އިމާރާތްތަކުގައި ހުޅުޖަހަން ގޮވި ޒިހާންގެ ބަންދަށް އަނެއްކާވެސް 16 ދުވަސް: ބަންދުގައި މިހާރު މަހަކަށްވުރެ ގިނަ ދުވަސް

ސަރުކާރުގެ ތިން އިމާރާތެއްގައި ހުޅުޖަހަން ގޮވާލި ކުރީގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ---

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަދި ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވައިލި މައްސަލައިގައި ހައްޔަރުކޮށްފައިވާ، މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާންގެ ބަންދަށް ކޯޓުން މިއަދު އަނެއްކާވެސް އިތުރު 16 ދުވަސް ޖަހައިފިއެވެ.

މިއާއެކު މި މައްސަލައިގައި އޭނާ ބަންދުގައި ހުންނަތާ މިހާރު ވަނީ މަހަކަށްވުރެ ގިނަ ދުވަސް ވެފައެވެ.

ފުލުހުން ބުނީ މިދިޔަ ނޮވެމްބަރު މަހުގެ ފަސް ވަނަ ދުވަހު އޭނާގެ ބަންދަށް ޖެހި 14 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން، ކޯޓަށް ހާޒިރުކުރުމުން މިއަދު އޭނާގެ ބަންދަށް އިތުރު 16 ދުވަސް ދީފައިވާ ކަމަށެވެ. އެންމެ ފުރަތަމަ އޭނާ ހައްޔަރުކޮށް ބަންދަށް ޖެހި 15 ދުވަހާއި، އޭގެ ފަހުން އިތުރުކުރި 14 ދުވަސް އަދި މިއަދު އިތުރުކުރި 16 ދުވަހާއެކު، އޭނާގެ ބަންދުގެ މުއްދަތު މިހާރު މިވަނީ ޖުމްލަ 45 ދުވަހަށް އިތުރުވެފައެވެ.

މި މައްސަލައިގައި ޒިހާން ހައްޔަރުކުރީ ދައުލަތުގެ ތިން ބާރުގެ އޮފީސް ހިންގާ މައި އިމާރާތްތަކުގައި އަލިފާން ރޯކުރުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެ ޕޯސްޓުގައި އެ ތަންތަނުގައި ރޯކޮށްލައިފިނަމަ "މަޖާވާނެ" ކަމަށް ބުނެފައިވީ ނަމަވެސް، ޕޯސްޓު ކުރިތާ ގަޑިއިރެއްހާއިރު ފަހުން އޭނާ ވަނީ އެ ޕޯސްޓު ފޭސްބުކުން ޑިލީޓްކޮށްފައެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު އަދިވެސް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ތަހުގީގަށް ބޭނުންވާ މުހިންމު ހެކިތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ދައުލަތުގެ މުހިންމު އިމާރާތްތަކަށް ގެއްލުންދިނުމަށާއި ނުރައްކާތެރި އަމަލުތައް ހިންގުމަށް ހިތްވަރުދީ ހިންގާ މިފަދަ ކަންކަން އެ އިދާރާއިން ބަލަމުން އަންނަނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.

އެމެރިކާގެ ނޭވަލް އެކެޑެމީން މަތީ ތަޢުލީމު ޙާޞިލުކުރައްވައި، އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓެއްގެ ގޮތުގައި ކުރިން މަސައްކަތްކުރެއްވި ޒިހާން ސިފައިންގެ ޚިދުމަތުން ވަކިކުރީ ނިމިދިޔަ ސަރުކާރުގެ ފަހުކޮޅުގައެވެ. އޭގެ ފަހުން، މި ސަރުކާރުން އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދިން ނަމަވެސް، ފަހުން ވަނީ އެ މަގާމުން ވެސް އޭނާ ވަކިކޮށްފައެވެ.

comment ކޮމެންޓް