އިދިކޮޅު އެމްޑީޕީގައި މިހާރު ވެސް ގިނައީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުން ކަމަށާއި އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީން ބޭނުން ބަޔަކު ހޮވައި، މުޅި އެމްޑީޕީގައި 'ފަނި އަޅުވާނެ' ކަމަށް، ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް މިއަދު ވިދާޅުވެއްޖެއެވެ.
ސަރުކާރު މުވައްޒަފުން ވަކި ޕާޓީއެއްގެ މެންބަރަކަށް ވުމަށް މަޖުބޫރުކުރުން ހުއްޓުވުމަށްޓަކައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި ބިލަށް ބަހުސްކުރައްވަމުން ފަލާޙް ވިދާޅުވީ އަޅުވެތި ކޮށްފައި ތިބީ އެމްޑީޕީގެ 13 މެންބަރުން ކަމަށެވެ.
"އަޅުގަނޑުމެންނަށް ދެވުނުހާ ލުޔެއް މި 13 މެންބަރުންނަށް ދެން، އެހެން ނަމަވެސް ވަރަށް ހިތާމަކުރަން މި 13 މެންބަރުން މިއަދު މި އުޅުއްވާ ހާލަތާ ދޭތެރޭގައި އިއްޒަތްތެރި ރައީސް. ހަގީގަތުގައި އަޅުގަނޑުމެން އެމްޑީޕީއަށް މިއަދު އެމްޑީޕީގެ ލީޑަޝިޕަށް ގޮވައިލަން، އަޅުގަނޑުމެންގެ ތެރޭގައި މިތިބަ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައިޖެކްކޮށްފައި ތިބުމަށް ނިމުމެއް ގެންނަން. މި އަޅުވެތިކަމުން މި 13 މެންބަރުން ސަލާމަތްކުރުމަށް އިއްޒަތްތެރި ރައީސް،" ފަލާޙު ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ ޕީއެންސީގެ މަޖިލީހުގެ މެންބަރުން އެމްޑީޕީގެ 13 މެންބަރުންނަށް އަޅައިނުލާނަމަ އެ މެންބަރުންގެ ހާލު ހުންނާނެ ގޮތެއް އެހެން ބަޔަކަށް ނޭނގޭނެ ކަމަށެވެ.
"މި ބޭފުޅުން އެމްޑީޕީގެ ޖަލްސާއެއް އޮވެއްޖިއްޔާމު ފަސްވަނަ ސަފަށް ލާ، މުޒާހަރާއަކަށް ގޮވައެއް ނުލާ، އެ ތަނުގައި ބަހެއް ނުވިކޭ، މި ބޭފުޅުންގެ ބޭފުޅަކަށް ތަނަކަށް ކުރިމަތިލައިފިއްޔާ އެ ބޭފުޅުންނާ ދެކޮޅަށް ކެމްޕެއިންކުރޭ، ރައްޔިތުންގެ މަޖިލީހުގައި މި ބޭފުޅުން ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރުސަތެއް ނޯވޭ،" ފަލާޙު ވިދާޅުވިއެވެ.
"އެކަމަކު މި 13 މެންބަރުން މި އުޅެނީ އަނެއްހެން ބުނަންޏާމު މައި މަރުވެފައި އޮންނަ ކުކުޅެއް ދޮށުގައި އުޅުނު 13 ފިޔޮއްތަކެއް އުޅުނު ގޮތަށް،" ފަލާޙް ވިދާޅުވިއެވެ.
ފަލާޙް ވިދާޅުވީ އެމްޑީޕީގެ 13 މަޖިލިސް މެންބަރުންނަށް ބޭނުންވާ ވާހަކައެއް ދެއްކުމުގެ ފުރުސަތު ވެސް ނޯންނަ ކަމަށެވެ.
ޕީއެންސީއަށް މެންބަރުން ވަންނަނީ މި ސަރުކާރުގެ ސިޔާސަތަށް ތާއީދުކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ 25 ދުވަހުގެ ތެރޭ އެމްޑީޕީން 7،000 މެންބަރުން އެ ޕާޓީން ވަކިވެއްޖެ ކަމަށް ވިދާޅުވެ ފަލާޙް ވިދާޅުވިގޮތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިޚާބަށްފަހު އަންނަ ހަފުތާގެ ތެރޭ އެމްޑީޕީން 10 ހާހެއްހާ މެންބަރުން މަދުވާނެއެވެ.
"މިހާރު ވެސް ގިނައިން ތިބޭނީ ޕީއެންސީ މެންބަރުން އެމްޑީޕީގަ، އެއީ އަޅުގަނޑުމެން ބޭނުންވާ ދިމާލަށް ފަނިފަކުސަ ފޮނުވަން ވައްދައިފައި ތިބި މީހުން އެއީ، ޕީއެންސީން ބޭނުން ބަޔަކު އެމްޑީޕީން ދާއިރާތަކަށް ހޮވާނީ މިފަހަރު ވެސް، ހުރިހާ ދިމައަކުން ފަނި އަޅުވާނަން ރައީސް، ހުރިހާ ދިމައަކުން،" އޭނާ ވިދާޅުވިއެވެ.