ޝަރީއަތުގެ މަޖިލީހުގައި ކޯޓުތަކުގެ ހުރުމަތް ކަނޑައިފިނަމަ، ކޯޓުތަކުގެ ހުރުމަތް ކެނޑުމަށް ކުރި އަމަލުގެ ކުޑަބޮޑުމިނަށް ބަލައި އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތް ހެދުމަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ކޯޓުތަކުގެ ގާނޫނުގައި މިހާރު އޮންނަނީ، ޝަރީއަތް ހިނގަމުންދާ ވަގުތު ކޯޓުތަކުގެ އިޒުނައެއް ނެތި ޝަރީޢަތުގެ މަޖިލީހުން ނުކުމެ، ނުވަތަ މަޖިލީހުގެ ނިޒާމާ ޚިލާފުވާފަދަ އަމަލެއް މީހަކު ހިންގައިފިނަމަ، ނުވަތަ ޝަރީޢަތުގެ މަޖިލީހުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެނަމަ، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.
ވެރިކަންކުރާ ޕީއެންސީ ފަރާތުން ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ވަނީ، މި މާއްދާ އުވައިލައި ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅޭ ބާބެއް ހިމެނުމަށް ހުށަހަޅުއްވައިފައެވެ.
މި ބާބުގައި ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލުތަކުގެ ތެރޭ ހިމަނައިފައިވަނީ އަޑުއެހުމެއް ކުރިއަށްދާ ވަގުތު ކޯޓުން ބޭރަށް ނިކުތުމާއި ކޯޓުތަކުގެ ހުއްދަނެތި އަޑުއެހުންތަކަށް އަޑާއި މަންޒަރު ރެކޯޑުކުރެވޭ ވަސީލަތްތައް ވައްދައި ބޭނުންކުރުމާއި މަގުބޫލު އުޒުރެއް ނެތި ޝަރީއަތަށް ދިނުން ލާޒިމްކުރާ ލިއުމެއް ދިނުމަށް އިންކާރުކުރުމާއި އަޑުއެހުންތަކަށް ހާޒިރުވާ ފަރާތްތަކަށް އަނިޔާދިނުމާއި ހަޑިހުތުރު ބަހުން މުއާމަލާތުކުރުމާއި ޝަރީއަތުގެ މަޖިލީހުގައި ހުންނަ މުދަލަށް ގެއްލުން ދިނުމެވެ.
އޭގެ އިތުރުން ކޯޓުތަކުގެ ތެރޭ ކޯޓުތަކުގެ ހުއްދަނެތި އަޑާއި މަންޒަރު ރެކޯޑުކޮށް ޝާއިއުކުރުމާއި ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަކަށް ރައްދުވާ ގޮތަށް އަދަބާ ޚިލާފު އަމަލެއް ކުރުން ވެސް ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލުތަކުގެ ތެރޭ ހިމެނެއެވެ.
ހަމަ އެއާއެކު ޝަރީއަތުގެ މަޖިލީހުން ބޭރުގައި ކޯޓުތަކުގެ ހުކުމަކަށް ނުވަތަ އަމުރަކަށް ގަސްދުގައި ނުކިޔަމަންތެރިވުމާއި ކޯޓާ މެދު ހަގީގަތާ ޚިލާފު ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރުމާއި ޝަރީއަތުގެ މަޖިލިސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހިންގުމަށް ސީދާކޮށް ނުވަތަ ނުސީދާކޮށް ދަތިކުރުމާއި އެ ނޫން ވެސް ގޮތަކުން އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުން ފަދަ އަމަލެއް ކުރަން މަސައްކަތްކުރުން ވެސް ކޯޓުތަކުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ހާލަތްތަކެއްގެ ގޮތުގައި ހިމަނަން ވަނީ ހުށަހަޅައިފައެވެ.
އެކަމަކު ނޫސްވެރިކަމުގެ މިނިވަންކަމުގެ އިމުގެ ތެރެއިން މައްސަލައެއް ކުރިއަށްދާ ވަގުތު ނުވަތަ ނިންމުމަށްފަހު އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އާންމުކޮށް ހުޅުވައިލައިގެން ބާއްވާ އަޑުއެހުންތަކުގެ ޚަބަރުތައް ގެނައުމާއި ހަގީގީ އަދި އިލްމީ ފާޑުކިއުމާއި ގާނޫނުއަސާސީން ހެކިބަސް ދިނުމުން އިސްތިސްނާ ހާލަތްތަކުގައި ހެކިބަސް ނުދިނުން ފަދަ ބައެއް ކަންކަމަކީ ކޯޓުތަކުގެ ހުރުމަތް ކެނޑުން ނޫން ކަމަސް ވެސް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި އިސްލާހުގައިވާ ގޮތުން ކޯޓުތަކުގައި ހުރުމަތް ކަނޑައިފިނަމަ، ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި އެއް ލައްކަ ރުފިޔާ އާ ހަމައަށް ޖޫރިމަނާކުރުން ނުވަތަ ތިން މަސް ދުވަހާ ހަމައަށް ޖަލަށް ލުމުގެ ބާރު ފަނޑިޔާރުންނަށް ލިބޭނެއެވެ.