ކުރިން ބާކީވެފައި ހުންނަ ބޭސް ކުޑަކުދިންނަށް ދިނުން ނުރައްކާތެރި ކަމަކަށް ވަނީ ކީއްވެ؟

ކުޑަކުދިންނަށް އެންޓިބަޔޮޓިކް ދިނުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް

އެންޓިބަޔޮޓިކް ބޭނުންކުރަންޖެހޭ މިންވަރަށްވުރެ ގިނައިން ނުވަތަ ދިގު މުއްދަތަކަށް ބޭނުންކުރުމަކީ، ސިއްޙީ ގޮތުން ނުރައްކާތެރި އެތައް މައްސަލަތަކަކަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން، ކުޑަކުދިންނަށް އެންޓިބަޔޮޓިކް ދިނުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މުޖުތަމަޢުގައި އެންޓިބަޔޮޓިކް ބޭނުންކުރެވޭ މިންވަރު އިތުރުވަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އާއިލާގެ މީހަކަށް ނުވަތަ ކުޑަކުއްޖަކަށް ގައިގައި ރިއްސުމެއް ނުވަތަ ދުޅަވުމެއް ފަދަ އަލާމާތެއް ފެނުމާއެކު، އަމިއްލައަށް އެންޓިބަޔޮޓިކް ދިނުމަށް ގިނަ ބަޔަކު އަވަސްވެގަންނަ އިރު، ކުރިން ޑޮކްޓަރަކު ލިޔެދެއްވި ބޭހަކުން ބާކީވެފައި ހުރި ބޭސްކޮޅެއް ބޭނުންކުރުމަކީވެސް އާންމު ކަމެކެވެ. ނަމަވެސް، އެއްގޮތް އަލާމާތްތަކެއް ފެނުނު ކަމުގައިވިޔަސް، ބަލީގެ އަސްލު ސަބަބު ތަފާތުވެދާނެކަން ހަނދާން ބަހައްޓަންޖެހެއެވެ. މިސާލަކަށް، ކެއްސުމާއި ހުން އައުމަކީ ވައިރަހެއްގެ ސަބަބުން ނުވަތަ ބެކްޓީރިއާއެއްގެ ސަބަބުންވެސް ވެދާނެ ކަމެކެވެ. އެކަމަކު އެންޓިބަޔޮޓިކް އަސަރުކުރާނީ ހަމައެކަނި ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލިތަކަށް އެކަންޏެވެ.

އެންޓިބަޔޮޓިކްސް މަސައްކަތް ކުރާނީ ހަމައެކަނި ބެކްޓީރިއާގެ ސަބަބުން ޖެހޭ ބަލިތަކަށް ކަމަށްވާތީ، އެފަދަ ބޭހެއް ބޭނުންކުރަންވާނީ ޑޮކްޓަރަކަށް ދައްކައި، ޓެސްޓުކޮށް ބަލި ދެނެގަތުމަށްފަހު ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ކުޑަކުދިންނަށް އެންޓިބަޔޮޓިކް ދިނުމާ ގުޅޭގޮތުން ދިއްލީ އެންސީއާރުގެ ޝިވް ނާދަރު ޔުނިވަސިޓީގެ ސްކޫލް އޮފް ނެޗުރަލް ސައިންސަސްގެ ޕްރޮފެސަރެއް ކަމަށްވާ އަދި ބެކްޓީރިއަލް ސެލް ބައިއޮލޮޖީގެ ޚާއްޞަ ތަޖުރިބާކާރު ޑރ. ރިޗާ ޕްރިޔާދަރްޝިނީ ވަނީ ބޭސް ގަޑިތައް ދޫކޮށްލުމުން ފަރުވާއަށް ކުރާ އަސަރާއި، ގިނައިން އެންޓިބަޔޮޓިކް ބޭނުންކުރުމުން ގޮހޮރުގެ ފައިދާހުރި ބެކްޓީރިއާތަކަށް ލިބޭ ގެއްލުންތައް ކިޔައިދެއްވާފައެވެ. އޭގެ އިތުރުން، މަހީމްގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލް އެންޑް މެޑިކަލް ރިސާޗް ސެންޓަރުގެ ކޮންސަލްޓަންޓް ޕީޑިއަޓްރީޝަން ޑރ. ރާޖޭޝް ޗޯކާނީ ވަނީ ކުއްޖަކަށް އެންޓިބަޔޮޓިކް ބޭނުންވޭތޯ ޑޮކްޓަރުން ކަނޑައަޅުއްވާ ގޮތާއި، ކުރިން ބާކީވެފައި ހުރި ބޭހެއް ކުއްޖާއަށް ދެވިއްޖެނަމަ ޢަމަލުކުރަންވީ ގޮތް އޮޅުންފިލުވައިދެއްވާފައެވެ.

މިދިޔަ މަހު ކުއްޖާއަށް ޖެހުނު ފަދަ ކެއްސުމެއް، ހުމެއް ނުވަތަ ކަރުގައި ރިއްސުމެއް އަލުން ފެނުމުން، ކުރިން ދިން ބޭހުން މިފަހަރުވެސް ފަސޭހަވާނެ ކަމަށް ހީކުރުމަކީ ޠަބީޢީ ކަމެކެވެ. އެހެންނަމަވެސް، ހަމައެކަނި ކެއްސުމާއި ނޭފަތް ބެދުން ފަދަ އަލާމާތްތަކަށް ބަލައިގެން އެއީ ވައިރަލް ބައްޔެއްތޯ ނުވަތަ ބެކްޓީރިއަލް ބައްޔެއްތޯ ޔަޤީންނުކުރެވޭނެ ކަމަށް ޕްރޮފެސަރ ޕްރިޔާދަރްޝިނީ ފާހަގަކުރައްވައެވެ. އެހެންވެ، ކުރީގެ ބައްޔަކުން ބާކީވެފައި ހުންނަ އެންޓިބަޔޮޓިކް ކުދިންނަށް ނުދިނުމަށް އޭނާ ވަރުގަދައަށް އިލްތިމާސްކުރައްވައެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކެއްސުމާއި، ގައިގައި ރިއްސުމާއި، ނޭފަތް ބެދުމުގެ އިތުރުން ހުން އައުމަކީ ބެކްޓީރިއާ އަދި ވައިރަސްގެ ސަބަބުން ޖެހޭ ގިނަ ބަލިތަކެއްގައި އެއްގޮތަކަށް ފެންނަ އަލާމާތްތަކެކެވެ. ގިނަ ފަހަރަށް ޑޮކްޓަރު ލަފާދެއްވާ ގޮތަށް އެންޓިބަޔޮޓިކް ކޯސް ފުރިހަމަނުކުރެވުމަކީވެސް ބޮޑު ކަންބޮޑުވުމެކެވެ. ޑރ. ޕްރިޔާދަރްޝިނީ ހަނދާންކޮށްދެއްވި ގޮތުގައި، އެންޓިބަޔޮޓިކް ދެނީ ވަކި ދުވަސްތަކަކަށް ބަހާލައިގެންނެވެ. އެއީ މަދު ދުވަސްކޮޅަކުން ފެށިގެން ބައެއް ޙާލަތްތަކުގައި އެއް މަސް ދުވަހުގެ މުއްދަތަކަށްވެސް ވެދާނެއެވެ. ބޭސް ދޭން ފަށާތާ އެއް ދުވަސް ނުވަތަ ދެ ދުވަސް ފަހުން އަލާމާތްތަކަށް ލުޔެއް ލިބެން ފެށުމުން، ގިނަ ބަޔަކު ބޭސް ބޭނުންކުރުމުގައި ފަރުވާކުޑަކުރެއެވެ. ނަމަވެސް މިއީ ނުރައްކާތެރި ގޯހެކެވެ.

ކުރިން ބާކީވެފައި ހުރި އެންޓިބަޔޮޓިކެއް ކުއްޖާއަށް މިހާރުވެސް ދެވިފައިވާނަމަ، ވީ އެންމެ އަވަހަކަށް ޑޮކްޓަރަކާ މަޝްވަރާކޮށް، ދެވުނީ ކޮން ބޭހެއްކަން ބުނެދިނުމަށް ޑޮކްޓަރުން ލަފާދެއްވާ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އޭނާ އޮޅުންފިލުވައިދެއްވި ގޮތުގައި، ބޭސް ދޭން ފަށާތާ ދުވަހެއް ދެ ދުވަހުގެ ތެރޭގައި ކުއްޖާގެ އަލާމާތްތައް މަދުވާން ފެށި ނަމަވެސް، އެ ހިސާބުން ހަށިގަނޑުން ޖަރާސީމު އެއްކޮށް ފުހެލެވިފައެއް ނޯންނާނެއެވެ. ޖަރާސީމު އެއްކޮށް ނައްތާލުމަށްޓަކައި ލޭގައި ނުވަތަ ހަށިގަނޑުގައި އެންޓިބަޔޮޓިކްގެ ވަކި މިންވަރެއް ދެމެހެއްޓެން ޖެހެއެވެ. ބޭސް ގަޑިތައް ދޫކޮށްލުމުން ހަށިގަނޑުގައި ބޭހުގެ މިންވަރު ދަށްވެ، ޖަރާސީމު އަލުން އާލާވުމުގެ މަގުފަހިވެއެވެ. އަދި ބައެއް ޙާލަތްތަކުގައި އެ ބޭހަށް ނުގުޑާ ފަދަ ބާރުގަދަ ޖަރާސީމަކަށް ބަދަލުވުމުގެ ނުރައްކާވެސް އޮވެއެވެ. ޚާއްޞަކޮށް ޓީބީ، އެންޑޯކާޑައިޓިސް ނުވަތަ ނިއުމޯނިއާ ފަދަ ސީރިއަސް ބަލިތަކަށް ފަރުވާކުރާނަމަ، ޑޮކްޓަރުގެ ލަފައާ ނުލައި މެދުތެރެއިން ބޭސް ހުއްޓާލައިގެން ނުވާނެ ކަމަށް ޑޮކްޓަރުން އިންޒާރުދެއްވައެވެ.

އިންސާނާގެ ގޮހޮރަކީ ކާނާ ހަޖަމުކުރުމަށާއި ދިފާޢީ ނިޒާމު ވަރުގަދަކުރުމަށް އެހީތެރިވެދޭ ފައިދާހުރި ބެކްޓީރިއާތަކެއްގެ މަރުކަޒެކެވެ. "ގަޓް މައިކްރޯބައޯމް"ގެ ނަމުން މަޝްހޫރުވެފައިވާ މި ޖަރާސީމުތަކުގެ ހަމަހަމަކަން ގެއްލުމަށް އެންޓިބަޔޮޓިކްސް މެދުވެރިވާ އިރު، ހަޖަމުކުރުމުގެ ނިޒާމާއި، މެޓަބޮލިޒަމް އަދި ދިފާޢީ ނިޒާމު ރަނގަޅަށް ހިންގުމަށް މި ހަމަހަމަކަން ދެމެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ޑރ. ޕްރިޔާދަރްޝިނީ ވިދާޅުވި ގޮތުގައި، ގިނަ ބާވަތްތަކުގެ ބެކްޓީރިއާ ނައްތާލާ "ބްރޯޑް-ސްޕެކްޓްރަމް" އެންޓިބަޔޮޓިކްސް ބޭނުންކުރުމުން، ބަލި ޖައްސާ ޖަރާސީމުގެ އިތުރުން ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތައްވެސް ނެތިދެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ގޮހޮރުގެ ޠަބީޢީ ހަމަހަމަކަން ގެއްލި، ބޭރަށް ހިންގުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ. އަދި ދިގު މުއްދަތަކަށް ގިނައިން އެންޓިބަޔޮޓިކް ބޭނުންކުރުމުގެ ސަބަބުން އައިބީޑީ، ލީކީ ގަޓް، ނުވަތަ ސީ ޑިފިސައިލް އިންފެކްޝަން ފަދަ ނުރައްކާތެރި ޙާލަތްތަކަށް މެދުވެރިވުމުގެ ފުރުޞަތު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ.

ކުރިން ބާކީވެފައި ހުރި އެންޓިބަޔޮޓިކެއް ކުއްޖާއަށް މިހާރުވެސް ދެވިފައިވާނަމަ، ލަސްނުކޮށް ޑޮކްޓަރަކާ މަޝްވަރާކޮށް، ދެވުނީ ކޮން ބޭހެއްކަން ސާފުކޮށްދިނުމަށް ޑރ. ޗޯކާނީ ލަފާދެއްވައެވެ. އޭނާ ވިދާޅުވި ގޮތުގައި، ދެވުނު ބޭހުގެ އަސަރުން ބަލީގެ އަސްލު އަލާމާތްތައް ފޮރުވިގެން ދިއުމުގެ ކުރިން ޑޮކްޓަރަކަށް ދެއްކުމަކީ މުހިންމު ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު