އެއާޕޯޓަށް ހިނގާފައި ދިޔަ މީހަކު، ފުލުހުންނަށް ފިލަން އުޅެނިކޮށް ހައްޔަރުކޮށްފި

ވީއައިއޭއަށް ހިނގާފައި ދަނިކޮށް ހުއްޓުވި މީހާ: އޭނާ އަކީ ސްޕޮންސާއަށް ފިލައިގެން އުޅޭ މީހެއްކަން އެނގިފައިވާ ކަމަށް ފުލުހުން ބުނި -- ފޮޓޯ/ އެމްވީކްރައިސިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ވަންނަން މިއަދު ހިނގާފައި ދިޔަ މީހަކު ފުލުހުންނަށް ނުކިޔަމަންތެރިވުމުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ، 23 އަހަރުގެ ރޯހިތު ކުމާރު ކަމަށެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:40ހާއިރު، އެއާޕޯޓަށް ދާން އޮންނަ ރުއްޖެހިމަގުން އެ މީހާ ހިނގާފައި ދަނިކޮށް މަޑުކުރަން ފުލުހުން އެންގި ކަމަށެވެ. ނަމަވެސް މަޑުނުކޮށް ދުވެފައި ދާން އުޅުމުން އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އިތުރަށް ބެލިބެލުމުން އޭނާއަކީ ސްޕޮންސާއަށް ފިލައިގެން އުޅޭ މީހެއްކަން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖޭގައި ގިނަ އަދަދަކަށް ބިދޭސީން އުޅޭއިރު، އޭގެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ މީހުން ގިނަ ކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އެ މައްސަލަ ހައްލުކުރުމަށް ޓަކައި މި ސަރުކާރުން އަންނަނީ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއްކޮށް، ގަވައިދާ ޚިލާފަށް މަސައްކަތް ކުރާ މީހުން ގަވައިދަށް ފެއްތުމަށް ފިޔަވަޅުތައް އަޅަމުންނެވެ.

ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ވެސް ހަރަކާތްތެރިވަމުން އަންނައިރު، ބައެއް ފަހަރު އޮފިސަރުން ދިޔުމުން ބިދޭސީން ދުވެ ފިލަން މަސައްކަތް ކުރާކަން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް