އިންޑިއާގެ އާސާމުގައި ބޭއްވި މިއުޒިކް ކޮންސެޓެއްގައި ލަވަކިޔަމުން ދަނިކޮށް، ކުއްލިއަކަށް އައި ޑްރޯނެއް މޫނުގައި ޖެހުމާ ގުޅިގެން މަޝްހޫރު ރެޕާ، ރެބެލް ޕަފޯމަންސް މެދުކަނޑާލުމަށްފަހު ސްޓޭޖް ދޫކޮށް ހިނގައްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އާސާމްގެ ގުވަހާޓީގެ ހަތިސިލާގައި ކުރިއަށްދިޔަ 'ޕަލްސް 2026 އެވޯޑްސް' ހަފުލާގެ ތެރެއިންނެވެ. ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ރެބެލް ސްޓޭޖް މަތީގައި ފޯރިއާއެކު ލަވަކިޔަމުން ދަނިކޮށް، މަންޒަރުތައް ނަގަން އުޅުނު ޑްރޯނެއް ކޮންޓްރޯލުން ނެއްޓިގެން އައިސް އޭނާގެ މޫނުގައި ވަރަށް ބާރަށް ޖެހެއެވެ. އެއާއެކު އޭނާ ވަގުތުން ލަވަކިޔުން ހުއްޓާލައި، އޯޑިއަންސާ އެއްވެސް މުޚާޠަބުކުރުމެއް ނެތި ސްޓޭޖުން ފައިބައިގެން ދިޔަ މަންޒަރު ފެނެއެވެ.
މި ހާދިސާގެ ވީޑިއޯތައް އާންމުވުމާއެކު، ގިނަ ބަޔަކު ދަނީ ރެބެލްގެ ހާލާމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިފަދަ ބޮޑު ހަފުލާއެއް އިންތިޒާމުކުރިއިރު، ފަންނާނުންގެ ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާތީ ސޯޝަލް މީޑިއާގައި އާންމުން ދަނީ އިވެންޓް އިންތިޒާމުކުރި ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
ރެބެލް ލަވައެއްގެ މަންޒަރެއްގައި--ފޮޓޯ/އެންޑީޓީވީ އެގޮތުން ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރި މީހަކު ބުނެފައިވަނީ، މިފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން އިންތިޒާމުކުރާ ފަރާތްތަކުން އެއަށްވުރެ ބޮޑަށް ބަލައި ފަރުވާތެރިވާން ޖެހޭނެ ކަމަށެވެ. އަދި ޑްރޯނަކުން ޖެހުމަކީ ފުރާނައަށްވެސް ނުރައްކާވެދާނެ ފަދަ ކަމެއްކަން ފާހަގަކޮށް، ރެބެލްގެ ހާލު ރަނގަޅުތޯ ގިނަ ސަޕޯޓަރުން ދަނީ ސުވާލު އުފައްދަމުންނެވެ.
މި ހާދިސާއާ ގުޅިގެން ރެބެލް އަދި މިހާތަނަށް ރަސްމީ ބަހެއް ބުނެފައި ނުވި ނަމަވެސް، އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އެ ކޮންސެޓުގެ ޕަފޯމަންސްގެ ކުރު ވީޑިއޯ ކްލިޕެއް ވަނީ ހިއްސާކޮށްފައެވެ.
ދެހާސްނަވާރަ ވަނަ އަހަރު އޭނާގެ ފުރަތަމަ ސިންގަލް އަލްބަމް ނެރެގެން މިއުޒިކީ ދާއިރާއަށް ނުކުތް ރެބެލްއަށް އާންމުންގެ ބޮޑު މަޤުބޫލުކަމެއް ލިބިގެންދިޔައީ، މިދިޔަ އަހަރު ރިލީޒްކުރި ޑައިރެކްޓަރު އަދިތިޔާ ދާރްގެ ފިލްމު 'ދުރަންދަރު'އަށް ކިޔައިދިން ލަވަތަކުންނެވެ. އެ ފިލްމުގައި އޭނާ ވަނީ 'މޮނިކާ' އަދި 'ނާލް ނަޗްނާ' ފަދަ ހިޓް ލަވަތަކަށް އަޑުއަޅައިދީފައެވެ. މީގެ އިތުރުން 'ލޯކާ - ޗެޕްޓާ 1'ގައި ހިމެނޭ 'ތަނީ ލޯކާ މުރައްކާރީ' ލަވަވެސް ކިޔާފައިވަނީ އޭނާއެވެ. ރެބެލް އެންމެ ފަހުން ނެރެފައިވަނީ 'އީޕީ 25 އިން 26' ނަމަކަށް ކިޔާ އަލްބަމެކެވެ.