ބަނޑަށް ހަ މަސް ނުވަނީސް ވިހެއި 41 ކުއްޖެއްގެ ފުރާނަ އައިޖީއެމްއެޗުގައި ސަލާމަތްކޮށްފި

ދުވަސް ނުފުރާ ވިހާ ކުދިންގެ ދުވަސް ފާހަގަ ކުރުމަށް އައިޖީއެމްއެޗްގައި ބޭއްވި ހަފްލާއެއްގެ ތެރެއިން-- ފޮޓޯ: އައިޖީއެމްއެޗް

މާ ބޮޑަށް ދުވަސް ނުފުރާ، ބަނޑަށް 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު އުފަންވި 41 ކުއްޖަކަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާދީ، ފުރާނަ ސަލާމަތްކޮށްފިއެވެ.

އައިޖީއެމްއެޗުން މިއަދު ހާމަކޮށްފައިވާ ގޮތުގައި، މިއީ 2017 ވަނަ އަހަރާއި 2026 ވަނަ އަހަރާ ދެމެދު އެ ހޮސްޕިޓަލުގެ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެންއައިސީޔޫ) އިން ފަރުވާ ފުރިހަމަކުރުމަށްފަހު ދޫކޮށްލާފައިވާ ކުދިންނެވެ.

އެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މީގެ ތެރޭގައި ހިމެނެނީ ބަނޑަށް 26 ހަފުތާގައި ވިހެއި 16 ކުއްޖަކާއި، 25 ހަފުތާގައި ވިހެއި 12 ކުއްޖަކާއި، 24 ހަފުތާގައި ވިހެއި 10 ކުއްޖެއްގެ އިތުރުން 23 ހަފުތާގައި ވިހެއި ތިން ކުއްޖެކެވެ. މީގެ ތެރެއިން ބަނޑަށް 25 ހަފުތާއާއި 26 ހަފުތާގައި އުފަންވި ކުދިންގެ އަދަދު 28 އަށް އަރާއިރު، އެއީ ޖުމުލަ ކުދިންގެ ގާތްގަނޑަކަށް 68 އިންސައްތައެވެ.

އައިޖީއެމްއެޗުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ފަރުވާ ފުރިހަމަކޮށް ދޫކޮށްލި ކުދިންގެ ތެރެއިން ބަނޑަށް އެންމެ މަދު ދުވަސްވެފައިވަނީ 23 ހަފުތާގައި އުފަންވި ކުދިންނަށެވެ. އެގޮތުން 2017 ވަނަ އަހަރު ބަނޑަށް 23 ހަފުތާގައި އުފަންވި އެއް ކުއްޖެއްގެ ބަރުދަނުގައި ހުރީ 630 ގްރާމެވެ. އަދި އުފަންވިއިރު އެންމެ ބަރުދަން ލުއިކޮށް ރެކޯޑުކުރެވިފައިވަނީ 2020 ވަނަ އަހަރު ބަނޑަށް 25 ހަފުތާގައި ވިހެއި ކުއްޖެކެވެ. އެ ކުއްޖާގެ ބަރުދަނުގައި ހުރީ 500 ގްރާމެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި، މިފަދަ ކުދިންގެ ފުރާނަ ސަލާމަތްވުމަކީ ހަމައެކަނި ފެށުމެކެވެ. އެ ކުދިން ބޮޑުވަމުން އަންނައިރު އެހީތެރިކަން ފޯރުކޮށްދިނުމުގައި، ޖަރާސީމުތަކުން ރައްކާތެރިކުރުމާއި، ހެދިބޮޑުވުމަށް ބޭނުންވާ ފަރުވާ ދިނުމާއި، ރަނގަޅު ކާނާ ފޯރުކޮށްދިނުމުގެ އިތުރުން ހޮސްޕިޓަލުން ދޫކޮށްލުމަށްފަހުވެސް ނިޒާމީ ގޮތެއްގައި ގަވާއިދުން ހާލަތު ބަލަމުން ގެންދިއުމަކީ މުހިންމު ކަންކަން ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

އެ ހޮސްޕިޓަލުން މި ތަފާސްހިސާބުތައް ހިއްސާކުރަނީ މި އަހަރުގެ ދުނިޔޭގެ ދުވަސް ނުފުރާ ވިހާ ކުދިންގެ ދުވަހާ ގުޅިގެން، "ތުއްތު ކުދިން، ބޮޑު ގާބިލުކަން" މި ޝިއާރުގެ ދަށުންނެވެ.

comment ކޮމެންޓް