ރަސްމާލޭ ބޮޑު މަޝްރޫއަށްވުރެ މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭނެ ހަރުމުދަލެއް ވިއްކުން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ކުރިއަށް ގެންދަން މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއެވެ.
https://x.com/MohamedNasheed/status/2101985228562878536
އެކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދައުލަތުގެ ދަރަނި އަދާ ކުރުމަށް ޕްރައިވެޓައިޒް ކުރުން ނުވަތަ ހަރުމުދާ ވިއްކުމަކީ ރަނގަޅު ކަމެއް ކަމަށެވެ. އެގޮތުން ރަސްމާލޭގައި ވޯޓާފްރޮންޓެއް ތަރައްގީކުރުމަކީ ރަނގަޅު ޚިޔާލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންނަމަވެސް އެއީ މިވަގުތު ރާއްޖެ މާލީ ދަތިކަމުން އަރައިގަތުމާ ކުޑަކޮށް ވެސް ގުޅުން ހުރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި މަޝްރޫއުގެ ހުރިހާ ކަމެއް އެންމެ ރަނގަޅަށް ދިޔަ ނަމަވެސް އެ ތަނުން ދައުލަތަށް އެއްޗެއް ލިބޭން އަދި މަދުވެގެން ދެ އަހަރު ނަގާނެ ކަމަށެވެ. އެހެންކަމުން މިވަގުތު މުހިންމީ ވަގުތުން ފައިސާ ލިބޭ ގޮތަށް ދައުލަތުގެ ހަރުމުދަލެއް ވިއްކުން ކަމަށް ނަޝީދު ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދުގެ ވެރިކަމުގައި ދިރާގާއި، މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި އޮތް ދައުލަތުގެ ހިއްސާ ވިއްކާލައި އެ ކުންފުނިތައް ވަނީ ޕްރައިވެޓައިޒް ކޮށްފައެވެ. ހަމައެއާއެކު ނަޝީދުގެ ވެރިކަމުގައި، 2010 ވަނަ އަހަރު މައި އެއާޕޯޓު 25 އަހަރު ދުވަހުގެ މުއްދަތަށް ޖީއެމްއާރަށް ކުއްޔަށް ވެސް ދިނެވެ.
މި ސަރުކާރުން ވަނީ ދިރާގާއި އެމްޑަބްލިއުއެސްސީގެ ސަރުކާރު ހިއްސާ އަލުން ގަންނަން ނިންމައިފައެވެ. އެކަމަށް ވެސް ފާޑުވިދާޅުވެ ނަޝީދު ވިދާޅުވީ ދިރާގަށް ސަރުކާރުގެ ނުފޫޒު ނެތީ އެ ކުންފުނި ޕްރަވަޓައިޒް ކޮށްފައިވުމުން ކަމަށާއި، ސަރުކާރުން ހިއްސާ ގަތުމަކީ ބޭކާރު ޚަރަދެއް ކަމަށެވެ.