ޔޫޓިއުބްގައި ތާރީޚީ ރެކޯޑެއް: އެއް މިލިއަން މެންބަޝިޕް ހަމަކުރި ފުރަތަމަ ތަރިއަކަށް އިންޑިއާގެ ސަމޭ ރައިނާ

އިންޑިއާގެ މަޝްހޫރު ސްޓޭންޑްއަޕް ކޮމީޑިއަން ސަމޭ ރައިނާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

އިންޑިއާގެ މަޝްހޫރު ސްޓޭންޑްއަޕް ކޮމީޑިއަން ސަމޭ ރައިނާ، ޔޫޓިއުބްގައި އެއް މިލިއަން ޗެނަލް މެންބަޝިޕް ހަމަކުރި ދުނިޔޭގެ ފުރަތަމަ ކްރިއޭޓަރުގެ ޝަރަފު ހޯދައި ތާރީޚުން ޖާގަ ހޯދައިފިއެވެ.

ގޫގުލް އިންޑިއާގެ ރަސްމީ ބްލޮގުގައި ޔޫޓިއުބް އިންޑިއާއިން ޝާއިއުކުރި ލިޔުމެއްގައި މި ތާރީޚީ ކާމިޔާބީ އިއުލާންކުރަމުން، މި ހިސާބަށް ވާސިލުވުމުގައި ސަމޭގެ ސަޕޯޓަރުންގެ އެކަމުގައި އަދާކޮށްފައިވާ މުހިންމު ދައުރު ވަނީ ފާހަގަކޮށްފައެވެ. އެ ބްލޮގުގައި ޔޫޓިއުބް ޓީމުން ބުނެފައިވަނީ، ރާޒުވާގެ ގްރޭންޑްމާސްޓަރުންނާއެކު ކުރިއަށްގެންދިޔަ މަޖާ ވާހަކަތަކުން ފެށިގެން 'އިންޑިއާސް ގޮޓް ލޭޓެންޓް' ފަދަ މަޤުބޫލު ޝޯތައް އުފައްދައި، ސަމޭ ވަނީ އޭނާގެ ޔޫޓިއުބް ޗެނަލަކީ އެތައް މިލިއަން ބަޔަކު އެއްތަންވާ އެންމެ ފޯރިގަދަ ވާޗުއަލް މަންސައަށް ހަދާފައި ކަމަށެވެ.

މިހާރު 12.4 މިލިއަން ސަބްސްކްރައިބަރުން ތިބި ސަމޭއަށް މި ކާމިޔާބީ ލިބިފައިވަނީ އޭނާގެ ކެރިއަރުގައި ކުރިމަތިވި ވަރަށް ހަލަބޮލި އަދި ގޮންޖެހުން ބޮޑު ދުވަސްތަކަކަށް ފަހުގައެވެ. އެގޮތުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 'އިންޑިއާސް ގޮޓް ލޭޓެންޓް'ގެ އެޕިސޯޑެއްގައި ޔޫޓިއުބާ ރަންވީރު އަލަހާބާދިއާ ދެއްކި ވާހަކަތަކަކާ ގުޅިގެން އާންމުންގެ ބޮޑު ނުރުހުމެއް އަމާޒުވެ، ސަމޭ އާއި އެ ޝޯގައި ބައިވެރިވި ފަރާތްތަކާ ދެކޮޅަށް ފުލުހުންނަށް ގިނަ މައްސަލަތަކެއް ހުށަހެޅުނެވެ. އެ ހާދިސާއާ ގުޅިގެން ސަމޭ މައާފަށް އެދުމަށްފަހު، އޭނާގެ ޔޫޓިއުބް ޗެނަލުން އެ ޕްރޮގްރާމްގެ ހުރިހާ އެޕިސޯޑެއް ޑިލީޓްކޮށްލިއެވެ.

ނަމަވެސް، މި އަހަރު 'ސްޓިލް އެލައިވް'ގެ ނަމުގައި ގެނެސްދިން ކޮމެޑީ ސްޕެޝަލް ޝޯއަކާއެކު ސަމޭ ވަނީ އަލުން އާންމުންގެ ތެރެއަށް ނުކުމެ، ކުރިމަތިވި ފާޑުކިޔުންތަކާއި މީޑިއާގެ ސަމާލުކަމަށް ރައްދު ދީފައެވެ. ހަމަ އެ ޝޯގައި އޭނާ ވަނީ 'އިންޑިއާސް ގޮޓް ލޭޓެންޓް'ގެ ދެވަނަ ސީޒަން އިއުލާންކޮށްފައެވެ. މި އަހަރުގެ ޖޫން މަހު ނެޓްފްލިކްސް އަދި ޔޫޓިއުބްގައި ޕްރިމިއާކުރި މި އާ ސީޒަނުގައި އާލިއާ ބަޓް، ވަރުން ދަވަން، ހުމާ ގުރޭޝީ އަދި ކަރަން އައުޖްލާ ފަދަ ބޮލީވުޑްގެ މަޝްހޫރު ތަރިން ވަނީ ބައިވެރިވެފައެވެ.

ސަމޭ ރައިނާގެ ޝޯގައި ފިލްމީ ތަރިން ކަމަށްވާ އާލިއާ ބަޓް އަދި ޝަރުވަރީ ވާގް ބައިވެރިވަނީ--ފޮޓޯ/މިޑްޑޭ

އޯމެކްސް މީޑިއާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ޔޫޓިއުބާއި ނެޓްފްލިކްސް މެދުވެރިކޮށް 38.5 މިލިއަން މީހުން ބަލާފައިވާ މި ޝޯއަކީ މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާއިން އެންމެ ގިނަ ބަޔަކު ބެލި ސްޓްރީމިންގް ޝޯއެވެ. މީގެ އިތުރުން، ހަމައެކަނި ޖޫން މަހުގެ ތެރޭގައިވެސް އިންޑިއާގެ 1.2 މިލިއަނަށްވުރެ ގިނަ ސަޕޯޓަރުން ޔޫޓިއުބް ޗެނަލް މެންބަޝިޕް ގަނެފައިވާއިރު، މިއީ ސަޕޯޓަރުން އެމީހުންގެ ފޭވަރިޓް ކްރިއޭޓަރުންނާ ގާތުން ގުޅުން ބަދަހިކޮށް އެހީތެރިވުމަށް ދޭ އަހަންމިއްޔަތު އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް ޔޫޓިއުބުން ބުނެއެވެ.

ސަމޭއަށް މަރުހަބާ ކިޔަމުން ޔޫޓިއުބް ޓީމުން ބުނެފައިވަނީ، މިއީ ސަމޭއަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީއެއްގެ އިތުރުން، މުޅި އިންޑިއާގެ ކޮންޓެންޓް ކްރިއޭޓަރުންނަށާއި އެ ދާއިރާގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ލިބުނު ބޮޑު ފަޚުރެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ސަމޭގެ ފަރާތުން ފެންނާނެ އުފެއްދުންތެރި އަދި މަޖާ ކޮންޓެންޓްތަކަށް އިންތިޒާރުކުރާ ކަމަށް ޔޫޓިއުބުން ވަނީ ބުނެފައެވެ.

comment ކޮމެންޓް