އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ އެކްސަސައިޒް "ޖައްރާފާ"ގެ މި އަހަރުގެ ތަމްރީނުތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ތަމްރީނު ނިންމުމުގެ ގޮތުން އިއްޔެ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ކޮމަޑާންޓް، ބްރިގޭޑިއާ ޖެނެރަލް ޙުސައިން ޢަލީއެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އާދީއްތަ އަދި ހޯމަ ދެ ދުވަހު ކުރިއަށްގެންދިޔަ މި ތަމްރީނަކީ އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ޢަމަލުކުރަމުންދާ ފަޔާ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން ބާއްވަމުންގެންދާ އެކްސަސައިޒެކެވެ.
https://sun.mv/230865
މި އެކްސަސައިޒްގެ ތަމްރީނުތައް މާލެއާއި، ހުޅުމާލޭގެ ފޭސް 1، އަދި ފޭސް 2ގެ އިތުރުން، ވިލިމާލެއާއި، ތިލަފުށި އަދި ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށްގެންދިޔަ އިރު، އެ ތަމްރީނުތަކުގައި، ހައިރައިޒް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި، ރެސްކިޔު އޮޕަރޭޝަންތަކާއި، ހެޒްމެޓް އޮޕަރޭޝަންގެ އިތުރުން ރޯޑް ރެސްކިޔު އޮޕަރޭޝަން ތަކުގައި ބޭނުންކުރާ އިމަޖެންސީ ޕްރޮސީޖާތައް ފަރިތަކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންވެ ސައިރަން އަޑާއެކު އެމްއެންޑީއެފްގެ ވެހިކަލްތައް ވަނީ މާލޭގެ މަގުތަކުގައި ގިނަ ވަގުތުތަކެއްގައި ދުއްވައިފައެވެ.
ތަމްރީނުތައް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެފްއާރްއެސްގެ ޕްރިންސިޕަލް ޑައިރެކްޓާ، ލެފްޓިނެންޓް ކާނަލް އަޙްމަދު ފާއިޒް ރަޝާދާއި، އެފްއާރްއެސްގެ ކޮމާންޑް ސާޖަންޓް މޭޖާ، ކޮމާންޑް ސާޖަންޓް މޭޖާ އާޒާދު ރުޝްދީގެ އިތުރުން އެފްއާރްއެސްގެ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުން އަދި އެކި ރޭންކުތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.