އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު މައްސަލައިގައި، އޭނާއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލައި ޒުވާނުން ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުން ހައްޔަރުކުރި ދެ ޒުވާނުން ދޫކޮށްލުމާއެކު މިރޭ މުޒާހަރާގައި ބައިވެރިވެއްޖެއެވެ.
މި މަހުގެ 18ވަނަ ދުވަހު ހ. ފެންޓޯނިއާގެއިން ވެއްޓިފައި އޮއްވައި ޔުމްނު ފެނުމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އޭނާ ވެއްޓުނީ އަމިއްލައަށް ކަމަށެވެ. އެހެންނަމަވެސް އެ ހާދިސާގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރި ކަމަށާއި ފުލުހުންނަށް އިތުބާރު ނުކުރެވޭ ކަމަށް ޒުވާނުން އަންނަނީ މުޒާހަރާ ކުރަމުންނެވެ.
އެ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ޒުވާނުން ކަމަށްވާ އައިޝަތު ޝިމަން އަހުމަދާއި، މި ސަރުކާރުގެ ޔޫތު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މަހްޒޫމް މާޖިދު ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އޮތް މުޒާހަރާއިން ހައްޔަރުކޮށްފައެވެ.
އެ ދެ މީހުން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް ތިން ދުވަސް ޖަހައިފައެވެ. އެ ދެ މީހުންނަށް ވެސް ވަނީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނާ ޚިލާފުވި ކަމުގެ ތުހުމަތުކޮށްފައެވެ.
ދެ މީހުންގެ ކޯޓު އަމުރުގައި ވެސް ވަނީ، އެ ދެ މީހުން، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނު ވަގުތު ފުލުހުންގެ ސަފު ފަޅާލަން ގަދަކަން ދައްކައި، މަސައްކަތަށް ހުރަސް އެޅި ކަމަށް އިންވެސްޓިގޭޝަން އޮފިސަރު ވިދާޅުވި ކަމަށް ބަޔާންކޮށްފައެވެ.

މަހްޒޫމް ހައްޔަރުކުރުން: އޭނާ މިއަދު ދޫކޮށްލުމާއެކު ވަނީ މުޒާހަރާގައި ބައިވެރިވެފައި --
އެ މީހުންގެ ބަންދު ޖެހި ނަމަވެސް މިރޭ ފުލުހުން ވަނީ ދެ މީހުން ވެސް ބަންދުން ދޫކޮށްފައިވާ ކަމަށް ބުނެފައެވެ.
މިރޭ ވެސް ޒުވާނުންގެ މުޒާހަރާ ކުރިއަށްގެންދާއިރު، 19 އަހަރުގެ ޝިމަންއާއި 28 އަަހަރުގެ މަހްޒޫމް ވެސް ވަނީ މުޒާހަރާގައި ބައިވެރިވެ ވާހަކަދައްކައިފައެވެ.
އޭގެ ތެރެއިން ޝިމަން ވަނީ އިންސާފު ހޯދަން ނުކުމެ ތިބޭ ބަޔަކު ފަހަތަށް ނުޖެއްސޭނެ ކަމަށް ބުނެފައެވެ.
"އިންސާފު ހޯދަން ނިކުމެ ތިބޭ މީހުންނެއް ފަހަތަކަށް ނުޖެއްސޭނެ، އަހަރުމެން ބިރެއް ވެސް ނުގަންނާނަން، ދެރައެއްވެސް ނުވާނަން، އަހަރުމެން މި ތިބީ ގަދަކޮށް، އަހަރުމެން އެންމެން މި ތިބީ ގަދަކޮށް،" އޭނާ ބުންޏެވެ.
މުޒާހަރާއަށް ހާޒިރުވުމާއެކު، މަހްޒޫމް ވަނީ އޭނާ ހައްޔަރުކުރިއިރު ފުލުހުން އަނިޔާކުރި ކަމަށް ތުހުމަތުކޮށްފައެވެ.
އެ މުޒާހަރާގެ ފޮޓޯއާއި ވީޑިއޯތަކުން، މަހްޒޫމް ހައްޔަރުކުރި ވަގުތު އޭނާގެ ގަމީސް ވީދި، އަނިޔާވާ މަންޒަރު ފެނެއެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހިއިރާއި މިރޭ ވެސް އޭނާގެ އަތުގައި ވަނީ މެޑިކަލް ސްލިންގެއް އަޅުވައިފައެވެ.
މިރޭގެ މުޒާހަރާގައި ދެއްކި ވާހަކައިގައި އޭނާ ވަނީ އަނިޔާކުރިޔަސް މުޒާހަރާ ނުހުއްޓާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.
"އަހަރުމެންނަށް އަނިޔާކުރެވިދާނެ، އަހަރުމެންގެ އަތް ވެސް ބިންދިދާނެ، އަހަރުމެންގެ ބޯވެސް ފަޅާލެވިދާނެ، އެކަމަކު ފުލުހުންނެއް ވެސް އެހެން ބަޔެއްވެސް އަހަރުމެން މިކުރާ ކަން ހުއްޓާލާކަށް ނޭދެވޭނެ،" އޭނާ ބުންޏެވެ.
އެއަށްފަހު މަހްޒޫމް ވަނީ ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވަނީ، އެ ދެ މީހުން ނުކުރާ ކަންތައްތަކެއްގެ މައްޗަށް ކުރި ތުހުމަތުތަކެއް ކަމަށް ވެސް ބުނެފައެވެ.
"މިއަދު ވަރަށް ރަނގަޅަށް އެނގިއްޖެ ފުލުހުން ހަދާ ދޮގުތަކާއި ފުލުހުން އަޅުވާ ބަދުނާމުތައް ވެސް ނުކުރާ ކަންތައްތަކުގެ މައްޗަށް ތުހުމަތުކޮށްފައި އޮތީ، އެކަމަކު އަހަރުމެން ބިރެއް ނުގަންނާނެ، އަހަރުމެން ފަހަތަކަށް ނުޖެހޭނެ،" އޭނާ ބުންޏެވެ.
ބުރާސްފަތި ދުވަހުގެ ރޭގެ މުޒާހަރާ ހޫނުވީ، އެސްއޯ ފުލުހުންގެ ޓީމަކުން ކުއްލިއަކަށް މުޒާހަރާ ތެރެއަށް ވަދެ، ބާރޫގެ ބޭނުންކޮށްގެން މުޒާހަރާ ރޫޅާލަން މަސައްކަތް ކުރުމުންނެވެ. އެ މުޒާހަރާ ތެރެއަށް ޕެޕާ ސްޕެރޭ ވެސް ޖެހިއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މުޒާހަރާތަކުގައި މަޖީދީމަގު ފަދަ މުހިންމު މަގެއް ބަންދުވާހެން މިއުޒިކު ކުޅުމާއި ޓޭބަލް ޓެނިސްގެ އިތުރަށް ކެރަމް ފަދަ ކުޅިވަރުތައް ކުޅުމުން އާންމު މަސްލަހަތަށް ފުށުއަރާތީ އެކަންކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވިއެވެ. ނަމަވެސް ނަސޭހަތަށް އިޖާބަ ނުދިނުމުން ދަރިވަރުންގެ ތަޢުލީމީ މަސްލަހަތަށާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރާ އަސަރުތަކަށް ރިއާޔަތްކޮށް މުޒާހަރާ ރޫޅާލީ ކަމަށް ފުލުހުން ބުންޏެވެ.
އެ މުޒަހަރާ ފުލުހުން ބާރުގެ ބޭނުންކޮށްގެން ރޫޅާލީ ގާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ހައްގެއް ހަނިކުރުމުގެ މަގުސަދުގައި ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)އިން ބުނެފައިވެއެވެ. އޭގެ އިތުރުން އެމްޑީޕީއާއި ޑިމޮކްރެޓުން ވެސް ވަނީ ދެ ޒުވާނުން ދޫކޮށްލުމަށް މީގެ ކުރިން ގޮވާލައިފައެވެ.
އެ މުޒާހަރާތަކުގައި ޒުވާނުން ދަނީ ޔުމްނުއަށް އިންސާފު ހޯދައި ދިނުމުގެ އިތުރުން، މައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތުވާ ސަރުކާރުގެ އިސްވެރިން ވެސް އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.