ކިޑްނީގައި ހިލަ އުފެދުން: ކުއްލި ގަދަ ވޭނަކަށް ވުރެ ބޮޑު ނުރައްކަލެއް

ކިޑްނީގައި ހިލައުފެދުމުގެ އުނދަގޫ ގިނަ މީހުންނަށް ފުރަތަމަ ފަހަރަށް އިހުސާސް ކުރެވެނީ، ކުއްލިއަކަށް ފެށޭ ކެތްކުރަން ދަތި ގަދަފަދަ ރިހުމަކާ އެކުގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކިޑްނީގައި ހިލަ އުފެދުމުގެ އުނދަގޫ ގިނަ މީހުންނަށް ފުރަތަމަ ފަހަރަށް އިހުސާސް ކުރެވެނީ، ކުއްލިއަކަށް ފެށޭ ކެތްކުރަން ދަތި ގަދަފަދަ ރިހުމަކާ އެކުގައެވެ. ބުރަކަށިން ނުވަތަ އަރިކަށިން ފަށައިގަންނަ މި ގަދަ ވޭނަކީ، ކުއްލި ފަރުވާއަށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަން މަޖުބޫރު ކުރުވާ ފަދަ ބޮޑު ތަކުލީފެކެވެ.

ކިޑްނީގައި ހިލަ އުފެދެން މެދުވެރިވަނީ ކުޑަކަމުދާ ތަކެތީގައި ހިމެނޭ ދިޔާބައި މަދުވެ، ހިލަ އުފެދުމަށް މަގުފަހިވާ މާއްދާތައް ގިނަވުމުން ނުވަތަ އެ މާއްދާތައް ގިރުވައިދިނުމުގެ ޤުދުރަތީ ނިޒާމަށް ބުރޫއެރުމުގެ ސަބަބުންނެވެ. އިންޑިއާގެ މަޝްހޫރު ޔޫރޮލޮޖިސްޓެއް ކަމަށްވާ، ގުރުގްރާމްގެ މެދާންތާ ދަ މެޑިސިޓީގެ ޗެއާމަން އޮފް ޔޫރޮލޮޖީ އެންޑް ރީނަލް ޓްރާންސްޕްލާންޓް، ޑރ. ރާޖޭޝް އަހުލާވަތު ފާހަގަކުރައްވާ ގޮތުގައި، ކުޑަކަމުދާ ނިޒާމުގައި ކެލްސިއަމް، އޮކްސަލޭޓް އަދި ޔޫރިކް އެސިޑް ފަދަ މަޢުދަންތަކާއި ލޮނުގެ ބާވަތްތަކުގެ މިންވަރު މާބޮޑަށް ގަދަވެގެން ދިއުމުން ކުދި ކްރިސްޓަލްތައް އުފެދެން ފަށައެވެ.

އެފަދަ ކުދި އެތިކޮޅުތައް އެއްވެސް އުނދަގުލަކާ ނުލައި ހަށިގަނޑުން ބޭރުވެގެން ދިޔުމުގެ ފުރުސަތު އޮތް ނަމަވެސް، ދުވަސްވާ ވަރަކަށް މި މާއްދާތައް އެކަތި އަނެކައްޗާ ގުޅި، ބޮޑެތި ހިލަތަކަށް ބަދަލުވެގެންދަނީއެވެ. ހިލަ ކުޑަކަމުދާ ހޮޅީގައި ތާށިވެ ބެދުމާ ހަމައަށް އެއްވެސް އުނދަގުލެއް ނުފެނި ގިނަ ދުވަސްތަކެއް ވޭތުވެދާނެ ކަމަށާއި، ނަމަވެސް އެ ހިލަ ދަތުރުކުރަން ފެށުމުން އަރިކަށިން ފެށިގެން ބުރަކައްޓަށް ގަދަޔަށް އަޅާ ވޭނާއި، ކުޑަކަމުދާއިރު ދިލަނެގުމާއި، ކުޑަކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުމުގެ އިތުރުން މޭނުބައިކޮށް ހޮޑުލެވުން ފަދަ އުނދަގޫތައް ފެންނަން ފަށާކަމަށް ޑރ. އަހުލާވަތު ވިދާޅުވެއެވެ.

ކިޑްނީގައި ހިލައުފެދެން މެދުވެރިވަނީ ކުޑަކަމުދާ ތަކެތީގައި ހިމެނޭ ދިޔާބައި މަދުވެ، ހިލަ އުފެދުމަށް މަގުފަހިވާ މާއްދާތައް ގިނަވެ، އެ މާއްދާތައް ގިރުވައިދިނުމުގެ ޤުދުރަތީ ނިޒާމަށް ބުރޫއެރުމުގެ ސަބަބުން-- ފޮޓޯ/އިންޑިއަންްއެކްސްޕްރެސް

ދެ ޖިންސުގެ މީހުންގެ ހަށިގަނޑުގައި ވެސް ހިލައުފެދުމުގެ އަސާސީ މަރުޙަލާ އެއްގޮތް ނަމަވެސް، މި ބަލި ޖެހުމަށް މަގުފަހިވާ ސަބަބުތަކާއި އެކަމުގެ ނުރައްކާ އޮތް މިންވަރުގައި ފާހަގަކޮށްލެވޭ ތަފާތުތަކެއް ހުރެއެވެ. ޒަމާނުއްސުރެ މިއީ މައިގަނޑު ގޮތެއްގައި ފިރިހެނުންނަށް ކުރިމަތިވާ މައްސަލައެއްގެ ގޮތުގައި ބެލެވުނު ނަމަވެސް، ފަހަކަށް އައިސް މި ދެމެދުގައިވާ ފަރަގު ވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއިންބުއިމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކާ ގުޅިގެން، އަންހެނުންގެ މެދުގައި ވެސް މި ބަލި ތަޙައްމަލުކުރާ މިންވަރު މިހާރު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

މި ބަލިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ ވަރުގަދަ އަދި ޤުދުރަތީ ފިޔަވަޅަކީ ހަށިގަނޑުން ފެންމަދުވިޔަ ނުދީ، އެކަށީގެންވާ މިންވަރަކަށް ދިޔާ އެއްޗެހި ބޭނުންކުރުމެވެ. މިކަމަށް ބާރުއަޅުއްވައި، އިންޑިއާގެ މަޝްހޫރު އެޕޯލޯ ހޮސްޕިޓަލްސްގެ ސީނިއާ ކޮންސަލްޓަންޓް ޔޫރޮލޮޖިސްޓް، ޑރ. ސަންޖީވް ގުލާތީ ވިދާޅުވާ ގޮތުގައި، ކޮންމެ މީހަކު ވެސް ދުވާލަކު މަދުވެގެން ދެ ލީޓަރާއި ތިން ލީޓަރާ ދެމެދުގެ މިންވަރަކަށް ފެން ބުއިމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އޭނާ ފާހަގަކުރައްވާ ގޮތުގައި އެންމެ މުހިންމު ކަމަކީ ދުވާލަކު މަދުވެގެން ދެ ލީޓަރުގެ ކުޑަކަމުދާ ތަކެތި ހަށިގަނޑުން ބޭރުވުމެވެ. ކުޑަކަމުދާ ތަކެތީގެ ކުލަ ގަދަ ރީނދޫ ނުވަތަ މުށި ކުލައެއްގައި ހުރުމަކީ ހަށިގަނޑުގައި ފެންމަދުވެ، ހިލައުފެދުމުގެ ފުރުސަތު ބޮޑުވެފައިވާކަން އަންގައިދޭ ނިޝާނެއް ކަމަށް ވާތީ، ކުޑަކަމުދާ ތަކެތީގެ ކުލަ އަލިކޮށް ބެހެއްޓުމަށް އަބަދުވެސް ސަމާލުކަން ދޭންޖެހެއެވެ.

ކޮންމެ ދުވަހެއްގެ ކެއުމުގައި ލުނބޯފެން ފަދަ ސިޓްރިކް އެސިޑް އެކުލެވޭ ބުއިމެއް ހިމެނުމަކީ ކުދި ކްރިސްޓަލްތައް ބޮޑެތި ހިލަތަކަށް ބަދަލުވުން ހުއްޓުވައިދޭނެ ކަމެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ކެއިންބުއިމުގެ ވައްޓަފާޅިއަށް ބަލާއިރު، ޑރ. ގުލާތީ އާއި ޑރ. އަހުލާވަތު ވެސް އިއްތިފާގުވެވަޑައިގަންނަވާ ގޮތުގައި، ކާނާގައި ލޮނު އެކުލެވޭ މިންވަރު ކޮންޓްރޯލްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ސަބަބަކީ ލޮނު ގިނަވުމަކީ ކުޑަކަމުދާ ނިޒާމުގައި ކެލްސިއަމް ޖަމާވުމަށް މަގުފަހިކޮށްދޭ މައިގަނޑު އެއް ސަބަބަށް ވާތީއެވެ.

ހަމައެއާއެކު ރަތް މަހާއި އެނިމަލް ޕްރޮޓީން މާގިނައިން ބޭނުންކުރުން މަދުކޮށް، ކޮންމެ ދުވަހެއްގެ ކެއުމުގައި ލުނބޯފެން ފަދަ ސިޓްރިކް އެސިޑް އެކުލެވޭ ބުއިމެއް ހިމެނުމަކީ ކުދި ކްރިސްޓަލްތައް ބޮޑެތި ހިލަތަކަށް ބަދަލުވުން ހުއްޓުވައިދޭނެ ކަމެކެވެ. މީގެ އިތުރުން ގިނަ މީހުންނަށް ހީވެފައި އޮންނަ ގޮތާ ޚިލާފަށް ކެލްސިއަމް އެކުލެވޭ ކާނާ މުޅިން ހުއްޓާލުމަކީ ހަށިގަނޑުގައި އޮކްސަލޭޓް ގިނަވެ ހިލައުފެދުމުގެ ފުރުސަތު އިތުރުވާ ކަމަކަށް ވާތީ، ކާނާއިން ލިބޭ ޤުދުރަތީ ކެލްސިއަމް މެދުމިންވަރަކަށް ހަށިގަނޑަށް ބޭނުންވާނެއެވެ.

މީގެ އިތުރުން، އަންހެނުން މާބަނޑުވާ ދުވަސްވަރު ކުޑަކަމުދާ ނިޒާމުގެ ކެމިކަލް މާއްދާތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން، ހިލައުފެދުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ. އަދި ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކާއި މެޓަބޮލިޒަމް ހުންނަ ގޮތަކީ ވެސް، އަންހެނުންނަށް މި ބަލީގެ ނުރައްކާ ކުރިމަތިވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.

ޑޮޓަރުން ހަނދާންކޮށްދެއްވާ އެންމެ ނާޒުކު އެއް ނުކުތާއަކީ، ވޭނެއް އިހުސާސްވުމުން އަމިއްލައަށް ތަދުކަނޑުވާ ބޭސްތައް ބޭނުންކުރުމަކީ ކިޑްނީއަށް އިތުރު ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމެވެ. ޚާއްސަކޮށް ތަކުރާރުކޮށް ހިލައުފެދޭ މީހުން، އެ ހިލައެއްގައި އެކުލެވޭ މާއްދާތައް ލެބޯޓްރީ ޓެސްޓުތަކުގެ އެހީގައި ދެނެގަނެ، އެ ވައްތަރަކާ ގުޅޭގޮތުން ޑޮކްޓަރެއްގެ އިރުޝާދާއެކު ކާނާގެ ބަދަލުތައް ގެނައުން މުހިންމެވެ. ކިޑްނީގައި ހިލައުފެދުމަކީ ހިމޭންކަމާއެކު ފެށޭ ކަމަކަށް ވިޔަސް، ކުއްލިއަކަށް ގަދަޔަށް ރިއްސަން ފެށުމާއެކު ހުންއައުން، ކުޑަކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން، ނުވަތަ ކުޑަކަމުދާން ދަތިވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ވަގުތުން ފަރުވާ ހޯދުމަކީ ކިޑްނީ ދުޅަވެ ދާއިމީ ގޮތެއްގައި ހަލާކުވުމުން ރައްކާތެރިވުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ.

comment ކޮމެންޓް