މާލޭ، ސަބުދެރިޔާމަގުގައި ދެ ސައިކަލުޖެހި ހިނގި އެކްސިޑެންޓެއްގައި އެއް ސައިކަލު ކޮންޓްރޯލްނުވެ ގޮސް ފިހާރައެއްގެ ބިއްލޫރިގަނޑަކަށް އަރައި، އެ ސައިކަލުގައި އިން މީހާއަށް އަނިޔާވެއްޖެއެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މާލޭގެ ބޮޑުރަސްގެފާނު މަގާއި ސަބްދަރިޔާ މަގު ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހި، އޭގެ ތެރެއިން އެއް ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ސެލޫނެއްގެ ގެ ބިއްލޫރިގަނޑުގައި ޖެހި، ބިއްލޫރިގަނޑު ތަޅައިގެންގޮސް ސެލޫން އެތެރެއަށް ސައިކަލު ވަދެފައިވާ ކަމަށެވެ. އަދި އެ މައުލޫމާތު މިއަދު ހެނދުނު 09:16 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި އެކްސިޑެންޓުގައި، ކޮންޓްރޯލް ނުވެ ދިޔަ ސައިކަލު ދުއްވަން އިން 17 އަހަރުގެ އަންހެން ކުއްޖާއަށް އެކިވަރުގެ އަނިޔާތައް ލިބިފައިވީ ނަމަވެސް، ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
ފުލުހުން ބުނި ގޮތުގައި އެ ކުއްޖާއަށް ފަރުވާ ދިނުމަށް ގެންގޮސްފައި ވަނީ އައިޖީއެމް ހޮސްޕިޓަލަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ސައިކަލު ކޮންޓްރޯލް ނުވެ، ގޮސް ފިހާރައިގެ ބިއްލޫރިގަނޑަށް ވަނީ ވަރަށް ބޮޑަށް އަރައި، ފިހާރަ ތެރެއަށް ސައިކަލު ވަދެފައެވެ. އަދި ސައިކަލަށް ވެސް އެކި ވަރުގެ ގެއްލުން ވެފައިވެއެވެ.