެސް އިއުލާނުކޮށްފިއެވެ.

އާރްއެސް ޕްރަސައްނާ ޑައިރެކްޓްކޮށް އާމިރު ޚާން ޕްރޮޑިއުސްކުރާ މި ފިލްމަކީ އާމިރުގެ އަމިއްލަ ޕްރޮޑަކްޝަން ކުންފުނިންގެ ގެނެސްދޭ ފިލްމެކެވެ.

އާމިރު ޚާން 2007 ވަނަ އަހަރު ގެނެސްދިން "ތާރޭ ޒަމީން ޕަރު"ގެ ސީކުއަލްއެއް ކަމަށް "ސިތާރޭ ޒަމީން ޕަރު"ގައި އާމިރު ޚާން ފެންނާނީ ބާސްކެޓް ބޯޅަ ދަސްކޮށްދޭ ކޯޗެއްގެ ގޮތުގައެވެ.

ވަރަށް ރުންކުރު އަދި މީހުންނަށް އިހުތިރާމު ނުކުރާ ޖެހިލުން ކުޑަ ކެރެކްޓާއަކުން އާމިރު ފެންނާނެއިރު މި ފިލްމުގައި އޭނާ ކުޅޭ ކެރެކްޓާ ދެކެ ބެލުންތެރިން ވަރަށް ރުޅި އަންނާނެ ކަމަށް އާމިރު ވަނީ ބުނެފައެވެ.

ފިލްމު "ސިތާރޭ ޒަމީން ޕަރު"އިން ހާއްސަ އެހީއަށް ބޭނުންވާ 10 ކުޑަކުދިން ފިލްމީ ދާއިރާއަށް ތައާރަފްވާނެ--ފޮޓޯ/ހިންދުސްތާންޓައިމްސް

ދާދިފަހުން މީޑިއާ ރިޕޯޓުތަކުން ބުނެފައި ވަނީ މި ފިލްމުން އާމިރުއާ އެކު ދިހަ ކުޑަކުދިން ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާނެ ކަމަށެވެ. މި ހުރިހާ ކުދިންނަކީ ވެސް ހާއްސަ އެހީ ބޭނުންވާ ކުދިން ކަމަށާއި މީގެތެރޭގައި އޯޓިޒަމް އަދި ޑައުންސިންޑްރަމް ހުންނަ ކުދިން ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ފިލްމުގެ ޕޯސްޓަރު ރިލީޒްކުރުމާ އެކު އާމިރަށް ތަރުހީބުކުރާ ބައެއް މީހުން ބުނެފައި ވަނީ މި ފިލްމަކީ 1000 ކްރޯޑު ރުޕީސްގެ އާމްދަނީ ބޮކްސް އޮފީހުގައި ހޯދާނެ ފިލްމެއްކަން ޔަގީންވާ ކަމަށެވެ.

އާމިރު ޚާން އެންމެ ފަހުން ކުޅުނު ފިލްމު "ލާލް ސިންގް ޗައްދާ"އަށް ބޮކްސް އޮފީހުގައި ލިބުނު ނާކާމިޔާބާ އެކު ފިލްމު "ސިތާރޭ ޒަމީން ޕަރު"އަށް ބޮކްސް އޮފީހުގައި ކުރި ހޯދޭނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމާފައިވާ މި ފިލްމުގައި އާމިރާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ޖެނީލިއާ ދޭޝްމުކްއެވެ.

comment ކޮމެންޓް