ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ކޮންގްރެސް ޖަލްސާގައި ކުރީގެ ރައީސް އަދި އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއަޕާސަން މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ.
ވެރިކަންކުރާ ޕީއެންސީގެ މަތީ މަޖިލިސް، ނުވަތަ ކޮންގްރެސް މިއަދު ވަނީ ފަށައިފައެވެ. މި ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި އެ ޕާޓީ ތަމްސީލުކުރައްވާ ކައުންސިލުތަކުގެ ރައީސުންނާއި އަންހެނުންގެ ކޮމިޓީތަކުގެ ރައީސާއިންނާއި މަންދޫބުން ވަނީ މާލެ އައިސްފައެވެ.
ޕީއެންސީގެ ކޮންގްރެސް ކުރިއަށް ދާނީ މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.
މިރޭ ކުރިއަށްދިޔަ މި ކޮންގްރެސްގެ ރަސްމީ ޖަލްސާއަށް ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ދައުވަތު އަރުވައިފައެވެ. މިއީ އާއްމުކޮށް ވެސް ކުރާ ކަމެކެވެ. އެގޮތުން މިރޭގެ ޖަލްސާގައި އެމްޑީޕީގެ އިތުރުން އެމްއެންޕީ އަދި އަދާލަތު ޕާޓީގެ ލީޑަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޕީއެންސީ ކޮންގްރެސް ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: ޕީއެންސީނަމަވެސް މިއީ ކުރިން ވެރިކަން ކުރެއްވި ބޭފުޅަކު މިފަދަ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ޖަލްސާއަށް ނަޝީދަށް މަރުހަބާ ދަންނަވައި، ސަލާމް ކުރައްވައިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން ނަޝީދު ވަނީ، އެމަނިކުފާނުގެ ވެރިކަމަށްފަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގެ ހުވާކުރެއްވި ރަސްމިއްޔާތަށް ވެސް ވަޑައިގެންފައެވެ.
ސިޔާސީ ޕާޓީތަކަށް ބަލާއިރު މިވަގުތު ޕީއެންސީއަށް ފަހު ދެން އެންމެ ބޮޑު ޕާޓީއަކީ ވެސް އެމްޑީޕީއެވެ.
މިވަގުތު ރާއްޖޭގައި އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައިވާ ގޮތުން، އެ ޕާޓީގައި މިވަގުތު 67،579 މެންބަރުން އެބަ ތިއްބެވެ. އެ ޕާޓީން ބުނާގޮތުގައި މެންބަރުންގެ އަދަދު ވަނީ 70،000 އިން މައްޗަށް ގޮސްފައެވެ.
ޕީއެންސީގެ ކޮންގްރެސް މިއަދު އިފްތިތާހުކޮށްދެއްވީ ރައީސެވެ. މި ކޮންގްރެސްގައި ޕީއެންސީން މުހިއްމު ބައެއް ނިންމުންތައް ނިންމާއިރު އެ ޕާޓީގެ ނައިބު ރައީސުން ވެސް ހޮވާނެއެވެ.