"ވަގަށް ނަގައިގެން" ސައިކަލު ދުއްވި ލަންކާ ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި

ކްރިމިނަލް ކޯޓު: "ވަގަށް ނަގައިގެން" ސައިކަލު ދުއްވި ލަންކާ ދެ މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި -- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ

މާލޭގައި ވަގަށް ނަގާފައިވާ ސައިކަލެއްގެ ނަމްބަރު ބޯޑު ބަދަލުކޮށްގެން ވަންވޭއާ ޚިލާފަށް ދުއްވުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ބިދޭސީންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 10 ދުވަސް ޖަހައިފިއެވެ.

ރޭ ނޫން ކުރީރޭ ދަންވަރު 02:14 އެހައިކަންހާއިރު ލޮނުޒިޔާރަތް މަގުން ރުއްކެނޑިޔާ ހިނގުމަށް، ވަންވޭއާ ޚިލާފަށް ދުއްވާފައި ދިޔަ ސައިކަލެއް މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންނަށް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ސައިކަލު ހުއްޓުވައި ބެލިއިރު، ސައިކަލު ދުއްވަންއިން މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތުމުން އެ ސައިކަލު ޓޯ ޔާޑަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން އޭރު ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ސްރީ ލަންކާއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެކެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ވައްކަންކުރުމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ވަނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ދެ މީހުންގެ މައްޗަށް ވެސް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅާފައިވުމުން ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓު ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ދެ މީހުންވެސް ހައްޔަރުކޮށްފައި ވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އެ ދެމީހުންގެ ބަންދަށް އިއްޔެ ކޯޓުން 10 ދުވަސް ޖަހާފައިވާއިރު އެ މީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ މި މަހުގެ 26ވާ ހޯމަ ދުވަހަށެވެ.

ފުލުހުން ވަނީ މި މައްސަލައިގައި ޓޯކުރި ސައިކަލު ޓޯޔާޑަށް ގެންގޮސް، އިތުރަށް ބަލައި ފާސްކުރިއިރު ސައިކަލުގައި ހަރުކޮށްފައިވާ ނަންބަރު ބޯޑާއި ސައިކަލުގެ އިންޖީނު ނަންބަރާއި ޗެސިސް ނަންބަރު ދިމާނުވާކަން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.

އެހެންކަމުން ސައިކަލުގެ އަސްލު ނަންބަރުތައް ސިސްޓަމް މެދުވެރިކޮށް ޗެކްކުރުމުން އެއީ ވަގަށް ނަގާފައިވާ ސައިކަލެއްކަން ކަށަވަރުވެފައިވާ ކަމަށާއި، އެ މައްސަލައާ ގުޅިގެން ވަގަށް ނަގާފައިވާ އުޅަނދެއް ބޭނުންކުރި ކަމުގެ ތުހުމަތުގައި އެ ދެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، ކުށްކުރާ ބިދޭސީންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މީގެ ކުރިން ސަރުކާރުން ދީފައިވެއެވެ.

comment ކޮމެންޓް