ޢުމުރުން ދުވަސްވަމުން އަންނައިރު ކަކުލުގައި ރިއްސުމަކީ ކޮންމެހެން ތަޙައްމަލުކުރަންޖެހޭ ކަމެއް ނޫނެވެ. ގިނަ ފަހަރަށް ކަކުލުގެ ރިހުމަކީ މުސްކުޅިވުމުގެ ނިޝާނެއް ކަމަށް ނުވަތަ ހަށިގަނޑުގެ ބަރުދަން އިތުރުވުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ދެކި އަޅާނުލައި ދޫކޮށްލެވެއެވެ.
ނަމަވެސް، މިކަމުގެ ޙަޤީޤަތް މިއަށްވުރެ ފުންވެފައި ފުޅަލެވެ. މިކަމާ ގުޅޭ ޞިއްޙީ މަޢުލޫމާތުތައް ދެނެގަތުމަކީ ކޮންމެ ޢުމުރެއްގައި ވެސް ކަކުލުގެ ދުޅަހެޔޮކަން ރައްކާތެރިކުރުމަށް ކޮންމެހެން މުހިންމު ކަމެކެވެ.
ހުޅުތަކާއި ކަށީގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުން ފާހަގަކުރައްވާ ގޮތުގައި، ކަކުލުގެ ދުޅަހެޔޮކަމަށް ހަށިގަނޑުގެ ބަރުދަނާއި ޢުމުރުގެ އިތުރުން މަސްތަކުގެ ބާރާއި ދިރިއުޅުމުގެ އާދަކާދަތަކުން ވަރަށް ބޮޑު ނުފޫޒެއް ފޯރުވައެވެ.
ހަށިގަނޑުގެ ބަރުދަނަކީ ކަކުލުގެ ޞިއްޙަތާ ސީދާ ގުޅިފައިވާ މުހިންމު ބަޔެކެވެ. އިންޑިއާގެ ކައިލާޝް ހޮސްޕިޓަލުގެ ޖޮއިންޓް އެންޑް ނީ ރިޕްލޭސްމަންޓް ސާޖަން ޑރ. ސުޝީލް ޝަރުމާ ވިދާޅުވި ގޮތުގައި، ހަށިގަނޑަށް އިތުރުވާ ކޮންމެ ބަރުދަނަކީ ހިނގުމާއި، ސިޑިން އެރުމާއި، އަދި ކޮޅަށް ހުންނަ ހުރުމުގައި ކަކުލަށް އެޅޭ ބާރު އިތުރުކޮށްދޭ ކަމެކެވެ. މިގޮތަށް ކަކުލަށް ދެމިގެންދާ ގޮތެއްގައި ބާރުބޮޑުވުމަކީ ރިހުން އުފެދި، ފަހުން އޮސްޓިއޯއާތުރައިޓިސް ފަދަ ސީރިއަސް މައްސަލަތަކަށް މަގުފަހިކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ފަތާލުން ނުވަތަ ބައިސްކަލު ދުއްވުން ފަދަ ކަކުލަށް މާބޮޑަށް ބާރުނުފޯރާ ލުއި ކަސްރަތުތަކަކީ މަސްތަކުގެ ބާރުގަދަކޮށް، ހުޅުތަކުގެ ހަރަކާތްތެރިކަން އިތުރުކުރުމަށް އެންމެ އެކަށީގެންވާ ކަންކަން-- ފޮޓޯ/ އިންޑިއާޓީވީ ޕަރަސް ހެލްތުގެ ރޫމަޓޮލޮޖިސްޓް ޑރ. އަނޫ ދަރުބާރު ވެސް ވަނީ މިކަމަށް ބާރުއަޅުއްވާފައެވެ. އޭނާ ވިދާޅުވީ އާންމު ދިރިއުޅުމުގެ ޙަރަކާތްތަކުގައި ބަރުދަން އިތުރުވުމުގެ ސަބަބުން ކަކުލަށް ލިބޭ ލޮޅުން ބޮޑުވެ، ދިގު މުއްދަތުގައި ހުޅުތަކުގެ ދުޅަހެޔޮކަން ގެއްލިގެންދާ ކަމަށެވެ.
ޢުމުރުން ދުވަސްވަމުން އަންނަ ވަރަކަށް ކަކުލުގެ ހުޅުތަކަށް ޤުދުރަތީ ބަދަލުތަކެއް އާދެއެވެ. މީގެ ސަބަބުން ހުޅުތަކުގެ ލުއިކަމާއި ޙަރަކާތްތެރިކަމަށް ހީނަރުކަން ލިބެއެވެ. ޑރ. ޝަރުމާ ފާހަގަކުރެއްވި ގޮތުގައި، ޢުމުރުން ދުވަސްވުމުން މަސްތަކުގެ ވަރުދެރަވެ، ހުޅުތަކުގެ ޙާލަތު ދަށަށް ދެއެވެ. ޚާއްޞަކޮށް ފަލަމަސްގަނޑުގެ ކުރިމަތީގައި ހުންނަ ކުއަޑްރިސެޕްސް މަސްތަކުގެ ބާރު ދެރަވުމަކީ ކަކުލުގެ ހަމަޖެހުން ނެތިކޮށްލައި، އާންމު ޙަރަކާތްތަކަށް ހުރަސްއަޅާ މައިގަނޑު އެއް ސަބަބެވެ.
ނަމަވެސް ކަކުލުގެ ދުޅަހެޔޮކަމަކީ ހަމައެކަނި ބަރުދަނާއި ޢުމުރާ ގުޅިފައިވާ ކަމެއް ނޫނެވެ. ޢާއިލީ ގޮތުން ވާރުތަވާ ޞިއްޙީ މައްސަލަތަކާއި، ކުރިން ލިބިފައިވާ އަނިޔާތަކާއި، ހަށިގަނޑުގެ ހަރަކާތްތެރިކަން ހުންނަ މިންވަރަކީވެސް މީގައި މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ.
ކަކުލުގެ ޞިއްޙަތު ދަމަހައްޓަން އެދޭނަމަ އެންމެ ފުރަތަމަ ކަމަކީ އެކަށީގެންވާ ޞިއްޙީ ބަރުދަނެއްގައި ހުރުމެވެ. މީގެ އިތުރުން ފައިދާހުރި ކާނާ ބޭނުންކުރުމާއި، ޢުމުރާ ގުޅޭގޮތުން ކަސްރަތު ކުރުމަކީ މުހިންމު ކަމެކެވެ. ޑރ. ޝަރުމާ އިރުޝާދު ދެއްވާ ގޮތުގައި ފަތާލުން ނުވަތަ ބައިސްކަލު ދުއްވުން ފަދަ ކަކުލަށް މާބޮޑަށް ބާރުނުފޯރާ ލުއި ކަސްރަތުތަކަކީ މަސްތަކުގެ ބާރުގަދަކޮށް، ހުޅުތަކުގެ ހަރަކާތްތެރިކަން އިތުރުކުރުމަށް އެންމެ އެކަށީގެންވާ ވަސީލަތްތަކެވެ. އަދި ބަރުދަން ލުއިކުރަން މަސައްކަތްކުރާއިރު އެކަން ކުއްލިއަކަށް ނުކޮށް، މަޑުމަޑުން ބަރުދަން ލުއިކުރުމަކީ ކަކުލަށް ކުރާ ނޭދެވޭ އަސަރު ކުޑަކޮށްދޭނެ ކަމެކެވެ.
ކަކުލުގައި ރިއްސުމާއި، ހަރުއެރުމާއި، ދުޅަވުން ފަދަ އުނދަގޫތައް ދިގުލައިގެންދާނަމަ، އެއީ ޢުމުރުން ދުވަސްވުމުން ވާނެ ކަމެއް ކަމަށް ބަލައި ދޫކޮށްލުމަކީ ހެދޭ ވަރަށް ބޮޑު ގޯހެކެވެ. ޑރ. ދަރުބާރު ވިދާޅުވާ ގޮތުގައި މިފަދަ ޢަލާމާތްތައް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަންވާނެއެވެ. ކުރީކޮޅުގައި ބަލި ދެނެގަނެވިއްޖެނަމަ، އެކަށީގެންވާ ފަރުވާ ހޯދައި، ޢުމުރުން ކިތަންމެ ދުވަހެއް ވިޔަސް ހަރަކާތްތެރި، އުފާވެރި ދިރިއުޅުމެއް ވޭތުކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ.