ގިނަ އަދަދެއްގެ ވޭޕާއި ޑުރަގާއެކު ހައްޔަރުކުރުން: އެކަކު ކޯޓުގައި އެދުނީ ތަހުގީގު އަވަސްކޮށްދޭން

މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި ހައްޔަރުކުރި އީޝާއާއި ޝާވިން އަދި ނާހިލް: ތިން މީހުންވެސް ވަނީ ތަހުގީގު އަވަސްކޮށްދޭން އެދިފައެވެ. --- ފޮޓޯ: ފުލުހުން

ދެ ކިލޯއާ ގާތްކުރާ މަސްތުވާތަކެއްޗާއި 230 ވޭޕް ކާޓްރިޖާއެކު މާލެއިން ހައްޔަރުކުރި ތިން ޒުވާނުންގެ ތެރެއިން އެކަކު، ތަހުގީގު އަވަސްކޮށްދޭން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

އެ މައްސަލައިގައި ތިން މީހަކު ހައްޔަރުކުރީ މި މަހުގެ ދެވަނަ ދުވަހެވެ. އެއީ މަރްޔަމް އީޝާ އަޝްރަފާއި ހުސައިން ޝާވިންގެ އިތުރުން މުޙައްމަދު ނާހިލެވެ.

https://sun.mv/226939

މި މައްސަލައިގައި ފުރަތަމަ ކްރިމިނަލް ކޯޓުން އީޝާއާއި ޝާވިންގެ ބަންދަށް ޖެހީ 15 ދުވަހެވެ. އަދި ނާހިލްގެ ބަންދަށް ޖެހީ ފަސް ދުވަހުވަހެއެވެ. އެއަށްފަހު ކޯޓުން ވަނީ ނާހިލްގެ ބަންދުގެ މުއްދަތު ހަމަވުމުން 10 ދުވަސް ޖަހާފައެެވެ. އެހެންކަމުން ތިން މީހުންގެ ބަންދުގެ މުއްދަތުވެސް ހަމަވާ ގޮތަށް އޮތީ އިއްޔެއަށެވެ.

އެ ތިން މީހުންގެ ބަންދުގެ މުއްދަތު ހަމަވުމުން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ ތިން މީހުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

https://sun.mv/227146

ކޯޓު އަމުރުގައިވާ ގޮތުން އީޝާ ވަނީ މަސްތުވާތަކެތި ފެނުނު ތަނަކީ އޭނާ ދިރިއުޅޭ ތަނެއް ނޫންކަމަށް ކޯޓުގައި ބުނެފައެވެ. އަދި ތަހުގީގު އަވަސްކޮށްދިނުމަށާއި ޝަރުތުކުރުމަށްފަހު ބަންދުން ދޫކުރުމަށް އޭނާ ވަނީ އެދިފައެވެ. ނަމަވެސް އޭނާއަކީ ހައްޔަރާއި ބަންދުގެ ރެކޯޑޮ އޮތް މީހެއްކަމަށާއި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ފައްސިވެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ޝާވިން ވެސް ވަނީ ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ނޫންކަމަށް ކޯޓުގައި ބުނެފައެވެ. އަދި ޝަރުތުކުރުމަށްފަހު ބަންދަށް ލުއިދިނުމަށް އޭނާ ވެސް ވަނީ ކޯޓުގައި އެދިފައެވެ. ޝާވިންއަކީ ވެސް ބަންދުގެ ރެކޯޑު އޮތް މީހެއް ކަމަށާއި އޭނާގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ފައްސިވެފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.

ނާހިލް ވަނީ އެޕާޓްމެންޓުގައި ހުރީ އޭނާ އެކަނި ނޫންކަމަށާއި، އެ ތަނުން ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެހި ނޫން ކަމަށް ބުނެފައެވެ. ޝަރުތުކުރުމަށްފަހު ބަންދަށް ލުއިދިނުމަށް އޭނާވެސް އެދިފައިވާއިރު އޭނާގެ ކުޑަކަމުދާ ތަކެތި ވެސް މަސްތުވާތަކެއްޗަށް ފައްސިވެފައިވާ ކަމަށް ކޯޓު އަމުރުގައިވެއެވެ.

މި އޮޕަރޭޝަނުގައި 1.7 ކިލޯގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން މަސްތުވާތަކެތި އެކުލެވިގެންވާ ކަމަށް ބެލެވޭ 230 ވޭޕް ކާޓްރިޖާއި، 26 ފުޅި ވޭޕް ފްލޭވާ އަދި ބަނގުރާ ފުޅިއެއް ވެސް އެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެއެވެ.

comment ކޮމެންޓް