ދިޔަމިގިލީ ސްކޫލުގައި ސިފައިން ޢިމާރާތްކުރަން ފެށި ތިން ބުރި އިމާރާތުގެ މަސައްކަތް ނިންމާލައިފި

ތ. ދިޔަމިގިލީ ސްކޫލުގައި ސިފައިން ޢިމާރާތްކުރި ތިން ބުރީގެ ޢިމާރާތް-- ފޮޓޯ: އެމްއެންޑީއެފް

ދިހަ ކުލާސްރޫމް ހިމެނޭގޮތަށް އެމްއެންޑީއެފް ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސް (އެމްއީ)ގެ ސިފައިން، ތ. ދިޔަމިގިލީ ސްކޫލުގައި ޢިމާރާތްކުރަން ފެށި ތިން ބުރި އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްއެންޑީއެފުން މައުލޫމާތުދިން ގޮތުގައި މި ޢިމާރާތުގެ މަސައްކަތް، މާރިޗު 31 ގައި ފަށާފައިވާއިރު، މަސައްކަތް އެއްކޮށް ނިންމާލާފައިވަނީ އިއްޔެއެވެ. ޖުމުލަ 235 ދުވަހުގެ ތެރޭގައި މި ޢިމާރާތް ނިންމާލުމަށް ސިފައިން ވަނީ ރެޔާއި ދުވާލު ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

އެގޮތުން ކުރިން ނިންމާފައި ހުރި ޢިމާރާތުގެ ސްޓްރަކްޗާއަށް ލިބިފައިވާ ގެއްލުންތައް އަލުން މަރާމާތުކޮށް، އިތުރު ކޮލަމްތައް ޖަހައި ސްޓްރަކްޗާ ވަރުގަދަކުރުމުގެ މަސައްކަތްވެސް ސިފައިން ކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެފެ. މީގެ އިތުރުން އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކާއި، ރޭނުމާއި ސިމެންތި ޖެހުމުން ފެށިގެން ސާވާރެކް ޕީއޭ ސިސްޓަމް ފަދަ އެންމެހާތަކެތި ހަރުކުރުމުގެ މަސައްކަތްވެސް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން ފަޔާ އެކްސްޓިންގްއިޝާ ހަރުކުރުމާއި، ސްކޫލް ނަންބޯޑު ހަރުކުރުންފަދަ މަސައްކަތްތައްވެސް ކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި މަޝްރޫޢުގެ މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސާވިސް ކޯގެ އެމްއީގެ ވޮރަންޓް އޮފިސާ ދޭއް، ޖަޢުފަރު މުހައްމަދު ކަމަށާއި އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައި ވަނީ އެމްއެންޑީއެފް ސާވިސް ކޯގެ އެމްއީގެ ފަސްޓް ސާޖަންޓް އަޙްމަދު ޚާލިދު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި މަސައްކަތް ފުރިހަމަކޮށް ނިންމުމުގައި އެމްއެންޑީއެފް ސާވިސް ކޯގެ ސިފައިންނަށް އެ ކޯގެ ސިގްނަލްސްއާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް (އީއެމްއީ)ގެ ސިފައިންގެ ޓެކްނިކަލް އެހީތެރިކަމާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންގެ ބޮޑު އެހީތެރިކަމެއް ވެސް ވަނީ ލިބިފައިވާކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.

މި މަސައްކަތްތައް ކުރިއަށްދިޔައިރު ފެށުނީއްސުރެ މަސައްކަތް އެއްކޮށް ނިމެންދެންހެން ދިޔަމިގިލީ އާންމު ރައްޔިތުންގެ ފަރާތުން ލިބިފައިވާ އެއްބާރުލުން، ސިފައިން ފާހަގަކޮށްފައިވެއެވެ. އެގޮތުން ބައެއް މަސައްކަތްތަކުގައި ސިފައިންނާ އެކު ޢަމަލީގޮތުން މަސައްކަތުގައި ބައިވެރިވުމާއި، ސިފައިންނަށް އެކިއެކިގޮތްގޮތުން އެރަށު ރައްޔިތުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން، އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް