ސައިކަލު މޫދަށް ވެއްޓި، ގަމުގައި އަނިޔާވި ޒުވާނާ މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާދެނީ

ލ. ގަމުގައި މޫދަށް ވެއްޓުނު ސައިކަލު ނަގަނީ: މި ހާދިސާގައި އަނިޔާވި ޒުވާނާއަށް ވެންޓިލޭޓަރުގައި އަންނަނީ ފަރުވާ ދެމުން ---

ލ. ގަމުގައި އިއްޔެ އޮތް ރޭސިން މުބާރާތެއްގައި ސައިކަލާއެކު އެ ދުއްވަން އިން ޒުވާނާ މޫދަށް ވެއްޓި ހިނގި ހާދިސާގައި އޭނާ މާލެ ގެނެސް ވެންޓިލޭޓަރުގައި ފަރުވާދޭން ރޭ ފަށައިފިއެވެ.

އިއްޔެ ހެނދުނު ގަމުގައި އޮތް "ރޭސިން ޗެމްޕިއަންޝިޕް - ލާމު އެޑިޝަން"ގެ ތެރެއިން ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ދުއްވަން އިން މީހާއާއެކު މޫދަށް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި އަނިޔާވީ 20 އަހަރުގެ ޒުވާނަކަށެވެ.

ފުލުހުން ބުނީ، އެ ރޭސިން މުބާރާތުގައި ބައިވެރިވި ސައިކަލެއް ކޮންޓްރޯލުން ނެއްޓި، ދުއްވަން އިން މީހާއާއެކު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހެނދުނު 09:54 ހާއިރު ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ޒުވާނާއަށް ލިބުނު އަނިޔާތަކާ ގުޅިގެން ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި އެނދުމަތިކޮށްގެން ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ މާލެ ބަދަލުކޮށްފައެވެ.

އައިޖީއެމްއެޗުން 'ސަން'އަށް މިއަދު ބުނީ، އެ ޒުވާނާއަށް އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، އެ ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ގެންދަނީ ބަލަމުންނެވެ.

comment ކޮމެންޓް