ސަރުކާރާއެކު ވިޔަފާރިކުރާ ކުންފުނިތަކުން ކޮންގްރެސްއަށް އެއްވެސް މައުލޫމާތެއް ދިނުމުގެ ކުރިން ވައިޓްހައުސްގެ ހުއްދަ ހޯދަން ޓްރަމްޕް އަމުރުކޮށްފި

އެމެރިކާގެ ކޮންގްރެސް އިން ކުރާ އެކި ސުވާލުތަކާއި ތަހުގީގުތަކަށް ޖަވާބުދާރީވުމުގެ ކުރިން، ވައިޓް ހައުސްގެ މަޝްވަރާ ހޯދުމަށާއި ސިއްރު ހިފެހެއްޓުމުގެ އިމްތިޔާޒު ލިބިގެންވާ މަޢުލޫމާތުތައް ހިއްސާނުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ފެޑެރަލް ކޮންޓްރެކްޓަރުންނަށް އަންގަވައި، ރިޔާސީ އަމުރެއް ނެރުއްވައިފިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ނެރުއްވި މި އަމުރުގައި ވާގޮތުން، ސަރުކާރާއެކު ވިޔަފާރިކުރާ ކުންފުނިތަކުން ކޮންގްރެސްއަށް ޖަވާބުދޭންވާނީ ވައިޓް ހައުސް އަދި ކަމާބެހޭ އިދާރާތަކާ ވިލަރެސްކުރުމަށް ފަހުގައެވެ. މި އަމުރާ ޚިލާފުވާ ކުންފުނިތަކުގެ ކޮންޓްރެކްޓްތައް ބާޠިލުކޮށް، ކުރިމަގުގައި ސަރުކާރުގެ އެއްވެސް މަސައްކަތެއް ނުދީ ސަސްޕެންޑް ކުރެވިދާނެ ކަމުގެ އިންޒާރު ވެސް ވައިޓް ހައުސްއިން ވަނީ ދީފައެވެ. މި އަމުރުގެ އަސަރު އެތައް ހާސް ކުންފުންޏަކަށް ކުރާނެ ކަމަށް ބެލެވެއެވެ.

މި އަމުރަކީ ކުރިއަށް އޮތް ޖެނުއަރީ މަހު ކޮންގްރެސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް ލިބުމާއެކު، ސަރުކާރުގެ ކަންކަން ވަރުގަދައަށް ބަލައި ތަހުގީގުކުރަން ފަށާނެތީ، އެކަން ހުއްޓުވުމަށް ޓްރަމްޕްގެ ސަރުކާރުން އަޅަން ފެށި ފިޔަވަޅެކެވެ. ޚާއްސަކޮށް ޓްރަމްޕްގެ ޢާއިލާއާ ގުޅުންހުރި ކުންފުނިތަކަށް ޕެންޓަގަން މެދުވެރިކޮށް ދައުލަތުގެ ފައިސާ ޚަރަދުކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އެ މައްސަލަތައް ބަލާނެ ކަމަށް ޑިމޮކްރެޓުން ވަނީ އިއުލާނުކޮށްފައެވެ.

ޓްރަމްޕްގެ ގާނޫނީ މުޝީރު ވިލް ޝާފް ވަނީ ސަރުކާރުގެ އެއްވެސް އިދާރާއަކުން ކޮންގްރެސްއަށް ހާޒިރުވާންވާނީ ވައިޓް ހައުސްގެ ލެޖިސްލޭޓިވް އެފެއާޒް އޮފީހުގެ ހުއްދައާއެކު ކަމަށް އަންގަވާފައެވެ. މީގެއިތުރުން، ހައުސް އޯވަސައިޓް ކޮމިޓީގެ އިސް ޑިމޮކްރެޓް މެންބަރު ރޮބަޓް ގާސިއާއަށް ފޮނުއްވި ސިޓީއެއްގައި ޝާރފް ވިދާޅުވީ ކޮންގްރެސްގެ ބައެއް ތަހުގީގުތަކަކީ "ބޮޑެތި ޖަރީމާތަކެއް" ފަދަ ކަންކަން ކަމަށެވެ. އަދި ޑިމޮކްރެޓުންނަށް އަދި މަޖިލީހުގެ ފުރިހަމަ ބާރު ނުލިބޭތީ، ލިޔެކިޔުންތައް ރައްކާކުރުމަށް އެދި ފޮނުވާ އެންގުންތަކަށް ޢަމަލުކުރަން ނުޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ޓްރަމްޕްގެ އަމުރަށް ރައްދު ދެއްވަމުން ރެޕްރެޒެންޓެޓިވް ރޮބަޓް ގާސިއާ ވިދާޅުވީ، މިއީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކޮންގްރެސްއަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރަށް ޓްރަމްޕްގެ ސަރުކާރުން ދިން ފާޅުކަން ބޮޑު ހަމަލާއެއް ކަމަށެވެ. އަދި ތަހުގީގުތައް ހުއްޓުވަން މަސައްކަތް ކުރި ނަމަވެސް، އެ މަސައްކަތްތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ވައިޓް ހައުސްއިން މި ނިންމުން ދިފާޢުކޮށް ބުނެފައިވަނީ މިއީ ކޮންގްރެސްއިން އަމިއްލަ ހައްދުން ބޭރުވެ، ސަރުކާރާއެކު މަސައްކަތްކުރާ އަމިއްލަ ވިޔަފާރިތަކަށް ބިރުދައްކަމުންދާތީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިމްތިޔާޒުތައް ހިމާޔަތްކުރުމަށް އެޅި ގާނޫނީ ފިޔަވަޅެއް ކަމަށެވެ.

comment ކޮމެންޓް