ކުރިއަށް އޮތް ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ސިނަމާތަކަށް ގެންނަ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ކިންގް"ގައި ހިމެނޭ ބަތަލާ ކަރީނާ ކަޕޫރު ޚާންގެ ޚާއްޞަ ލަވަ "ޑެޑީ ކޫލް" ބެލުންތެރިންނަށް ދައްކާލައިފިއެވެ.
އަހަރުތަކަކަށްފަހު ޝާހު އާއި ކަރީނާ އެކީ ސްކްރީނުން ފެނިގެންދާ މި ލަވައާ އެކު، 2011 ވަނަ އަހަރު ނުކުތް ފިލްމު "ރާ.ވަން"ގައި ދެ ތަރިން އެކީ ފެނުނު މަޤުބޫލު ލަވަ "ޗައްމަކް ޗައްލޯ"ގެ ހަނދާންތައް ބެލުންތެރިންވަނީ އާކޮށްފައެވެ. މި މަހުގެ ފުރަތަމަ ހަފްތާގެތެރޭ ޝާހު އާއި ބަތަލާ ދީޕިކާ ޕަދުކޯން އެކީ ފެންނަ ފިލްމުގެ ފުރަތަމަ ލަވަ "ތޫ މިލް ޖާއޭ" ނެރުމާއެކު، ކަރީނާ ވަނީ މި ފިލްމުގައި އޭނާގެ ޚާއްޞަ ލަވައެއް ހިމެނޭނެ ކަމުގެ އިޝާރާތެއް ދީފައެވެ. އެ އިންތިޒާރަށް ނިމުމެއް ގެނެސްދެމުން ފިލްމުގެ އުފެއްދުންތެރިން އާންމުކުރި "ޑެޑީ ކޫލް"އިން ފެނިގެންދަނީ ޝާހުރުކް އާއި ކަރީނާގެ ޖާދުވީ ކެމިސްޓްރީއާއި ފޯރިގަދަ ނެށުމުގެ ހަރަކާތްތަކެވެ.
ފިލްމު "ރާ.ވަން"ގެ ލަވަ 'ޗައްމަކް ޗައްލޯ'ގެ މަންޒަރެއްގައި ޝާހު އާއި ކަރީނާ--ފޮޓޯ/މިޑްޑޭޝާހު އާއި ކަރީނާ މީގެކުރިންވެސް އެކީގައި ފެނިފައިވާ ލަވަތައް ކަމަށްވާ ފިލްމު "ޑޮން"ގެ ލަވަ، 'ޔޭ މެރަ ދިލް' އަދި ފިލްމު "ބިއްލޫ"ގެ ލަވަ 'މަރްޖާނީ'ގެ އިތުރުން 'ޗައްމަކް ޗައްލޯ'އަށް ލިބުނުފަދަ ތަރުހީބެއް 'ޑެޑީ ކޫލް' ލަވައަށް ވެސް ލިބޭނެ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ސަޗިން-ޖިގަރުގެ މިއުޒިކަށް ތައްޔާރުކޮށްފައިވާ މި ހިތްގައިމު ލަވައަށް އަޑު އަޅާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތު ސިންގް އާއި ޝިލްޕާ ރާއޯއެވެ. އަދި ލަވައިގެ ނެށުންތައް ތައްޔާރުކޮށްދީފައިވަނީ ކުޅަދާނަ ކޯރިއޯގްރާފަރު ވައިބަވީ މާޗަންޓެވެ.
މި ލަވަ އިންސްޓަގްރާމްގައި ހިއްސާކުރަމުން ޝާހުރުކް ބުނީ، ކަރީނާ (ބޭބޯ)އާ އެކު އަނެއްކާވެސް އެނބުރި ސްކްރީނަށް އާދެވިއްޖެ ކަމަށާއި މިފަހަރު ދެ ތަރިން އެކީގައި މަސައްކަތްކުރި ލަވަ ކުޑަކޮށް ބޯދާ ކަމަށެވެ. ނަމަވެސް ކަރީނާ އަކީ އަދިވެސް ވަރަށް 'ކޫލް' ފަންނާނެއްގެ ގޮތުގައި ޝާހު ވަނީ ސިފަކޮށްފައެވެ.
ފިލްމު "ކިންގް" އަކީ ޝާހުގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމުތައް ކަމަށްވާ "ޕަތާން"، "ޖަވާން" އަދި "ޑަންކީ" އަށްފަހު އޭނާ އަލުން ބޮޑު ސްކްރީނަށް އެނބުރި އަންނަނީ ވަރަށް ވަރުގަދަ އެކްޝަން ތުރިލާއެކެވެ. ބޮޑު ކާސްޓެއް ހިމެނޭ މި ފިލްމުގައި ޝާހުގެ ދަރިފުޅު ސުހާނާ ޚާންގެ އިތުރުން އަބީޝޭކް ބައްޗަން، ޖެކީ ޝްރޮފް، އަރުޝަދު ވަރުސީ އަދި ރާގަވް ޖުޔާލް ފަދަ ތަރިން މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން ރާނީ މުކަރުޖީ، ދީޕިކާ ޕަދުކޯން އަދި ކަރީނާ ކަޕޫރު ޚާންގެ ހާއްސަ ފެނިލުންތައްވެސް މި ފިލްމުގައި ހިމެނެއެވެ.