ތެހެރާން (24 ނޮވެންބަރު 2026) : އީރާނުގެ ކަނޑުގެ ބަނދަރުތަކާ ދެކޮޅަށް އެމެރިކާ އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ފޫއަޅުވާލުމަށް ވަރަށް ވަރުގަދަ ޕްލޭނެއް ރާވައި އެކަން ތަންފީޒުކުރަން ފެށުމަށްޓަކައި ގިނަ މަސައްކަތް ތަކެއް ކުރަމުންދާކަން އީރާނުން ހާމަކޮށްފިއެވެ.
އީރާނުގެ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ ތަސްނީމް ނޫސް އެޖެންސީ ބުނިގޮތުގައި ކަނޑުގެ މަގުން އީރާންއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ސަބަބުން އީރާނުގެ އިގްތިސާދަށްދަނީ ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. އެހެންކަމުން ހިސާރު ފޫއަޅުވާލާނެ ގޮތްތަކެއް އީރާން ގެންދަނީ ރާވަމުންނެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވިގޮތުގައި އެމެރިކާގެ ހިސާރާއެކުވެސް ކަނޑުގެ މަގުން އީރާން ހިންގާ ވިޔަފާރީގެ މުއާމަލާތައް ސުމަކަށް ގޮސްފައެއް ނުވެއެވެ. ނަމަވެސް ހިސާރުގެ ގެއްލުން އީރާނުގެ އިގްތިސާދަށް ވަރަށް ބޮޑެވެ. އެހެންކަމުން ހިސާރު ފޫއަޅުވާލެވޭނެ ގިނަ ގޮތްތަކެއް އީރާނުން ގެންދަނީ ރާވަމުންނެވެ.
އީރާނުގެ އެހެން މަސްއޫލުވެރިއަކުވަނީ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އާގު ބޯޓުތަކާއި ތެޔޮ ޓޭންކަރުތަކަށް އީރާނުން ތަކުރާރުކޮށް ހަމަލާދޭ މައިގަނޑު އެއްސަބަބަކީވެސް އީރާނުގެ ބަނދަރުތައް އެމެރިކާ ހިސާރުކޮށްފައި އޮންނަ އޮތުމަށް ރައްދުދިނުމުގެ ގޮތުން އެފަދަ ބޯޓުތަކަށް ހަމަލާދިނުން ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
ރިޕޯޓްތައް ބުނާގޮތުން އެއްގަމު މަގުންނާއި ވައިގެ މަގުން އީރާން ހިސާރުކުރަން އެމެރިކާ ކުރި މަސައްކަތް ކާމިޔާބެއް ނޫނެވެ. މިހާރުވެސް އެއްގަމުން އީރާންއާ ބޯޑަރު ގުޅިފައިވާ ހުރިހާ ގައުމުތަކާއެކު އީރާން ގެންދަނީ އިންޕޯޓް އެކްސްޕޯޓް ގެ ގިނަ މުއާމަލާތްތައް ހިންގަމުންނެވެ. މީގެއިތުރުން ކެސްޕިއަން ކަނޑު ހުރަސްކޮށް އެކަނޑަށް އައްސޭރިވާ ގައުމުތަކާއެކުވެސް އީރާން ދަނީ ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުންނެވެ. އަދި ވައިގެ މަގުން 23 ގައުމެއް އީރާންއާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގަމުން ގެންދެއެވެ. އެއްގަމާއި ވައިގެ މަގުން އީރާން އެންމެ ބޮޑަށް އެކްސްޕޯޓްކުރާ އެއްބާވަތަކީ ޕެޓްރޯ ކެމިކަލްސް އެވެ.
މިއާއެކުވެސް ކަނޑުގެ މަގުން ތެޔޮ އެކްސްޕޯޓް ކުރާ މިންވަރު ގާތްގަނޑަކަށް 85 އިންސައްތަ އެމެރިކާގެ ހިސާރުގެ ފިޔަވަޅުތަކާއެކު ދަށަށްގޮސްފައިވާކަމަށް އީރާނުގެ މަސްއޫލުވެރިން ވަނީ ވިދާޅުވެފައެވެ. މިއީ އީރާނުގެ އިގްތިސާދަށް ދިގުމުއްދަތަކަށް ތަހައްމަލް ކުރެވޭނެ ކަމެއްނޫންކަމަށް ރިޕޯޓްތައް ބުނެއެވެ. އީރާނުގެ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ މީޑީއާ ބުނާގޮތުން އަރަބި ކަނޑުގެ މަގުން އެމެރިކާ އަޅާފައިވާ ހިސޯރުގެ ފިޔަވަޅުތަކާ ކުރިމަތިލުމަށް، ލިބެންހުރި ހުރިހާ ވަސީލަތެއް އީރާނުން ބޭނުންކުރާނެއެވެ. ނަމަވެސް މިކަމާބެހޭ ތަފްސީލެއް އެގައުމުން ދީފައެއް ނުވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާންއާ ދެކޮޅަށް ފަށާފައިވާ ޣައިރު ގާނޫނީ ހަނގުރާމައާ ގުޅިގެން، އީރާނުން ވަނީ އިސްރާއީލަށާ އަދި ގަލްފު ގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީ އެތަންތަން ހަލާކުކޮށްލާފައެވެ. އީރާނުގެ އަމިއްލަ ދިފާއަށްޓަކައި އީރާންވަނީ ހުރްމުޒް ކަނޑުއޮޅިވެސް ބަނދުކޮށްފައެވެ. އީރާނުގެ ހުއްދައަކާ ނުލައި މިކަނޑުއޮޅިން ހުރަސްކުރާ އުޅަނދުތަކަށް އީރާން ގެންދަނީ ހަމަލާތައް ދެމުންނެވެ.
އެވްރެޖްކޮށް ދުވާލަކު ދެއުޅަނދަށް އީރާނުން ހަމަލާދޭކަމަށް ކަމާބެހޭ ތަފާސް ހިސާބުތައް ބުނެއެވެ. އީރާންވަނީ ހުރުމުޒު ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއަށް ޝަރުތުތަކެއް ކުރިމަތިކޮށްފައެވެ. މި ޝަރުތުތައް ނުފުއްދާނަމަ އެކަނޑުއޮޅި ނުހުޅުވާނެކަން އީރާން ވަނީ ހާމަކޮށްފައެވެ.