އާމިރު ޚާން މިހާރު މަސައްކަތް ފަށާފައިވާ ފިލްމު "ސިތާރޭ ޒަމީން ޕަރު"އިން ދިހަ ކުޑަކުދިން 'ޗައިލްޑް އާޓިސްޓު'ންގެ ގޮތުގައި ފިލްމު އިންޑަސްޓްރީއަށް ތައާރަފްވާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު "ސިތާރޭ ޒަމީން ޕަރު"އިން ފިލްމީ ދާއިރާއަށް ތަޢާރަފް ކުރާ 10 ކުދިންނަކީ ވެސް ވަރަށް ޗެލެންޖިން ރޯލްތަކާ އެކު އިންޑަސްޓްރީއަށް ނުކުންނަ ކުދިން ކަމަށާއި އެއީ ހުނަރުން ފުރިގެންވާ ކުދިންތަކެއް ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މިއީ އާމިރު ޚާން އަމިއްލަ އިސްނެގުމުގެ ދަށުން ފިލްމީ ދާއިރާއަށް ތައާރަފްކުރާ 'ޗައިލްޑް އާޓިސްޓު'ން ކުރިއަށްވުރެ އިތުރު ކުރުމުގެ މަސައްކަތުގެ ދަށުން ކުރާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އާމިރު އަދި ބަތަލާ ޖެނީލިއާ--ފޮޓޯ/ބޮލީވުޑްހަންގާމާ
ބެލުންތެރިންގެ ގިނަ ބަޔަކު އެއްމެ ބޮޑަށް އިންތިޒާރުކުރާ "ސިތާރޭ ޒަމީން ޕަރު"އިން އާމިރުއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ފިލްމީ ތަރި ޖެނީލިއާ ޑިސޫޒާއެވެ.
އާމިރު 2007 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތާރޭ ޒަމީން ޕަރު"އިން ބޮލީވުޑަށް ތަޢާރަފްކުރި ދަރުޝީލްގެ ކެރެކްޓާ ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދިއިރު "ސިތާރޭ ޒަމީން ޕަރު"އިން އާމިރު އިންޑަސްޓްރީއަށް ތައާރަފްކުރާ ކުދިންގެ ރޯލަކީ ވެސް ޝައުގުވެރި ރޯލްތަކަކަށްވާނެ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރާނެ އިރަކަށް ބެލުންތެރިން އިންތިޒާރު ކުރަމުން އަންނައިރު ރިޕޯޓުތަކުން ބުނެފައި ވަނީ އާމިރު މި ފިލްމު ރިލީޒްކުރާނެ ކަމަށް ބެލެވެނީ މި އަހަރުގެ ޖޫން މަހުއެވެ.
ނަމަވެސް ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް ހާމައެއް ނުކުރެއެވެ. ދާދިފަހުން އާމިރު ޚާން ދިން އިންޓަވިއުއެއްގައި އާމިރު ބުނެފައި ވަނީ އޭނާ މި ފިލްމުގައި ފެންނާނީ ވަރަށް ރަހުމްކުޑަ ހަރުކަށި މީހެއްގެ ރޯލްއިން ކަމަށެވެ.