ޖެކްލީންއާއި ނީލް ނެށުމާއި މިއުޒިކުގެ ދުނިޔެއެއްގައި

ބޮލީވުޑްގެ ބަތަލާ ޖެކްލީން ފެނާންޑެޒް އާއި އެކްޓަރު ނީލް ނިތިން މުކޭޝް އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާ ޑްރާމާ ސީރީސް "ހޭ ޖުނޫން"ގެ ޓްރެއިލާ ރިލީޒްކޮށްފިއެވެ.

އަބީޝެކް ޝަރުމާ ޑައިރެކްޓްކޮށް ޖިއޯ ކްރިއޭޓިވްލެބްސް ބެނާގެ ދަށުން ޕްރޮޑިއުސްކުރާ މި ސީރީސް އަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ވަރަށް ޑްރެމެޓިކް ލޯބީގެ ޑްރާމާ ސީރީސްއެކެވެ.

ނީލް އާއި ޖެކްލީންގެ އިތުރުން މި ސީރީސްއިން ފެންނާނެ އިތުރު ތަރިންގެތެރޭ ބޮމަން އިރާނީ، ސުމޭދު މުދުގަލްކާރު، ސިދާތު ނިގަމް، ޕްރިޔާންކް ޝަރުމާ އަދި ނަން ހާމަނުކުރާ އަލަށް ފިލްމު އިންޑަސްޓްރީއަށް ފަންނާނުން ހިމެނެއެވެ. މި ސީރީސްގެ ޑައިރެކްޓަރު އަބީޝެކް އަކީ "ދަ ޒޯޔާ ފެކްޓާ"، "ޕަރަމަނޫ: ދަ ސްޓޯރީ އޮފް ޕޯހްރާން" އަދި "ރާމް ސެޓޫ"ގެ ވެސް ޑައިރެކްޓަރެވެ.

ޖެކްލީން ފިލްމު "ރޯއި"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ

މިއުޒިކީ ދުނިޔެއަށް ބެލުންތެރިން ގެންގޮސްދޭނެ މި ސީރީސްއާ ބެހޭގޮތުން ނީލް ބުނެފައި ވަނީ ބެލުންތެރިންނަށް ވާހަކަ ކިޔައިދިނުމަށް ބޭނުންކުރެވޭނެ އެންމެ މުހިއްމު އެއް ވަސީލަތަކީ މިއުޒިކް ކަމަށް ގަބޫލުކުރާ ކަމަށެވެ.

މިއީ ވެބް ދުނިޔޭގައި މިހާތަނަށް ބެލުންތެރިން ތަޖުރިބާކޮށްފައި ނުވާފަދަ ސީރީސްއަކަށްވާނެ ކަމަށް ނީލް ވަނީ ބުނެފައެވެ.

މި ސީރީސްއާ ބެހޭގޮތުން ޖެކްލީން ބުނީ އޭނާ ކުޅޭ ކެރެކްޓާއަކީ މުޅިން ތަފާތު ނެށުމުގެ ވައްޓަފާޅިއަކަށް ބިނާކޮށްފައިވާ ކެރެކްޓާއަކަށް ވުމުން ޖެހުނީ އަލުން ބަލުން މުޅިން އާ ވައްތަރެއްގެ ނެށުމުގެ ތަމްރީނުތަކެއް ފުރިހަމަ ކުރުމަށެވެ.

މި ސީރީސް ޕްރީމިއާ ކުރުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 16 ވަނަ ދުވަހުއެވެ. "ހޭ ޖުނޫން" ޕްރީމިއާ ކުރާނީ ޖިއޯހޮޓްސްޓާ މެދުވެރިކޮށެވެ.

comment ކޮމެންޓް