އިންޑިއާގެ އެއްބަސްވުންތައް ބަދަލު ކުރާ ކޮމިޓީގެ މައުލޫމާތު ޑިފެންސް މިނިސްޓަރަކަށް ނޭނގޭ

ޑިފެންސް މިނިސްޓަރު ޣައްސާން، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ޖައިޝަންކަރާ އެކު: ދެ ގައުމުގެ ހައި ލެވެލް ކޯޑިނޭޝަން ކޮމިޓީގެ މައުލޫމާތު ނޭނގޭ ކަމަށް ޣައްސާން ވިދާޅުވި --

އިންޑިއާއާ އެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތަކުގައި ހިމެނޭ 'ގައުމީ ސަލާމަތަށް ނުރައްކާވާ މާއްދާތައް' ބަދަލުކުރަން ބާއްވާ ދެ ގައުމުގެ 'ހައި ލެވެލް ކޯޑިނޭޝަން' ބައްދަލުވުމާ ބެހޭ ތަފުސީލުތައް އެނގިވަޑައިނުގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުން ވެރިކަމަށް އައި މިދިޔަ ސަރުކާރުގައި ގައުމީ ސަލާމަތާއި ސިޔާދަތަށް ނުރައްކާވާ ގޮތަށް އިންޑިއާއާ އެކު އަސްކަރީ އެއްބަސްވުންތައް ހަދާފައިވާ ކަމަށް ތުހުމަތުކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ އެއްބަސްވުންތަކުގައި ހުރި 'ކަންބޮޑުވާންޖެހޭ' މާއްދާތައް މިހާރު ބަދަލުކޮށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގައި މިއަދު ޑިފެންސް މިނިސްޓަރު ޣައްސާން ވަނީ އެ މަސައްކަތް އަދި ނުނިމޭ ކަމަށް ވިދާޅުވެފައެވެ.

މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ އެއްބަސްވުންތަކަށް އެއްވެސް ބަދަލެއް ގެނައިތޯ ސުވާލުކޮށްފައެވެ.

މަޖިލީހުގައި މިނިސްޓަރު ޣައްސާން: އެއްބަސްވުންތަކާ ގުޅޭ ކޮމިޓީ އޮންނާނެ ތާރީޚެއް ނޭނގޭ ކަމަށް އޭނާ ވިދާޅުވި -- ފޮޓޯ/ މަޖިލިސް

ޣައްސާން ވިދާޅުވީ، އެ މަސައްކަތް ދެ ގައުމުގެ ދެމެދުގައި ނަގަފާއިވާ 'ހައި ލެވެލް ކޯޑިނޭޝަން ކޮމިޓީ'އަކުން ކުރަމުން އަންނަ ކަމަށެވެ. އެ މަސައްކަތް އަދި ނުނިމޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ، އެއްބަސްވުންތަކުގައި ހުރި 'ކަންބޮޑުވާން ޖެހޭ' މާއްދާތައް އަދި އެއްކޮށް އިސްލާހުކޮށް ނުނިމޭ ކަމަށް ޑިފެންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އޭގެ ފަހުން އަނެއްކާ މެންބަރު އަޒާން ވަނީ އެ ކޮމިޓީގެ ބައްދަލުވުމެއް ދެން އޮންނާނީ ކޮން ދުވަހަކުންތޯ ސުވާލުކުރައްވައިފައެވެ. އޭނާ ވަނީ މި އަހަރު އެ ކޮމިޓީގެ އެއްވެސް ބައްދަލުވުމެއް ނުބާއްވާކަމާއި އެންމެ ފަހުން ބައްދަލުވުމެއް ބޭއްވިކަން އެނގެން އޮތީ މިދިޔަ އަހަރުގެ މޭ މަހުކަން ފާހަގަކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ޣައްސާން ވިދަޅުވީ، އޭނާ އެ ކޮމިޓީގައި ހިމެނިވަޑައިނުގަންނަވާ ކަމަށެވެ.

އެހެންވެ، އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާންޖެހޭ މާއްދާތައް އިސްލާހުކުރަން ބައްދަލުވުމެއް ދެން ބާއްވާނެ ތާރީޚެއް އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ. އެކަމަކު، މަޖިލީހުން އެދިވަޑައިގެންފި ނަމަ އެ މައުލޫމާތު ސާފުކުރުމަށް ފަހު، ހިއްސާކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސަރުކާރުން ކެމްޕޭން ތެރޭގައި އެންމެ ބާރަށް ކުރީ މި ގައުމުގައި އެތައް ހާސް އިންޑިއާ ސިފައިންނެއް ހަތިޔާރާ އެކު ހަރަކާތްތެރިވާކަމުގެ ތުހުމަތެވެ. އެ ކަން ކުރަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުންތައް ބޭނުންކޮށްގެން ކަމަށް އޭރު ތުހުމަތުކުރިއެވެ.

އެކަމަކު، ސަރުކާރުން ވަނީ ރާއްޖޭގައި ތިބީ އިންޑިއާގެ 74 ސިފައިން ކަމަށް ބުނެފައެވެ. އެއަށް ފަހު، ޣައްސާން ވެސް މިއަދު ވަނީ އެ މީހުން ހަރަކާތްތެރިވީ ހަތިޔާރާނުލައި ކަމަށް ވެސް އިއުތިރާފުވެލައްވައިފައެވެ.

މި ސަރުކާރާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވި ނަމަވެސް މި ފަހުން ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅާ އެކު ދެ ގައުމުގެ ގުޅުން އަލުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

comment ކޮމެންޓް