ރާ ބޮއެގެން މާލޭގެ އޮފީހެއްގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، ތިޖޫރީތަކަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މީހަކު، ދައުލަތާއެކު އިޢުތިރާފުގެ އެއްބަސްވުމެއް ހެދުމުން އޭނާގެ މައްޗަށް ސާބިތުވި ހަތަރު ދައުވާއަށް ޖުމްލަ 55,000 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައި ވަނީ ގ. ތަލްވާރޭ، ޢަބްދުންﷲ އަޒާން މަޖީދުގެ މައްޗަށެވެ.
މި ހާދިސާ ހިނގާފައި ވަނީ ޖޫން 27، 2019 ވިލޭރޭ ދަންވަރު 02:59 ހާއިރެވެ.
އަޒާން މަޖީދު ވަނީ މާލޭ މަޖީދީމަގުގައި ހުންނަ "ލިންކް ސާވް ރެޑްބޮކްސް" އޮފީހުގެ ބޭރު ދޮރު ދަތްދަގަނޑެއް ބޭނުންކޮށްގެން ހަލާކުކޮށްލައިގެން އެތަނަށް ވަދެފައެވެ. އަދި އެ އޮފީހުން ދެ ތިޖޫރީއާއި، ކަޅުކުލައިގެ ޓެބްލެޓަކާއި، ކަޅުކުލައިގެ އައިފޯނު އެކްސްއެސްއަކާއި، ނޮން-ބްރޭންޑް ސްމާޓް ގަޑިއެއް ވަގަށް ނަގައި، އެ ދެ ތިޖޫރީ ވަނީ ހަލާކުކޮށްލާފައެވެ.
މި މައްސަލައިގައި އަޒާންގެ މައްޗަށް، ބަނގުރާ ބުއިމުގެ ދައުވާއާއި، މުދަލަށް ގެއްލުން ދިނުމުގެ ދައުވާއާއި ވައްކަން ކުރުމުގެ ދައުވާގެ އިތުރުން، އެނގި ހުރެ ހުއްދަ ނޫންތަނަކަށް ވަނުމުގެ ދައުވާ އުފުލިއެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާއެކު ވެވުނު އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން، އަޒާން މަޖީދު ވަނީ ޝަރީޢަތުގެ މަޖިލީހުގައި މި ހަތަރު ދައުވާއަށް ވެސް އަމިއްލަ އިޚްތިޔާރުގައި އިޢުތިރާފުވެފައެވެ.
ޤާނޫނުލްޢުޤޫބާތުގެ 1006 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، އެކަކު އެކި ކުށްތަކަށް އިޢުތިރާފުވުމުން އަދަބު ކަނޑައެޅުމުގައި ކުށުގެ ނުރައްކާތެރިކަމުގެ ކުޑަބޮޑުމިނަށް ބަލައި އަދަބުތައް ވަނީ ކުޑަކޮށްދީފައެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ އިބްރާހީމް ޛިހުނީ ކުރެއްވި ޙުކުމްތަކުގެ ތެރެއިން ވައްކަން ކުރުމުގެ ކުށުގެ ދައުވާއަށް، އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން 41,000 ރުފިޔާއިން ޖޫރިމަނާކުރިއެވެ. އަދި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާއަށް 10,800 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިތުރުން، މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދައުވާ އަށް 2,600 ރުފިޔާގެ ޖޫރިމަނާއެއް އެރިއެވެ. އަދި ބަނގުރާ ބުއިމުގެ ކުށުގެ ދައުވާއަށް 600 ރުފިޔާއިން ޖޫރިމަނާކުރިއެވެ.