ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރާއްޖޭގެ އެންމެ ތާރީހީ އެއް ކްލަބް ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ހއ. ދިއްދޫ ސްޕޯޓްސް ކްލަބް ނުކުންނައިރު، މި މެޗަކީ އެތައް ގޮތަކުން ދިއްދޫގެ ކޯޗު މޫސާ އިބްރާހީމް (މުސްތަޓޭ) އަށް ވަރަށް ހާއްސަ މެޗެކެވެ.
ލީގުގައި ދިއްދޫން ކުޅުނު ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ ލީގުގެ ހަތަރެއްގައި ނިންމި ބުރު ސްޕޯޓްސް ކްލަބް އަތުން 1-0 އިން މޮޅުވެފައިވުމީ ޓީމަށް ލިބުނު ބޮޑު ހިތްވަރެކެވެ.
ބުދަދުވަހުގެ ހަވީރު ކުޅޭ މެޗުގެ ކުރިން ވާހަކަދައްކަމުން ކޯޗު މުސްތަޓޭ ފާހަގަކުރި ގޮތުގައި، ރަށުން ބޭރުގައި ހޯދި އެ މޮޅާއެކު ވިކްޓަރީ ފަދަ ބޮޑު ޓީމަކާ ދެކޮޅަށް ނުކުންނައިރު ޕްރެޝަރު ކުޑަވެގެންދިޔަ ނަމަވެސް، ކޯޗިން ކެރިއަރުގައި އޭނާއަށް އެކި ގޮތްގޮތުން ބޮޑެތި އެހީތެރިކަމެއް ވެދެއްވި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އިރުޝާދުދޭ ވިކްޓަރީއާ ދެކޮޅަށް ނުކުންނަން ޖެހުމަކީ އަމިއްލަ ގޮތުން އިހުސާސްތަކެއް އެކުލެވޭ ކަމެކެވެ.
މި މެޗަށް ނުކުންނައިރު ދިއްދޫ ޓީމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ސްކޮޑުގެ 50 އިންސައްތައަށްވުރެ ގިނަ ކުޅުންތެރިންނަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވުމެވެ.
ގަވާއިދުން ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ފުރުސަތު ކުޅުންތެރިންނަށް ނުލިބޭތީ، މުޅި ޓީމަށް އެކީގައި ޕްރެކްޓިސް ކުރެވެނީ މެޗުގެ ކުރީ ދުވަހު ބާއްވާ ޕްރީ-މެޗު ފަރިތަކުރުންތަކުގައި އެކަންޏެވެ.
އެހެންނަމަވެސް، ކޯޗިން ޓީމުން ޓެކްނިކަލީ ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް އަދާކުރަމުންދާ ކަމަށާއި، ވިކްޓަރީގައި ދިއްދޫގެ ކައުންސިލް މުބާރާތްތަކުގައި ކުޅެފައިވާ ކުޅުންތެރިން ތިބުމުން އެ ކުޅުންތެރިންގެ ކުޅުން ވަޒަންކުރަން އެނގޭކަން މުސްތަޓޭ ފާހަގަކުރިއެވެ.
ހއ. އަތޮޅު ޗެމްޕިއަންކަމާއި ސައުތު ރީޖަން ލީގު ކާމިޔާބުކޮށް، ކޮލިފިކޭޝަންގެ ގަދަ ހަތަރަކުން ލީގަށް އައި ދިއްދޫން އުންމީދު ކުރަނީ ގަލޮޅު ދަނޑުގައި ރާއްޖޭގެ ބޮޑެތި ކްލަބްތަކާ ދެކޮޅަށް ޖެހިލުމެއް ނެތި ތަފާތު ފުޓްބޯޅައެއް ދެއްކުމަށެވެ.
ފުރަތަމަ މެޗުގައި 5-1 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، ވަރުގަދަ ފޯމެއްގައި އޮތް ވިކްޓަރީއާ ދެކޮޅަށް ދިއްދޫން ނުކުންނާނީ ސަޕޯޓަރުންގެ ހިތްވަރާއެކު ލީގުގައި ސަޕްރައިޒިން ނަތީޖާއެއް ނެރުމުގެ އަޒުމުގައެވެ.
ދިއްދޫ އާއި ވިކްޓަރީ ބައްދަލުކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައި ގަލޮޅު ދަނޑުގައެވެ.