އެއްވެސް އިރެއްގައި ފިލްމީ ޕްރޮޖެކްޓްތައް ހޯދުމަށް މީހުންގެ ފަހަތުން ދުވުމަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރު ޚާންގެ އާދައެއް ނޫންކަމަށް ބަތަލާ ބުނެފިއެވެ.
އިންޑިއާގެ މުމްބާއީގައި ކުރިއަށްދާ ވޭވް ސަމިޓް 2025ގެ ޕެނަލް މަޝްވަރާ ބައްދަލުވުމެއްގައި ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ އިންޑިއާގެ އެހެން ބަތަލާއިން ހޮލީވުޑްގެ ޕްރޮޖެކްޓްތައް ހޯދުމަށް މަސައްކަތް ކުރާއިރު ކަރީނާ މަސައްކަތް ނުކުރަނީ ކީއްވެތޯ އަހާފައެވެ.
އެ ސުވާލަށް ރައްދު ދެމުން ކަރީނާ ބުނީ ބަތަލާގެ ފިލްމީ ކެރިއަރުގައި ހޮލީވުޑް ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމުގެ ވަގުތު ޖެހުމުން އެކަން އެގޮތަށް ވާނެ ކަމަށެވެ. ނަމަވެސް ފިލްމު ޕްރޮޖެކްޓްތައް ހޯދުމަށް މީހުންގެ ފަހަތުން ދުވުމަކީ ބަތަލާގެ އާދައެއް ނޫން ކަމަށާއި ކުރިމަގުގައި ހިންދީ-އިނގިރޭސި ފިލްމަކުން ވެސް ބަތަލާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ބަތަލާ ކަރީނާ ކަޕޫރު ޚާން ވޭވް ސަމިޓް 2025ގައި--ފޮޓޯ/ފިލްމުފެއަ
ބައިނަލްއަޤްވާމީ ދުނިޔޭގެ ޕްލެޓްފޯމްތަކަށާއި އޯޑިއަންސަށް ކަރީނާ އަކީ ކާކު އެނގެން ހޮލީވުޑް ފިލްމެއް ކުޅުން މުހިއްމު ނޫން ކަމަށް ކަރީނާ ވަނީ މި ޕެނަލް ބައްދަލުވުމުގައި ބުނެފައެވެ.
އެގޮތުން ކަރީނާގެ ކެރިއަރުގެ އެންމެ މަގުބޫލު ފިލްމު ކަމަށްވާ "3 އިޑިއަޓްސް" ރިލީޒްވިތާ ކައިރީ އޭނާ އެމެރިކާއަށް ކުރި ދަތުރެއްގައި ހޮލީވުޑްގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސްޓީވަން ސްޕިލްބާގްއަށް ކަރީނާ ކާކުކަން އެނގުނު ކަމަށެވެ.
ރެސްޓޯރެންޓެއްގައި ކަރީނާގެ ރަހްމަތްތެރިންނާ އެކު ކެއުމަކަށް އިންސާފުކުރަން އިންދާ ކުއްލިއަކަށް ކުރިމަތީގައި އައިސް ހުއްޓުނީ އޮސްކާ އެވޯޑު ކާމިޔާބުކޮށްފައިވާ މަޝްހޫރު ފިލްމު ޑައިރެކްޓަރު ސްޓީވަން ސްޕިލްބާގް ކަމަށާއި ކަރީނާ އަކީ ފިލްމު "3 އިޑިއަޓްސް"ގެ ބަތަލާތޯ ޔަގީން ކުރުމަށް ސްޓީވަން ސުވާލުކުރި ކަމަށެވެ.
ސްޓީވަންއަށް ފިލްމު "3 އިޑިއަޓްސް" ވަރަށް ބޮޑަށް ކަމުދިޔަ ކަމަށް ބުނި ކަމަށާއި ހޮލީވުޑްގެ ފިލްމު ޑައިރެކްޓަރަކަށް ކަރީނާ ފާހަގަ ކުރެވުނީ ހޮލީވުޑް ފިލްމެއްގައި މަސައްކަތްކޮށްގެން ނޫން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
އެހެންކަމުން ކޮންމެހެން އިނގިރޭސި ނުވަތަ އެމެރިކާ ފިލްމެއްގައި މަސައްކަތް ކުރުމަކީ މިވަގުތަށް އެހާ މުހިއްމު ކަމެއް ނޫން ކަމަށާއި ކަރީނާ އަކީ އަބަދުވެސް ހިންދީ ފިލްމަށް ލޯބިކުރި މީހެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ދެމި ހުންނާނީ އެގޮތުގައި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ކަރީނާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ސިންގްހަމް އަގެއިން"އިންނެވެ.