ހަނގުރާމައަށް ތައްޔާރުވާން ޕާކިސްތާނުން ދެވަނަ މިސައިލް ޓެސްޓުކޮށްފި

ހަނގުރާމައަށް ތައްޔާރުވުމަށް ޕާކިސްތާނުން ވަނީ ދެވަނަ މިސައިލް ޓެސްޓުކޮށްފައި. ފޮޓޯ/އޭއެފްޕީ

އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި މިދިޔަ މަހު ދިން ހަމަލާގައި 26 މީހުން މަރުވި މައްސަލައާ ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ގޯސްވެ، ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައި ޕާކިސްތާނުގެ ދެވަނަ މިސައިލް ޓެސްޓުކޮށްފިއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ބުނީ، 120 ކިލޯމީޓަރު (75 މޭލު) ދުރުމިނުގެ ސަރަހައްދުން ބިމުގެ މައްޗަށް ދަތުރުކުރާ މިސައިލެއް ޓެސްޓްކޮށްފައިވާ ކަމަށާއި އެއީ ސިފައިންގެ އޮޕަރޭޝަނަލް ތައްޔާރީ ކަށަވަރު ކުރުމަށް ކުރި ކަމެއް ކަމަށެވެ.

މިސައިލް ޓެސްޓްކޮށްފައިވަނީ އީރާނުގެ އެންމެ އިސް ޑިޕްލޮމެޓް އައްބާސް އަރަޣްޗީ ބުރާސްފަތި ދުވަހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ ކުރިން ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއާ މަޝްވަރާ ކުރުމަށް ހޯމަ ދުވަހު އިސްލާމްއާބާދަށް ވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

ދެ ގައުމުތަކުގެ މެދުވެރިއަކަށްވުމަށް އީރާނުން ހުށަހަޅާފައިވާއިރު، އެ ހަމަލާގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވި ފަހުން ދެ ގައުމަށް ވެސް ޒިޔާރަތްކުރައްވާ ފުރަތަމަ ބޭރުގެ އިސް ޑިޕްލޮމެޓަކަށް އަރާގްޗީ ވާނެއެވެ.

"ދެ ގައުމުގެ ހާލަތު ރަގަޅު ކުރުމަށް އެހީތެރިވުމަށް އެއްވެސް މަސައްކަތެއް ނުކޮށް ދޫކޮށްނުލާނަން،" އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމައިލް ބަޤާއީ ވިދާޅުވިއެވެ.

ޕާކިސްތާނުން ހޮނިހިރު ދުވަހު ވެސް ވަނީ 450 ކިލޯމީޓަރުގެ ދުރުމިނަށް ބިމުން މައްޗަށް ދަތުރުކުރާ މިސައިލެއް ޓެސްޓުކޮށްފައެވެ. އަނެއްކޮޅުން އިންޑިއާއިން ވެސް ވަނީ ހަނގުރާމައިގެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް އިންޑިއާގެ އެކި ސްޓޭޓްތަކުގައި ބާއްވަން ނިންމާފައެވެ.

އިންފޮމޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އޭގެ ތެރޭގައި "އިވެކުއޭޝަން ޕްލޭން" ރިހާސަލް ކުރުމާއި، ހަމަލާއެއް ދީފި ނަމަ އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް މަދަނީ ދިފާއީ ކަންކަމާ ބެހޭ ގޮތުން އާންމުންނާއި ދަރިވަރުންނާއި އެހެން މީހުން ވެސް ތަމުރީނުކުރުން ހިމެނޭނެ ކަމަށެވެ.

ގާތްގަނޑަކަށް 15 މިލިއަން މީހުން ދިރިއުޅޭ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރަކީ ޕާކިސްތާނާއި އިންޑިއާއާ ދެމެދު ބަހާލެވިފައިވާ ސަރަހައްދެއް ނަމަވެސް އެ ދެ ގައުމުން ވެސް އެ ސަރަހަދުގެ މިލްކުވެރިކަމާމެދު ދައުވާކުރެއެވެ.

އޭޕްރީލް 22 ވަނަ ދުވަހު ދިން އެ ހަމަލާއަށް ޕާކިސްތާނުން ތާއީދުކުރާ ކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. އެ ހަމަލާދިން ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނަށް ނިސްބަތްވާ ދެ މީހުން ކަމަށް އިންޑިއާއިން ބުނެއެވެ.

ނަމަވެސް، ޕާކިސްތާނުން އެކަން ދޮގުކުރެއެވެ.

އެ މައްސަލައާ ގުޅިގެން ދެ ގައުމުން އަންނަނީ އެކިވަރުގެ ހަމަލާތައް ބޯޑަރު ހުރަސްކޮށް ދެމުންނެވެ.

އެ ހަމަލާގެ ރައްދު ދިނުމުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިންޑިއާ ސިފައިންނަށް "އޮޕަރޭޝަނަލް ފްރީޑަމް" ދެއްވާފައިވާ ކަމަށް ވެސް އެ ގައުމުގެ ސަރުކާރާ ހަވާލާދީ ބޭރުގެ މީޑިއާތަކުން މީގެކުރިން ރިޕޯޓުކޮށްފައިވެއެވެ.

comment ކޮމެންޓް